Ads by Aqeeqa Maldives

ޚަބަރު

ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށާއި، ދެފުށްފެންނަ ނިޒާމަކަށް ނޫސްވެރިކަމަކީ ލާޒިމު ކަމެއް: ރައީސުލްޖުމްހޫރިއްޔާ

ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށާއި، ދެފުށްފެންނަ ނިޒާމަކަށް ނޫސްވެރިކަމަކީ ލާޒިމު ކަމެއް: ރައީސުލްޖުމްހޫރިއްޔާ

އެމެރިކާއަށް ފުރާވަޑައިގެންނެވުމުގެ ކުރިސް ރައީސުލްޖުމްހޫރިއްޔާ ނޫސްވެރިންނާ ބައްދަލުކުރެއްވުން - ސެޕްޓެންބަރު 2024، ފޮޓޯ: ފަޔާޒް މޫސާ

03 މޭ 2025، 09:48

ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށާއި، ދެފުށްފެންނަ އަދި ޖަވާބުދާރީކުރުވަނިވި ނިޒާމަކަށް ނޫސްވެރިކަމަކީ ލާޒިމު ކަމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތާ ގުޅިގެން އެކްސް އެކައުންޓުގައި ހިއްސާކުރެއްވި މެސެޖުގައި އެ މަނިކުފާނު ވަނީ، މީޑިއާގެ މިނިވަންކަމާއި މުސްތަޤިއްލުކަމާއި ޒިންމާދާރުކަން ދެމެހެއްޓުމުގެ ޢަޒުމުގައި  ހުންނަވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މި އަހަރުގެ ޝިޢާރު ކަމުގައިވާ "ހިތްވަރުގަދަ އައު ދުނިޔެއެއްގައި ރިޕޯޓުކުރުން: މިނިވަން ނޫސްވެރިކަމަށާއި މީޑިއާއަށް އާޓިފިޝަލް އިންޓެލިޖަންސް އިން ފޯރާ އަސަރު" އަށް އަލިއަޅުވާލައްވަމުން ވިދާޅުވީ، ދެފުށްފެންނަ ގޮތެއްގައި ބޭނުންކުރެވިއްޖެ ނަމަ، އޭ.އައި އަކީ މަޢުލޫމާތު ތަޙުލީލުކުރުން އޮޓޮމޭޓްކޮށް، އުފެއްދުންތައް ދުރަށްފޯރުކޮށްދިނުމުގެ ޚިދުމަތް އިތުރަށް ފުރިހަމަކޮށް، ދޮގުމަޢުލޫމާތާ ދެކޮޅަށް އަޑުއުފުލުމުގައިވެސް ބޭނުންކުރެވިދާނޭ އާލާތެއްކަމަށެވެ.

މީގެ އިތުރުން، މީޑިއާ ލިޓްރަސީ އިތުރުކޮށް، އޭ.އައި އުފެއްދުންތަކާމެދު ހޭލުންތެރިކަން އިތުރުކޮށް، ނޫސްވެރިކަމުގެ އަޚުލާޤާ އެއްއުއިވާނޭ ގޮތަށް އޭ.އައި ބޭނުންކުރުމަށް ހިތްވަރު ދިނުމުގައި، ޕްރެސް ފްރީޑަމް ކޯލިޝަން އާއި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމާޢަތްތައް ފަދަ ޤައުމީ އަދި ބައިނަލްއަޤުވާމީ ބައިވެރިންނާއެކު ކުރާ މަސައްކަތްތައްވެސް އެމަނިކުފާނު ފާހަގަކުރައްވާފައިވެއެވެ.



އަދި ރާއްޖެއަކީ މިނިވަން ނޫސްވެރިކަމަށް ބޭނުންވާ ޤާނޫނީ ރައްކާތެރިކަން ހަރުދަނާކުރުމަށާއި، ޑިޖިޓަލް މެނިޕިއުލޭޝަންގެ މައްސަލައިގައި ކުރިއަށްދާނޭ ގޮތްތަކެއް ކަނޑައަޅުމަށާއި، މީޑިއާ އާއި ފަންނިއްޔާތާ ގުޅޭ މަޝްވަރާތައް ޝާމިލުކަމާއެކު ކުރިއަށްގެންދިއުމަށް އަބަދުވެސް މަސައްކަތްކުރާ ޤައުމެކެވެ. 

އޭ.އައިގެ ޒަމާނުގެ ފުރުޞަތުތަކާއި ގޮންޖެހުންތަކާ ދުނިޔެ ކުރިމަތިލަމުންދާ މި ދަނޑިވަޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ޑިމޮކްރަސީގެ އެއް ތަނބު ކަމުގައިވާ ނޫސްވެރިކަމުގެ މިނިވަންކަން ރައްކާތެރިކޮށް ދެމެހެއްޓުމަށް ހިއްސާކުރާ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި ސާބިތުވެ ހުންނަވާނޭ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ދުނިޔޭގެ އެކިކަންކޮޅުތަކުން ޞައްޙަ އަދި މުޢުތަބަރު ޚަބަރާއި މަޢުލޫމާތު ފޯރުކޮށްދިނުމުގައި ގަދަ ހިތްވަރާއެކު، ސާބިތު ޢަޒުމެއްގައި ނޫސްވެރިން ކުރާ މަސައްކަތަށް ވެސް ސާބަސް ދެންނެވިއެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS