ކުޅިވަރު
ކާވާއިން ހޮވާ އެންމެ މޮޅު ފެޑެރޭޝަންގެ އެވޯޑުގެ "ގޯލްޑް" ރާއްޖެއަށް

އެންމެ މޮޅު ފެޑެރޭޝަންގެ މަޤާމު ރާއްޖެއާ ހަވާލުކުރުން ---
ސެންޓްރަލް އޭޝިއާ ވޮލީބޯލް އެސޯސިއޭޝަން (ކާވާ) އިން ތައާރަފުކުރި އެންމެ މޮޑު ފެޑެރޭޝަންގެ އެވޯޑު ނުވަތަ "ފެޑެރޭޝަން އޮފް ދަ އިޔަރ - ގޯލްޑް" އެވޯޑް ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އަށް ލިބިއްޖެއެވެ.
ކާވާއިން ފުރަތަމަ ފަހަރަށް އެވޯޑުތަކެއް ތައާރަފްކޮސްފައި މިވަނީ ނޭޕާލުގެ ވެރިރަށް ކަތުމަންޑޫގައި ބޭއްވި އެ އެސޯސިއޭޝަންގެ އަހަރީ އާއްމު ޖަލްސާގައި، މި މަހުގެ 25 ގައެވެ.
މި ޖަލްސާގައި ތަފާތު ތިން އެވޯޑެއް ވަނީ ކާވާއިން ތައާރަފްކޮށްފައެވެ. އެއީ "ފެޑެރޭޝަން އޮފް ދަ އިޔަރ" ގެ އިތުރުން، "ކާވާ ޑިސްޓިންގުއިޝް ސާރވިސް މެޑަލް" އާއި "އިންޓަނޭޝަނަލް އެކްސެލެންސް އެވޯޑް" އެވެ.
އަދި ވީއޭއެމްއަށް ލިބުނު އެވޯޑުގައި ދިނުމުގައި ބަލާ މިންގަނޑު ތަކުގެ ތެރޭގައި، މުބާރާތްތައް ހޯސްޓުކުރުމާއި، މުބާރާތްތަކުގައި ބައިވެރިވުމުގެ އިތުރުން ޑިވެލޮޕްމަންޓު ޕްރޮގްރާމްތައް ހިންގާ، މިފަދަ ޕްރޮގްރާމުތަކުގައި އެ ގައުމުތަކުން ބައިވެރިވާ މިންވަރަށް އިންސާފުކުރެވެއެވެ. އަދި ކަނޑައެޅޭ ވަކި އުސޫލަކުން ދެވޭ ޕޮއިންޓަށް ރިއާޔަތްކޮށް އެންމެ މަތިން ޕޮއިންޓު ހޯދާ ތިން ގައުމަށް މި އެވޯޑު ލިބިގެންދެއެވެ.
މި ކެޓަގަރީން ފަޚުރުވެރި އެއްވަނަ ހާސިލުކުރުމާ ގުޅިގެން "ގޯލްޑް އެވޯޑް" ވީއޭއެމްއަށް ލިބިފަވާއިރު، މި މިކެޓަގަރީން ދެވަނަ ހޯދާ "ސިލްވަރ އެވޯޑް" ލިބިފައިވަނީ ނޭޕާލަށެވެ. އަދި ތިންވަނައާއެކު "ބްރޯންޒް އެވޯޑް" ހާސިލްކޮށްފަވަނީ އުޒްބަކިސްތާކުންނެވެ.
ކާވާގެ އަހަރީ ބައްދަލުވުމުގައި ތަފާތު އެކި ކެޓަގަރީތަކުން ގިނަ އެވޯޑްތަކެއް ދީފައިވާއިރު، ކާވާއަށް ޚިދުމަތްކޮށްދެއްވާފައިވާ ފަރާތްތަކުގެ އަގުވަޒަންކޮށް އެފަރާތްތަކަށްވެސްވަނީ އެވޯޑުދީފައެވެ. އެގޮތުން "ކާވާ ޑިސްޓިންގުއިޝް ސާރވިސް މެޑަލް"ގެ ނަމުގައި ދިން މި އެވޯޑް މިއަހަރު 13 ފަރާތަކަށްވަނީ ހާސިލްކޮށްފައެވެ.