ޚަބަރު
ރައީސް އާރަށަށް ކުރެއްވެވި ދަތުރުތަކުގެ ތަފްސީލު އެ މަނިކުފާނު ހާމަކުރައްވައިފި

ރައީސުލްޖުމްހުރިއްޔާ ނޫސްވެރިންނާ ބައްދަލުކުރެއްވުން ---
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާރަށަށް ކުރެއްވެވި ދަތުރުފުޅުތަކުގެ ތަފްސީލް އެ މަނިކުފާނު ހާމަކުރައްވައިފިއެވެ.
މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިޔަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރެއްވެވި ސުވާލަކަށް ޖަވާބުދެއްވަން ފައްޓަވަމުން ރައީސް ވިދާޅުވީ، މި ކަންތަކުގައި ސޯޝަލް މީޑިއާގައި އެކިގޮތްގޮތަށް ދެކެވޭ ވާހަކަތަކާ ގުޅިގެން އެ މަނިކުފާނު ހުންނެވީ މި ސުވާލުގެ އިންތިޒާރުގައި ކަމަށެވެ.
ރައީސް ވިދާޅުވީ، ފުޓުބޯޅަ ކުޅުމަކީ އެ މަނިކުފާނު ވަރަށް ބޮޑަށް ހިތްޕުޅާވާ ކަމެއްކަމަށާއި، އާރަށަށް އެންމެ ގިނައިން ދެވިފައި ހުރީ ފުޓުބޯޅަ ކުޅެންކަމަށެވެ. ފުޓުބޯޅަ ކުޅުމަށް މިހާރު ވެސް ސަމާލުކަމެއް ދެއްވަނީ، އެއީ ކަސްރަތު ކުރުމުގެ ބޭނުމުގައި ވެސް ކުރާ ކަމަކަށް ވާތީކަމަށް އެ މަނިކުފާނު ފާހަގަކުރެއްވެވިއެވެ.
އެގޮތުން ފުޓުބޯޅަ ކުޅުމަށް އާރަށަށް ގޮސް އުޅޭ ސަބަބުތައް ހާމަކުރައްވަމުން އެ މަނކިފާނު ވިދާޅުވީ، އާރަށަކީ އެއިރެއްގައި ރައީސްއަކަށް ހުންނަވާ ބޭފުޅަކަށް ޤާނޫނަކުން ޙާއްސަކުރައްވާފައިވާ ރަށެއް ކަމަށާއި، އެ ރަށުގައި ފުޓުބޯޅަ ކުޅޭނެ ދަނޑެއް އޮތުމަކީ އެކަމުގެ އެއް ސަބަބުކަމަށެވެ. އަދި މާލޭގައި ޓްރެފިކް ބޮޑުވުމާއި، ދަނޑުތަކުގެ ބާރު ބޮޑުވުން ވެސް އެއީ މާލެއަށް ކުޅެން ދިއުމަށް ހުރި ގޮންޖެހުންތައްކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ޑެޑިކޭޓެޑުކޮށް އޮންނަރަށެއް. ޤާނޫނަކުން ކަނޑައަޅާފަ އެބައޮތް ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި ހުންނަ މީހަކު ބޭނުންކުރަން އޮންނަ ރަށެއް، އެމްއެންޑީއެފް ބެލުމުގެ ދަށުގަ އޮންނަ ރަށެއް އެއީ. އެހެންކަމުން އެކަމަކުން އެހެން މީހަކަށް ވާނެ އުނދަގުލެއް ނޯންނާނެ. އެހެންކަމުން ވަގުތުވާ ވަރަކުން، ހަފްތާއަކު ތިން ދުވަހު ކުޅެން ދެވޭތޯ ބަލަމުން މިއައީ.
ރައީސް ވިދާޅުވިއެވެ.
މި ދަތުރުތަކުގެ ތަފްސީލު ހާމަކުރައްވަމުން ރައީސް ވިދާޅުވީ، އެމްއެންޑީއެފްއިން އަދަދުތައް ހޯއްދެވިއިރު، މިހާތަނަށް 116 ފަހަރު އެ ރަށަށް ދެވިފައިވާކަމަށާއި، އަދި މީގެ ތެރެއިން 85 ފަހަރު ގޮސްފައި ވަނީ ހަމައެކަނި ފުޓުބޯޅަ ކުޅެން ކަމަށެވެ. އަދި އާއިލާއާއެކު އާރަށަށް 31 ފަހަރު ދެވިފައިވާކަމަށް އެމްއެންޑީއެފްގެ ރެކޯޑުތަކުން ދައްކާކަމަށް ރައީސުލްޖުމްހުރިއްޔާ ވިދާޅުވިއެވެ. މީގެ އިތުރުން، ކުޅުމަށް ވަޑައިގެންނެވި 85 ފަހަރުގެ ތެރެއިން ބައެއް ހުކުރު ދުވަސްތަކުގައި އާއިލާ ވެސް ވަޑައިގެންނެވިކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން، މި ދަތުރުތަކުގެ ތެޔޮ ޚަރަދަށް ދިޔަވަރު ވެސް ރައީސް ވަނީ ހާމަކުރައްވާފައެވެ. އެގޮތުން ރައީސް ދަތުރުކުރައްވާ ލޯންޗާއި، ސެކިއުރިޓީ ދެ ލޯންޗާއެކު މިހާތަނަށް ތެލަށް ޖުމްލަ 844،635ރ. ޚަރަދުވެފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވެވިއެވެ.
އަދި ރައީސް އާރަށުގައި ފަރިއްކުޅުވިތަކެތީގެ ބިލުތައްކަމަށް ސޯޝަލް މީޑިއާގައި ދައުރުވަނީ ސައްޙަ ނޫން ބިލްތަކެއްކަމުގެ ޔަޤީންކަން އެ މަނިކުފާނު ވަނީ ދެއްވާފައެވެ.