ކުޅިވަރު

ދޮޅު އަހަރު ފަހުން ފުރަތަމަ ޑިވިޝަނުގެ ބައެއް ކްލަބުތައް ފެނިގެންދާނެ ފުރަތަމަ މުބާރާތް މިރޭ ފަށަނީ

ދޮޅު އަހަރު ފަހުން ފުރަތަމަ ޑިވިޝަނުގެ ބައެއް ކްލަބުތައް ފެނިގެންދާނެ ފުރަތަމަ މުބާރާތް މިރޭ ފަށަނީ

މިދިޔަ އަހަރު ކުޅުނު ދެވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތުގައި އިބްރާޙިމް ވަޙީދު އޮޑި ސްޕޯޓްސް ކްލަބަށް ގޯލެއް ކާމިޔާބުކޮށްދިނުމަށްފަހު އުފާފާޅުކުރަނީ، ފޮޓޯ: އަދަދު

04 މޭ 2025، 06:37

2023 ވަނަ އަހަރުގެ ފުޓުބޯޅަ ސީޒަން އެ އަހަރުގެ ޑިސެންބަރު މަހުގެ 19 ވަނަ ދުވަހު ނިމުނު ފަހުން، ފުރަތަމަ ޑިވިޝަނުގެ ބައެއް ކްލަބުތައް ފެނިގެންދާނެ ފުރަތަމަ މުބާރާތް މިރޭ ފަށާނެއެވެ. 

ފުޓުބޯޅަ އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސް (އެފްއޭއެމް) އިން ބާއްވާ މި މުބާރާތުގައި ފުރަތަމަ ޑިވިޝަނުގެ ތިން ކްލަބެއް ވާދަކުރާއިރު، ޖުމްލަ ފަސް ޓީމެއް މުބާރާތުގައި ވަނީ ބައިވެރިވެފައެވެ. ދެން ހިމެނެނީ ދެވަނަ ޑިވިޝަނުގެ ދެ ކްލަބެވެ.

އެފްއޭއެމް ލީގު ކަޕްގެ ނަމުގައި ބާއްވާ މި މުބާރާތަކީ، ދިވެހި ފުޓުބޯޅަ ސީޒަން ފެށުމަށް މިހާތަނަށް ކުރި މަސައްކަތް ނާކާމިޔާބުވުމުން، ކްލަބުތަކަށް ވާދަވެރި މެޗުތަކެއް ކުޅުމުގެ ފުރުސަތު ހޯދާ ދިނުމުގެ ބޭނުމުގައި ބާއްވާ މުބާރާތެއްކަމަށް އެ އެފްއޭއެމްއިން ވަނީ ހާމަކޮށްފައެވެ.

މި މުބާރާތުގައި މިރޭ ކުޅޭ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ޓީސީ ސްޕޯޓްސް ކްލަބާއި، މުޅިން އަލަށް ފުރަތަމަ ޑިވިޝަނަށް ކޮލިފައިވެފައިވާ އޮޑި ސްޕޯޓްސް ކްލަބެވެ. އޮޑި ސްޕޯޓްސް ކްލަބުން ފުރަތަމަ ޑިވިޝަނަށް ކޮލިފައިވީ މިދިޔަ އަހަރު ބޭއްވި ދެވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތް ކާމިޔާބުކޮށްގެންނެވެ.

މުބާރާތުގެ ދެވަނަ މެޗު ހޯމަ ދުވަހުގެ ހަވީރު ކުޅުމަށް ހަމަޖެހިފައިވާއިރު، މިއީ ދިވެހި ފުޓުބޯޅައިގެ ވަރުގަދަ ދެ ކްލަބުގެ ކުރިމަތިލުމެކެވެ. މި މެޗުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އާއި ނިއު ރޭޑިއަންޓު ސްޕޯޓްސް ކްލަބު ކުރިމަތިލާއިރު، މިއީ 2019 ވަނަ އަހަރުގެ ފަހުން މި ދެ ޓީމުގެ ފުރަތަމަ ކުރިމަތިލުމެވެ. ސަސްޕެންޝަނަކާ ގުޅިގެން 2019 ވަނަ އަހަރު ދެ ވަނަ ޑިވިޝަނަށް ނިއުރޭޑިއަންޑް ރެލިގޭޓްވި ފަހުން، އެ ޓީމު 2022 ވަނަ އަހަރު އެނބުރި އައިސް، މިދިޔަ ދެ ސީޒަނުގައި ކުޅެފައިވަނީ ދެ ވަނަ ޑިވިޝަނުގައެވެ.

