ކުޅިވަރު
ޗެމްޕިއަންސް ލީގު: ފެށުން ރަގަޅުވި ނަމަވެސް އިންޓާއަށް ބާސެލޯނާ ބައްޔެއް ނުކުރެވުނު

ބާސެލޯނާގެ ފުރަތަމަ ގޯލު ކާމިޔާބުކުރުމަށްފަހު ލެމީން ޔަމާލް އުފާފާޅުކުރަނީ، ފޮޓޯ: އޭޕީ
ޔޫއެފާ ޗެމްޕިއަންސް ލީގުގެ ސެމީފައިނަލުގެ ދެވަނަ މެޗުގެ ފުރަތަމަ ލެގުގައި ރޭ ބާސެލޯނާ އާއި އިންޓާރ މިލާން ބައްދަލުކުރި މެޗު 3-3 އިން އެއްވަރުވެއްވެއެވެ. މި މެޗުގައި ބާސެލޯނާއިން ދެ ފަހަރެއްގެ މަތިން ވަނީ ފަހަތުން އަރާ އިންޓާރއާ ހަމަކޮށްފައެވެ.
އިންޓާރއިން ވަނީ މެޗުގެ ފުރަތަމަ 30 ސިކުންތުގެ ތެރޭގައި ބާސެލޯނާ ކޮޅަށް ގޯލެއް ޖަހާ ލީޑު ނަގާފައެވެ. މިއީ ޑެންޒެލް ޑަމްފްރީޒް ބާސެލޯނާގެ ގޯލު ކުރިމައްޗަށް ތިރިތިރިން ހުރަސްކޮށްދިން ބޯޅައެއް ގޯލަށް ފޮނުވާލައިގެން މާކަސް ތުރާމް ކާމިޔާބުކުރި ގޯލެކެވެ. އަދި މިއީ މުބާރާތުގެ ތާރީޙުގައި ވެސް ސެމީފައިނަލް މެޗެއްގައި މިހާ އަވަސް ގޯލެއް ޖެހި ފުރަތަމަ ފަހަރެވެ.
އޭގެ 20 މިނެޓުފަހުން، ޑަމްފްރީޒް ވަނީ ރީތި ގޯލަކާއެކު އިންޓާރގެ ލީޑު ފުޅާކޮށްފައެވެ. އަދި މި ގޯލާއެކު ބާސެލޯނާއަށް މެޗު އަނބުރާލުމަށް ވަރަށް އުނދަގޫވާނެ ކަމަށް ބެލެވުނެވެ.
ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން ބާސެލޯނާއިން ވަނީ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. އެ ޓީމުގެ ފުރަތަމަ ގޯލުގައި ޒުވާން ފޯވާޑު، ލެމީން ޔަމާލްގެ މޮޅު ހުނަރު ފެނިގެން ދިޔައެވެ. ގިނަ ޑިފެންޑަރުންތަކެއް ކައިރިން ނައްޓާލުމަށްފަހު ވާތުފައިން އޭނާ ފޮނުވާލި ބޯޅަ ގޯލަށް ވަނީ ދަނޑީގައި ޖެހިފައެވެ. އެ ގޯލުގެ އިތުރުން، ޔަމާލްގެ ދެ ހަމަލާއެއް އިންޓާރގެ ގޯލު ދަނޑިއާ އަމާޒުވެފައިވެއެވެ.
ފުރަތަމަ ހާފު ނިމެން 7 މިނެޓަށް ވެފައިވަނިކޮށް ބާސެލޯނާއަށް ނަތީޖާ ހަމަހަމަކޮށްދިނީ ފެރަން ޓްރޭސްއެވެ. ޕެޑްރީ ހުރަސްކޮށްދިން ބޯޅައެއް ރަފީނިއާ ބޮލުން ޖައްސާލުމުން، ގޯލާ ކައިރީގައި ހުރުމަށްފަހު ޓޮރޭސް ވަނީ މި ބޯޅަ ފަސޭހަކަމާއެކު ގޯލަށް ފޮނުވާލާފައެވެ.
ދެވަނަ ހާފުގައި ޑަމްފްރީޒް ވަނީ އިންޓާރއަށް އަނބުރާ ލީޑު ހޯދައިދީފައެވެ. ހަކާން ކަލަނޮގްލޫ ކޯނަރަކުން ނަގައިދިން ބޯޅަ ހޯދުމަށް އޭނާ ވަނީ ވަރަށް މައްޗަށް ފުއްމާލާފައެވެ. އެއަށްފަހު އެ ބޯޅަ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައި އިންޓާރ އިން ލީޑު ނެގިއެވެ.
މި ގޯލާއެކު އިންޓާރއަށް ހަމަނޭވާ ނުލެވެނީސް، ޖެހިގެން އައި މިނެޓުގައި ބާސެލޯނާއިން އަނެއްކާ ވެސް ނަތީޖާ ހަމަހަމަކުރިއެވެ. ރަފީނިއާ ގޯލަށް ފޮނުވާލި ބޯޅަ ގޯލުގެ ހުރަސް ދަނޑީގައި ޖެހިފައި ނިކުތް ވަގުތު، އިންޓާރގެ ގޯލްކީޕަރު ޔެން ސޮމާރގެ ގައިގާ ޖެހުމަށްފަހު ބޯޅަ ވަނީ ގޯލުގެ ތެރެއަށެވެ.
މި ދެ ޓީމު ބައްދަލުކުރާ ދެވަނަ ލެގު ކުޅޭނީ މި އަންނަ ހަފްތާގައި އިޓަލީގައެވެ.
ރޭގެ މެޗަކީ ބާސެލޯނާއަށް ޔަމާލް ކުޅެދިން 100 ވަނަ މެޗެވެ. އަދި އެ މެޗުގައި އޭނާ ކާމިޔާބުކުރީ 22 ވަނަ ގޯލެވެ. މީގެ އިތުރުން، އުމުރުން އެންމެ 17 އަހަރުގައި އޭނާ ވަނީ ބާސެލޯނާގެ ޖާޒީގައި 33 އެސިސްޓުކޮށްދީފައެވެ. މިއީ މި އުމުރުގައި ލިއޮނެލް މެސީ އާއި ކްރިސްޓިއާނޯ ރޮނާލްޑޯއަށް ވުރެ ވެސް މާ ތަފާތު އަދަދު ތަކެކެވެ.