Ads by Aqeeqa Maldives

ޚަބަރު

ޞިއްޙީ ދާއިރާ އިތުރަށް ކުރިއެރުވުމަށް މެރކް ފައުންޑޭޝަންގެ މަންދޫބުންނާއި މަޝްވަރާކުރައްވައިފި

ޞިއްޙީ ދާއިރާ އިތުރަށް ކުރިއެރުވުމަށް މެރކް ފައުންޑޭޝަންގެ މަންދޫބުންނާއި މަޝްވަރާކުރައްވައިފި

މެރކް ފައުންޑޭޝަންގެ މަންދޫބުންނާއި މެޑަމް ސާޖިދާ ބައްދަލުކުރެއްވުން، ފޮޓޯ: ރައީސް އޮފީސް

farudhun logo

ފަރުދުން

02 މޭ 2025، 01:02

02 މޭ 2025، 01:02

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، މެޑަމް ސާޖިދާ މުޙައްމަދާއި މެރކް ފައުންޑޭޝަންގެ މަންދޫބުންނާއިއެކު އޮތް ބައްދަލުކުރެއްވުމުގައި ޞިއްޙީ ދާއިރާ އިތުރަށް ކުރިއެރުވުމަށް މަޝްވަރާކުރައްވައިފިއެވެ.
މި މަޝްވަރާކުރެއްވީ މެރކް ފައުންޑޭޝަންގެ ބޯޑް އޮފް ޓްރަސްޓީސްގެ ޗެއާމަން އަދި އީ. މެރކް ކޭ.ޖީ ގެ އެގްޒެކެޓިވް ބޯޑުގެ ޗެއާމަން ޕްރޮފެސަރ ޑޮކްޓަރ ފްރޭންކް ސްޓަންގެންބަރގް ހަވަރކެމްޕް އާއި މެރކް ފައުންޑޭޝަންގެ ޗީފް އެގްޒެކެޓިވް އޮފިސަރ ސެނެޓަރ ޑޮކްޓަރ ރަޝާ ކެލެޖް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދުގެ އަރިހަށް ކުރެއްވި ޒިޔާރަތުގައެވެ.

މި ބައްދަލުކުރެއްުމުގައި މެރކް ފައުންޑޭޝަންގެ މަންދޫބުން ވަނީ ދިވެހިރާއްޖޭގެ ޞިއްޙީ ދާއިރާ އިތުރަށް ކުރިއެރުވުމަށް، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނާއެކު ކުރެވިދާނޭ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އެގޮތުން ވަކި ދާއިރާތަކުން ޚާއްޞަވުމަށް ޑޮކްޓަރުން ހޯދަންޖެހޭ ތަމްރީނުގެ ފުރުޞަތުތައް ފަހިކޮށްދިނުމާއި، ސްކޮލަޝިޕްގެ ފުރުޞަތުތަކާ ބެހޭގޮތުން މި ބައްދަލުވުމުގައި މަޝްވަރާކުރައްވާފައިވެއެވެ. މި މަޝްވަރާގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ، ރާއްޖޭގެ ސިއްޙީ ދާއިރާއާ ގުޅުންހުރި މަޢުލޫމާތުތައް ހިއްސާކުރައްވައި ޞިއްޙީ ނިޒާމު ހަރުދަނާކުރެއްވުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތައް ފާހަގަކުރައްވާފައެވެ.

ބައްދަލުވުން ނިންމަވާލައްވަމުން މެރކް ފައުންޑޭޝަނުގެ މަންދޫބުން ވަނީ، ރާއްޖޭގެ ޞިއްޙީ ދާއިރާގެ ޤާބިލުކަން އިތުރުކޮށް، ދަރިމައިވުމާ ގުޅުންހުރި ކުށްހީތައް ނައްތާލައި އަންހެނުން ބާރުވެރިކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ކުރައްވާ މަސައްކަތްތަކުގެ އަގުވަޒަންކުރައްވާފައެވެ. 

އަދި އެކަމަނާ އަކީ މެރކް ފައުންޑޭޝަންގެ "މޯ ދެން އަ މަދަރ" ޕްރޮގްރާމުގެ އެންބެސެޑަރެއްކަންވެސް ފާހަގަކުރައްވާފައިވެއެވެ. މި ޕްރޮގްރާމަކީ، ދަރިމައިވުމުގެ ޞިއްޙަތާ ގުޅުންހުރި ސިޔާސަތުތައް އެކުލަވާލުމުގައްޔާއި، އެކަމާ ގުޅުންހުރި ފަރުވާގެ ޤާބިލުކަން އިތުރުކުރުމުގައްޔާއި، ދަރިމައިވުމާ ގުޅުންހުރި ކުށްހީތައް ނައްތާލުމުގައްޔާއި، ދަރިމައިވުމުގެ މައްސަލަތަކުން ރައްކާތެރިވުމާއި ދަރިންލިބުމުގައި ފިރިހެނުންނަށް ދިމާވާ މައްސަލަތަކާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި، އެފްރިކާ އަދި އޭޝިޔާގެ ފަރސްޓް ލޭޑީންނާއި އަންހެން އިސްވާރުންނާއެކު ހަރަކާތްތަކެއް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS