ކުޅިވަރު
ބީޗް ހޭންޑްބޯލް އޭޝިއަން ޗެމްޕިއަންޝިޕުގައި ވާދަކުރާ ދިވެހި ޓީމު އޮމާންއަށް ފުރައިފި

ގައުމީ ބީޗް ހޭންޑްބޯލް ޓީމް ---
ދިހަވަނަ ބީޗް ހޭންޑްބޯލް އޭޝިއަން ޗެމްޕިއަންޝިޕުގައި ވާދަކުރާ ދިވެހި ޤައުމީ ޓީމު އޮމާންއަށް ފުރައިފިއެވެ. މިއީ ބީޗް ހޭންޑްބޯލް މުބާރާތެއްގައި ރާއްޖޭގެ ޓީމެއް ވާދަކުރާ ފުރަތަމަ ފަހަރު ވެސް މެއެވެ.
ފުރަތަމަ މުބާރާތް ކަމުގައި ވިޔަސް، މި ޓީމު ފުރީ މުބާރާތުން މެޑައްޔެއް ހޯދުމުގެ އަމާޒުގައިކަމަށް ވަނީ ހާމަކޮށްފައެވެ. އެގޮތުން އަށް މަސް ދުވަސް ވަންދެން ޓީމު ވަނީ ފަރިތަކުރުންތައް ބާއްވައި، މުބާރާތަށް ރަގަޅަށް ތައްޔާރުވެފައެވެ.
ޓީމުގެ ތައްޔާރީތަކާ ގުޅިގެން ހޭންޑްބޯލް މޯލްޑިވްސްގެ ރައީސް އަޙްމަދު މުޖުތަބާ (މުޖޭ) ވިދާޅުވީ، އޭޝިއަން ޗެމްޕިއަންޝިޕަށް ޓީމު އޮތީ ވަރަށް ޖޯޝުގައި ކަމަށާއި، ތައްޔާރީތަކާއިމެދު ވަރަށް ބޮޑަށް ހިތްހަމަ ޖެހޭ ކަމަށެވެ. އަދި ޓީމު ތައްޔާރު ކުރުމަށް ކޯޗު ކުރި ބުރަ މަސައްކަތަށް މުޖޭ ވަނީ ތަޢުރީފު ކޮށްފައެވެ.
ޓީމުގެ ކޯޗަކީ، ސަރަހައްދީ ފެންވަރުގެ ބޮޑެތި މުބާރާތްތަކުގެ ތަޖުރިބާ ހުރި ޕާކިސްތާނުގެ މަޝްހޫރު ކޯޗު އާސިމް ރާޝިދެވެ.
ޓީމުގެ ފަރިތަކުރުންތައް ކުޅުދުއްފުށީގައި ކުރިޔަށްދިޔައިރު، ޓީމުގައި ހިމެނޭ ގިނަ ކުޅުންތެރިން ނިސްބަތްވަނީ ވެސް ކުޅުދުއްފުއްޓަށެވެ.
އޮމާނަށް ފުރި ޤައުމީ ޓީމާއި ޖާޒީ ހަވާލުކުރުމުގެ ރަސްމިއްޔާތު ރޭ ހެންވޭރު ބޯޅަގޭގައި ބާއްވާފައިވާއިރު އެ ރަސްމިއްޔާތުގައި ކުޅިވަރާއި ބެހޭ ވަޒީރު އަބުދުﷲ ރާފިއު އާއި އޮލިމްޕިކް ކޮމިޓީގެ އިސްބޭފުޅުން ބައިވެރިވެވަޑައިގެން ޓީމަށް ހިތްވަރު ދެއްވާފައިވެއެވެ.