Ads by Aqeeqa Maldives

ޚަބަރު

ސްޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން މަޤާމުން ވަކިކުރުމަށް މަޖިލީހަށް ފޮނުވަން ނިންމައިފި

ސްޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން މަޤާމުން ވަކިކުރުމަށް މަޖިލީހަށް ފޮނުވަން ނިންމައިފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު، ފަނޑިޔާރު މަހާޒް އަލީ ޒާހިރު އަދި ފަނޑިޔާޒު އަޒްމިރަލްދާ ޒާހިރު--- ފޮޓޯ: މިހާރު

04 މޭ 2025، 09:58

ސްޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން މަޤާމުން ވަކިކުރުމަށް މަޖިލީހަށް ފޮނުވަން ނިންމައިފިއެވެ. 

ޖުޑީޝިއަލް ސާރވިސް ކޮމިޝަނުން ނެރުނު ބަޔާނެއްގައި ހާމަކޮށްފައިވާ ގޮތުގައި، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑޮކްޓަރ އަޒްމިރާލްދާ ޒާހިރު އަދި ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު ފަނޑިޔާރުކަމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލިހަށް ފޮނުވުމަށް އެ ކޮމިޝަނުން ވަނީ މިހާރު ނިންމާފައެވެ. 
އެ ކޮމިޝަނުގެ މި ނިންމުމަކީ، ފަނޑިޔާރު އަޒްމިރާލްދާ އާއި ފަނޑިޔާރު މަޙާޒު ކްރިމިނަލް ކޯޓުގެ މައްސަލައެއްގައި ނުފޫޒު ފޯރުވިކަން ތަޙުޤީޤު ކޮމެޓީއަށް ޔަގީންވެފައި ވާތީ އެޅުމަށް ނިންމާފައިވާ ފިޔަވަޅެއްކަމަށް ބަޔާނުގައި ހާމަކޮށްފައިވެއެވެ. އަދި މިއީ މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ 4 ވަނަ ދުވަހު ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދެވުނު ފަރާތަކާ ގުޅޭ މައްސަލައެއްކަން ވެސް ވަނީ ހާމަކޮށްފައެވެ.

އަދި މި މައްސަލައިގައި އެ ފަނޑިޔާރުންނާ މެދު ފިޔަވަޅު އަޅަނީ ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނާއި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑަށް ރިއާޔަތްކޮށްފައިކަމަށް ވެސް އެ ބަޔާނުގައި ވަނީ ބުނެފައެވެ. މި ނިންމުމަކީ 2025 މޭ 04 ވަނަ ދުވަހު ބޭއްވުނު އެ ކޮމިޝަންގެ މި އަހަރުގެ 18 ވަނަ ޖަލްސާގައި ނިންމާފައިވާ ނިންމުމެކެވެ. 

މި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް ވަނީ އެޖެންޑާކޮށްފައެވެ. 

ފަނޑިޔާރުން ނުފޫޒު ފޯރުވިކަމަށް މި ބުނާ މައްސަލައަކީ އަަޒްމިރަލްދާގެ ފިރިކަލުން ޑރ. އިސްމާއިލް ލަތީފް ބަންދުން ދޫކޮށްލުމަށްޓަކައި ކްރިމިނަލް ކޯޓުގެ ގާޒީ ސޮފްއަތު ހަބީބް މެދުވެރިކޮށް، ބަންދު މަޖިލިސް ބެލެހެއްޓެވި ގާޒީ އިބްރާހިމް ޒިހުނީ އަށް ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލައެވެ. 

ފަނޑިޔާރަކު މަގާމުން ވަކިކުރެވޭނީ ޖޭއެސްސީން ހުށަހަޅާ ހުށަހެޅުމަށް ބިނާކޮށް މަޖިލީހުގެ ޖަލްސާގައި ބައިވެރިވާ މެމްބަރުންގެ ތިން ބައި ކުޅަ ދެ ބައި މެމްބަރުންގެ ވޯޓުންނެވެ.

މީގެ އިތުރުން ފަނޑިޔާރު އަޒްމިރަލްދާ އާއި ފަނޑިޔާރު މަޙާޒުއާ ގުޅޭ އިތުރު މައްސަލައެއް ވެސް ޖޭއެސްސީން ބަލަމުންދެއެވެ. އެއީ ހައި ކޯޓުގެ އެސިސްޓެންޓް ރެޖިސްޓްރާ ހުސައިން މުހައްމަދު ހަނީފް ސުޕްރީމް ކޯޓަށް ހާޒިރުކޮށް، އެ ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު ހުތުރު ބަހުން ވާހަކަ ދެއްކެވި ކަމަށް ބުނާ މަޖިލީހުގައި އެ ދެ ފަނޑިޔާރުން ތިއްބެވި ކަމަށް ބުނާ މައްސަލައެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS