ޚަބަރު
ސަރުކާރުގެ ހުރިހާ މަސައްކަތެއް ވެސް ބިނާވެފައި ވަނީ ވަޢުދުތައް ފުއްދާ ނަތީޖާ ނެރުމަށް: ރައީސުލްޖުމްހޫރިއްޔާ

ރައީސުލްޖުމްހުރިއްޔާ ނޫސްވެރިންނާ ބައްދަލުކުރެއްވުން ---
މި ސަރުކާރުގެ ހުރިހާ މަސައްކަތެއް ވެސް ބިނާވެފައި ވަނީ ވަޢުދުތައް ފުއްދާ ނަތީޖާ ނެރުމަށްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ނޫސްވެރިންނަށް މަޢުލޫމާތު ދެއްވުމަށް މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިޔަށްގެންދާ ބައްދަލުކުރެއްވުމުގައެވެ.
ރައީސުލްޖުމްހުރިއްޔާ ވިދާޅުވީ މުޅި ސަރުކާރުން މަސައްކަތް ކުރައްވަނީ އެ މަނިކުފާނުގެ ވަޢުދުތައް ފުއްދުމަށް ކަމަށެވެ.
އެގޮތުން ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންނާ މުޚާތަބުކޮށް ކަމެއް ކުރައްވާނެކަމަށް ވިދާޅުވަނީ އެކަމެއް ކުރުމުގެ ނިޔަތުގައިކަން ފާހަގަކުރެއްވެވިއެވެ. އެހެންކަމުން އެ މަނިކުފާނު މިއަދާ ހަމައަށް ވެފައިވާ ހުރިހާ ވަޢުދެއް ލިސްޓުކުރެވިފައިވާނެކަމަށް ވަނީ ފާހަގަކުރައްވާފައެވެ.
މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެ މަނިކުފާނު ރައްޔިތުންނަށް ވެފައިވާ އެއްވެސް ވަޢުދެއް ހަނދާންނުނެތޭ ކަމަށެވެ. އެކަން ޔަޤީންކޮށް އަރުވަމުން ވިދާޅުވީ، މެނިސްފެސްޓޯގައި 289 ވަޢުދެއް، ރިޔާސީ ކެމްޕެއިނުގައި 1051 ވަޢުދެއް، ރަށްރަށަށް ކުރައްވާ ދަތުރުތަކުގައި ރައްޔިތުންނާ ބައްދަލުކޮށް 484 ވަޢުދެއް އަދި އެކިއެކި އިވެންޓުތަކުގައި 305 ވަޢުދެއް ވެވަޑައިގެންފައި ވާނެކަމަށެވެ. އެހެންކަމުން މިހާތަނަށް ޖުމްލަ 2129 ވަޢުދެއް ރައްޔިތުންނަށް ވެޑައިގެންފައިވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.
މި ވަޢުދުތަކަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ވަރަށް ސިސްޓަމެޓިކުކޮށް ލިސްޓުކުރެވިގެން މޮނިޓަރ ކުރެވޭ ވަޢުދުތަކެއް. މިއިން ކޮންމެ ވަޢުދަކާ ގުޅޭ ގޮތުން މުޅި ސަރުކާރުގެ ނިޒާމުގެ ތެރެއިން އަޕްޑޭޓްސް ނަގާ، މޮނިޓަރކޮށް، ކަންކަން ފެސިލިޓޭޓްކޮށްދީ، ހާސިލްވަމުންދާވަރު ބަލާ ވަޢުދުތަކެއް. އެހެންވީމާ އަޅުގަނޑުމެންގެ ހުރިހާ މަސައްކަތެއް ބިނާވެފައި ވަނީ ވަޢުދު ފުއްދުމަށް، ނަތީޖާނެރުމަށް.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
އަދި އެ މަނިކުފާނުވެވަޑައިގެންފައިވާ 2129 ވަޢުދު ފުއްދުމަށް މުޅި ސަރުކާރުއެކީ މަސައްކަތް ކުރަމުންދާކަމަށާއި، އެ މަނިކުފާނު ސަރުކާރަށް އައްޔަނުކުރެއްވި ކޮންމެ މީހެއްގެ ޒިންމާއަކީ ވެސް އެއީ ކަމުގައި އެ ވިދާޅުވިއެވެ.
މިއަހަރާ އަންނަ އަހަރު ވެގެންދާނީ ރާއްޖޭގައި ތަަރައްގީގެ ގިނަ މަޝްރޫއުތަކެއް ފެށިގެން ކުރިއަށްދާނެ ދެ އަހަރަށް ކަމަށް ސަރުކާރުން ވަނީ މީގެ ކުރިން ވިދާޅުވެފައެވެ. އެކަމަށް މިއަހަރުގެ ބަޖެޓުގައިވެސް ބޮޑު ބައެއް ވަނި ހާއްސަކޮށްފައެވެ.