އެފްއޭއެމް ލީގު ކަޕްގެ ލީގު ބުރުގެ މެޗުތައް މެއި 21 އާ ހަމައަށް ކުރިޔަށްދާނެއެވެ. އަދި ލީގު ބުރުގެ ކުޅުން ނިމުމަށް ފަހު، މެއި 25 ވަނަ ދުވަހު ގަދަ ހަތަރު ޓީމުގެ މެދުގައި ސެމީ ފައިނަލް މެޗުތައް ކުޅޭނެއެވެ. ފުރަތަމަ ސެމީގައި އެއް ވަނަ ޓީމު ކުޅޭނީ ހަތަރު ވަނަ ޓީމާ ދެކޮޅަށެވެ. އަދި، ދެ ވަނަ ސެމީގައި ދެ ވަނަ އާއި ތިން ވަނަ ޓީމު ކުޅޭނެއެވެ. ފައިނަލް މެޗު އޮންނާނީ މެއި 28 ވަނަ ދުވަހުގެރޭގައެވެ.

މި މުބާރާތުގައި ފުރަތަމަ ޑިވިޝަނުން ވާދަކުރަނީ އޮޑި އާއި ޓީސީގެ އިތުރުން، ފުޓުބޯޅަ ސީޒަނުގެ އެންމެ ފަހު ހަތަރު އަހަރު ރާއްޖޭގެ ޗެމްޕިއަން، މާޒިޔާއެވެ. ދެ ވަނަ ޑިވިޝަނުން މި މުބާރާތުގައި ވާދަކުރަނީ ނިއު ރޭޑިއަންޓް އާއި މަހިބަދޫ ސްޕޯޓްސް ކްލަބެއެވެ.

މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 3 ލައްކަ ރުފިޔާ ދިނުމަށް ނިންމާފައިވާއިރު، ރަނަރަޕަށް ދެނީ ދޮޅުލައްކަ ރުފިޔާއެވެ. އަދި ފެއާރ ޕްލޭ ޓީމަށް ބައިލައްކަ ރުފިޔާ ދިނުމަށް ވެސް ވަނީ ހަމަޖެހިފައެވެ. 

މުބާރާތުގެ ގަވާއިދުގައި ހިމަނާފައިވާ ގޮތުން، މި މުބާރާތުގައި ބައިވެރިނުވާ ކްލަބެއްގެ ކުޅުންތެރިއަކަށް މުބާރާތުގައި ބައިވެރިވެފައިވާ ކްލަބަކަށް ކުޅެވޭނީ އެ ކުޅުންތެރިޔަކު ރަޖިސްޓްރީ ކޮށްފައިވާ ކްލަބުގެ ފަރާތުން މިމުބާރާތުގައި ބައިވެރިވިވުމުގެ އިއުތިރާޒެއް ނެތް ކަމުގެ ހުއްދަ ލިޔުމުން އެފްއޭއެމް އަށް ހުށަހެޅުމުންނެވެ.

ކޮންމެ ޓީމެއްގައި ވެސް ބިދޭސީ ކުޅުންތެރިންގެ ގޮތުގައި ހަތަރު ކުޅުންތެރިން ރަޖިސްޓްރީ ކުރެވޭނެ އެވެ. ނަމަވެސް، ރާއްޖޭގައި މަސައްކަތް ކުރުމަށް ސަރުކާރުގެ ކަމާއިބެހޭ އިދާރާއަކުން އެ ކުޅުންތެރިޔާއަށް އެ ކުލަބެއްގެ ނަމުގައި ލިބިފައިވާ ހުއްދައިގެ ލިޔުމާއި އެ ކުޅުންތެރިއާގެ މެޑިކަލް ޗެކްއަޕް ރިޕޯޓް (ޕީސީއެމްއޭ) އަދި ވޯކް ވިސާގެ ކޮޕީ، މެޗުކުޅުމުގެ 24 ގަޑިއިރު ކުރިން އެފްއޭއެމް އަށް ހުށައަޅާފައިނުވާނަމަ އެ ކުޅުންތެރިންނަކީ މެޗު ކުޅުމަށް ޝަރުތު ފުރިހަމަވެފައިވާ ކުޅުންތެރިއެއް ކަމަށް ނުބެލެވޭނެއެވެ. 

މުބާރާތުގައި ވާދަކުރާ ގިނަ ކްލަބްތަކުގެ އެދުމުގެ މަތިން، ކޮންމެ މެޗެއްގެ ތެރެއިން ހަ ބަދަލު ގެނެވޭ ގޮތަށް ވަނީ ނިންމައިފަ އެވެ. މި ބަދަލުތައް ގެނެވޭނީ މިހާރު ވެސް ގަވާއިދުގައި ބުނާ އުސޫލުގެ ތެރެއިން ތިން ފަހަރެއްގެ މަތިންނެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS