ކުޅިވަރު
ވެމްކޯއިން ޖެހިޖެހިގެން ހަތަރު ވަނަ ފަހަރަށް ގައުމީ ވޮލީބޯޅަ މުބާރާތް ކާމިޔާބުކޮށްފި

ވެމްކޯއިން ގައުމީ މުބާރާތުގެ ތަށި އުފުލާލުން، ފޮޓޯ: ރައީސް އޮފީސް
ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ޖެހިޖެހިގެން ހަތަރު ވަނަ ފަހަރަށް ކްލަބް ވެމްކޯއިން ހޯދައިފިއެވެ. ވެމްކޯއިން ފައިނަލް މެޗު ކާމިޔާބުކުރީ 3-2 ސެޓުން ޕޮލިސް ކްލަބް ބަލިކޮށްގެންނެވެ.
ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުޅުނު މި މެޗުގެ ފުރަތަމަ ސެޓު ގެންދިޔައީ ޕޮލިސް ކްލަބުން، 25-23 ޕޮއިންޓުންނެވެ. ނަމަވެސް ކުޅުން ރަގަޅުކޮށް ވެމްކޯއިން ދެވަނަ ސެޓު 25-22 އިން ކާމިޔާބުކޮށް ނަތީޖާ ހަމަހަމަކުރިއެވެ.
ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މި މެޗުގައި ތިން ވަނަ ސެޓު ގެންދިޔައީ އަނެއްކާ ވެސް ޕޮލިސް ކްލަބުންނެވެ. އެއީ 25-23 ޕޮއިންޓުންނެވެ.
ހިތްވަރު އެލުވާނުލާ ކުޅެމުން ދިޔަ ވެމްކޯ ޓީމުން ދެވަނަ ފަހަރަށް ފަހަތުން އަރާ ޕޮލިސް ކްލަބާ ހަމަކުރިއެވެ. އެ ޓީމުން ހަތަރު ވަނަ ސެޓު ގެންދިޔައީ 25-18 އިންނެވެ. މި ސެޓުގައި ޕޮލިސް ކްލަބްގެ ކުޅުންތެރިންގެ ފުށުން ފެންނަން ފެށި ވަރުބަލިކަމުގެ ނަތީޖާއަކަށްވީ، ފަހު ސެޓު ވެސް ވެމްކޯއިން ކާމިޔާބުކުރުމެވެ. މި ސެޓު ވެމްކޯއިން ގެންދިޔައީ 08-15 އިންނެވެ. ފައިނަލުގެ މޮޅު ކުޅުންތެރިއަކީ ވެމްކޯގެ ނޮކްޔޫން ޕައޮވާނާއެވެ.
މުބާރާތުގެ އެންމެ މޮޅު ތިން ކުޅުންތެރިންނަކީ، ވެމްކޯގެ ޖޫޒާން ޒަރީރާއި އައިޝަތު މާޖިދާގެ އިތުރުން ޕޮލިހުގެ އައިިމިނަތު އަރީޝާ އެވެ. އެންމެ މޮޅު ބިދޭސީ ތިން ކުޅުންތެރިންނަކީ، ޕޮލިހުގެ ގްރަޒިއެލް، ވެމްކޯގެ ޕަޓިޔާ އަދި ހުރާ ކޮމިއުނިޓީ ކްލަބްގެ ވެރޯނިކާ އެވެ. އެންމެ އުންމީދީ ކުޅުންތެރިއަކީ ހުރާގެ އަައިޝަތު ނަސްމާ އަހުމަދު އެވެ. އަދި، އެންމެ މޮޅު ކޯޗަކީ، ވެމްކޯގެ އަހުމަދު އަދީލްއެވެ.
ވެމްކޯއިން މި ފަހަރުގެ އަންހެން ޑިވިޝަނުގެ ވޮލީގައި ވަނީ އެސޯސިއޭޝަން ކަޕާއި ގައުމީ މުބާރާތް ކާމިޔާބުކޮށްފައެވެ. ލީގު ޗެމްޕިއަންކަން ހޯދީ ޕޮލިސް ކްލަބެވެ.