ޚަބަރު
މި އަހާރާއި މިއަންނަ އަހަރު މުޅި ރާއްޖޭގައި ޖުމްލަ 2130 މަޝްރޫއެއް

ސަރުކާރުގެ މަޝްރޫޢެއް ---
މި އަހަރާއި މި އަންނަ އަހަރު މުޅި ރާއްޖޭގައި ޖުމްލަ 2،130 މަޝްރޫޢެއް ކުރިޔަށް ގެންދިއުމަށް ކަނޑައަޅާފައިވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އެ މަނިކުފާނު ޙިއްސާކުރެއްވި މަޢުލޫމާތުން އެނގޭ ގޮތުގައި، މި މަޝްރޫޢުތަކުގެ ތެރޭގައި 28 ދާއިރާއެއް ހިމެނެއެވެ. އެގޮތުން މި މަޝްރޫޢުތަކަކީ އެ މަނިކުފާނު ރައްޔިތުންނަށް ވެފައިވާ ވަޢުދުތަކުގެ ތެރޭގައި ހިމެނޭކަންކަންކަމަށް ވަނީ ވިދާޅުވެފައެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރައްޔިތުންނަށް ވެފައިވާ އެއްވެސް ވަޢުދެއް ހަނދާންނުނެތޭ ކަމަށާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި މުޅި ސަރުކާރުން އަންނަނީ އެ ހުރިހާ ވަޢުދެއް ފުއްދުމަށް މަސައްކަތް ކުރައްވަމުން ކަމަށެވެ.
އަދި އެ މަނިކުފާނު ވެވަޑައިގެންފައިވާ ވަޢުދުތަކުގެ އަދަދު ހާމަކުރައްވަމުން ވިދާޅުވީ، މެނިސްފެސްޓޯގައި 289 ވަޢުދެއް، ރިޔާސީ ކެމްޕެއިނުގައި 1051 ވަޢުދެއް، ރަށްރަށަށް ކުރައްވާ ދަތުރުތަކުގައި ރައްޔިތުންނާ ބައްދަލުކޮށް 484 ވަޢުދެއް އަދި އެކިއެކި އިވެންޓުތަކުގައި 305 ވަޢުދެއް ވެވަޑައިގެންފައި ވާނެކަމަށެވެ.
ވަކިވަކި ދާއިރާތަކުން މި އަހަރާއި މިއަންނަ އަހަރު ކުރިޔަށް ގެންދިއުމަށް ސަރުކާރުން ނިންމާފައިވާ މަޝްރޫޢުތަކުގެ އަދަދުތައް:
- ކުޅިވަރު – 551
- ކުނީގެ ނިޒާމު – 153
- ސިއްޙަތު – 131
- ސްކޫލް (ބިނާރު) – 141
- ބޭންކިން – 136
- ކައުންސިލް އިދާރާ – 116
- މަގު – 112
- ބަނދަރު – 104
- ފުލުހުންގެ ޚިދުމަތް – 95
- ފެނާއި ނަރުދަމާ – 86
- ޕާކް – 51
- މިސްކިތް – 50
- ގޮނޑުދޮށް- 46
- ބޯހިޔާވަހިކަން – 37
- ބިން ހިއްކުން – 42
- އައިޑީކާޑު/ޕާސްޕޯޓު – 33
- މަސްވެރިކަން – 30
- އެއާރޕޯޓު – 27
- މަތީ ތަޢުލީމު – 23
- ފަތުރުވެރިކަން – 10
- ފިއުލް ސްކިޑް – 20
- އިޤްތިޞާދު – 19
- ކަރަންޓު/އިންޖީނުގެ – 26
- ބްރިޖު – 10
- ތިމާވެށި – 2
- މަސްތުވާތަކެތި – 4
- ފެރީ ނިޒާމު - 3
- އެހެނިހެން - 72
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މި މަޝްރޫޢުތަކާ ގުޅިގެން ދައުލަތުގެ ވަޒީރުންނާއި ކުންފުނިތަކުގެ ވެރިންނާއި މި މަޝްރޫޢުތަކާ ގުޅޭގޮތުން ސުވާލުކުރެއްވޭނެ ކަމަށެވެ. އަދި އެ ބޭފުޅުން، މި ވަޢުދުތައް ފުއްދުމުގެ ކަންކަން ކުރިޔަށްދާގޮތް ޙިއްސާކޮސްދެއްވާނެކަމަށް ވަނީ ވިދާޅުވެފައެވެ.
އެހެންކަމުން، މި ޕްލޭނާ އެއްގޮތަށް މި އަހަރާއި މި އަންނަ އަހަރު ސަރުކާރުގެ މަސައްކަތްތައް ކުރިޔަށްދާނެކަމުގެ ޔަޤީންކަން އެ މަނިކުފާނު ވަނީ ދެއްވާފައެވެ.