ޚަބަރު
ސިޔާސީ މަޤާމުތަކުގެ އަދަދާއި އެކަމަށް ހޭދަކުރެވޭނެ ބަޖެޓު ޤާނޫނަކުން ކަނޑައަޅަނީ

3 މެއި 2025ގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ---
ކޮންމެ ސަރުކާރެއްގައި ވެސް ސިޔާސީ މަޤާމުތަކަށް ބޭފުޅުން އައްޔަން ކުރެވޭނެ އަދަދުތަކާއި، ސިޔާސީ މަޤާމުތަކަށް ވަޑައިގަންނަވާ ބޭފުޅުންގެ މުސާރަ އާއި އިނާޔަތްތަކަށް އެންމެ ގިނަވެގެން ހޭދަކުރެވޭނެ ބަޖެޓެއް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ގޮތަށް ޤާނޫނެއް ހަދަން ނިންމަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އިއްޔެ އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި މި މަޢުޟޫއަށް ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މިއީ "ޗެކް އެންޑް ބެލެންސް" ނިޒާމެއްގެ ތެރެއިން ސިޔާސީ މަޤާމުތަކަށް މީހުން އައްޔަނުކުރުމާއި ވަކިކުރުން ހިމެނުމަށް ގެންނަން ބޭނުންވާ އިސްލާހުތަކެއް ކަމަށެވެ. އަދި މިއީ ސިޔާސީ މަޤާމުތަކަށް މީހުން އައްޔަންކޮށް ވަކިކުރުމުގެ މަސައްކަތް މިހާރަށް ވުރެ ހަރުދަނާ ކުރުމުގެ މަޤުސަދުގައި ގެނައުމަށް ނިންމާފައިވާ ބަދަލެއް ކަމަށް ރައީސް ވިދާޅުވިއެވެ.
މި ކަމުގައި ސަރުކާރުން ހުށަހަޅަން ނިންމާފައިވާ ޤާނޫނީ އިސްލާހުތައް:
- ސިޔާސީ މަޤާމުތަކަށް ދައުލަތުގެ ބަޖެޓުން ޚަރަދު ކުރެވޭނީ ގިނަވެގެން ކިހާމިންވަރެއްކަން ޤާނޫނުގައި ބަޔާންކުރުން
- އެންމެ ގިނަވެގެން އައްޔަން ކުރެވޭ ސިޔާސީ މަޤާމުތަކުގެ އަދަދު، މަޖިލީހުން ކަނޑައަޅާގޮތަށް ޤާނޫނު ބަދަލުކުރުން
- ސިޔާސީ މަޤާމުތަކުގައި ތިބޭ ފަރާތްތަކުގެ ތަފްސީލް މަޖިލީހާ ޙިއްސާކުރަންޖެހޭ ގޮތަށް ޤާނޫނު ބަދަލުކުރުން
ރައީސުލްޖުމްހޫރިއްޔާ އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ޤާނޫނުތަކަށް ގެންނަން ބޭނުންވާ އިތުރު އިސްލާޙުތައް ވެސް ޙިއްސާކުރެއްވެވިއެވެ.
މީގެ ތެރޭގައި ހިމެނެނީ:
- ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެކުއެކީ ބޭއްވުން
- ރިޔާސީ ނިޒާމު "ޕްރިފަރެންޝިއަލް ވޯޓިން" ނިޒާމަށް ބަދަލުކޮށް، އިންތިހާބުގެ ދެވަނަ ބުރު ނޯންނަގޮތަށް ހަމަޖެއްސުން
- ރިޔާސީ ދައުރު ފެށޭ ދުވަހަކީ 11 ނޮވެންބަރު ކަމުގައި ކަނޑައެޅުން
- މަޖިލީހުގެ މެންބަރުންގެ އަދަދު އިތުރު ނުވާނެގޮތަށް 93 މެންބަރުންގެ ގޮތުގައި ހިފެހެއްޓުން
- "ރިކޯލް ވޯޓް" ނަގައި ވަކިކުރަން ފާސްވެއްޖެނަމަ، އިންތިހާބީ މަޤާމުތަކުގައި ތިބޭ ފަރާތްތައް ވަކިކުރެވޭނެ ނިޒާމެއް ތަޢާރަފްކުރުން
- އަތޮޅު ކައުންސިލްތައް އުވާލުން
މީގެ ތެރެއިން ރިކޯލް ވޯޓުގައި އިންތިހާބީ މަޤާމުތަކުގައި ތިބި ކައުންސިލަރުންނާއި މަޖިލީހުގެ މެންބަރުން ވެސް ހިމެނޭނެކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން މިފަދަ ވޯޓަކުން، މަޤާމެއްގައި ހުރި މީހަކަށް އިތުބާރު ނެތްކަމަށް ފާސްވެއްޖެނަމަ، އެމީހެއްގެ އިންތިހާބީ މަޤާމު ގެއްލޭނެކަމަށް ރައީސް ވިދާޅުވިއެވެ. އެހެންކަމުން މިއީ، މިހާރު ކައުންސިލަރުންނާއި މަޖިލީހުގެ މެންބަރުން ވަކިކުރެވޭނެ ގޮތެއް ނެތި އޮތް ހުސްކަން ފުރާދޭނެ ބަދަލުތަކެއްކަން އެ މަނިކުފާނު ފާހަގަކުރެއްވެވިއެވެ.