ކުޅިވަރު

ޗެމްޕިއަންސް ލީގު: ޑެމްބެލޭގެ އަވަސް ގޯލާއެކު ޕީއެސްޖީއިން އާސެނަލް ބަލިކޮށްފި

ޗެމްޕިއަންސް ލީގު: ޑެމްބެލޭގެ އަވަސް ގޯލާއެކު ޕީއެސްޖީއިން އާސެނަލް ބަލިކޮށްފި

ޑެމްބެލޭ ގޯލު ކާމިޔާބުކުރުމަށްފަހު އުފާފާޅު ކުރަނީ، ފޮޓޯ: ގެޓީއިމޭޖަސް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

30 އޭޕްރީލު 2025، 07:09

30 އޭޕްރީލު 2025، 07:09

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ސެމީ-ފައިނަލުގެ ފުރަތަމަ މެޗުގެ ފުރަތަމަ ލެގުގައި ފްރާންސްގެ ޕެރިސް ސެއިންޓް-ޖަމޭން (ޕީއެސްޖީ) އިން، ރަށުން ބޭރުގައި އާސެނަލް 1-0 އިން ބަލިކޮށްފިއެވެ. 

ޕީއެސްޖީއިން މި މެޗު ކާމިޔާބުކުރީ، އެ ޓީމުގެ ފޯވާޑް، އޮސްމަން ޑެމްބެލޭ މެޗުގެ ވަރަށް ކުރީކޮޅު ކާމިޔާބުކުރި ގޯލަކުންނެވެ. މި ނަތީޖާއާއެކު، މި އަންނަ ހަފްތާ ފްރާންސްގެ ޕާކް ޑެސް ޕްރިންސަސްގައި ކުޅޭ މެޗަށް އާސެނަލް ނިކުންނަން ޖެހޭނީ އެއް ގޯލު ފަހަތުގައި އޮވެގެނެވެ.

ރޭ އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު މެޗުގެ ހަމައެކަނި ގޯލު ކާމިޔާބުކުރީ ހަތަރު ވަނަ މިނެޓުގައެވެ. ޕީއެސްޖީގެ ވިޗާ ވަރަޝޭލިއާ އާސެނަލްގެ ގޯލު ކުރިމައްޗަށް ތިރިތިރިން ހުރަސްކޮށްދިން ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލުމަށްފަހު، އެއްވެސް މުބާރާތެއްގައި ގޯލެއް ކާމިޔާބު ނުކުރެވި ފަސް މެޗު ހަމަވެފައިވާ ޑެމްބެލޭ އެކަން ނިމުމަކަށް ގެނައެވެ. 

ޕީއެސްޖީގެ ގޯލާއެކު އާސެނަލް ބޮޑަށް ކުރިއަށް ޖައްސާލުމުން އޭގެ ބޭނުން ހިފައި، ޕީއެސްޖީއިން އިތުރު ގޯލެއް ޖެހުމަށް ރަނުގެ ފުރުސަތެއް ފުރަތަމަ ހާފުގައި ތަނަވަސްކުރިއެވެ. އެ ޓީމުގެ ޒުވާން ތަރި، ޑިޒަޔަރ ޑޮއު ފޮނުވާލި މި ހަމަލާ ވަނީ އާސެނަލްގެ ގޯލްކީޕަރު ޑޭވިޑް ރަޔާ ދިފާއުކޮށްފައެވެ. އަދި ހަމަ އެ ހަމަލާގެ ތެރެއިން ރާޔާގެ އަތުގައި ޖެހިފައި ނިކުތް ބޯޅަ ފެބިއަން ރުއިޒް ގޯލަށް ފޮނުވާލުމުން، އެ ބޯޅައަށް ހުރަސް އެޅީ ގޯލުގެ ހުރަސް ދަނޑިއެވެ. 

ފުރަތަމަ ހާފު ނިމުމުގެ ކުރިން އާސެނަލްއިން ވެސް ނުރައްކާތެރި ހަމަލާއެއް އުފެއްދިއެވެ. ގެބްރިއެލް މާޓިނެލީގެ މި ފުރުސަތު ބޭކާރުކޮށްލީ ޖިއާންލޫޖީ ޑޮނަރުއްމާގެ ހުޝިޔާރުކަމެވެ. 

އޭގެ ފަހުން ދެވަނަ ހާފުގެ ދެވަނަ މިނެޓުގައި އާސެނަލްއަށް ލިބުނު ހިލޭ ޖެހުން ޑެކްލަން ރައިސް ޕީއެސްޖީގެ ގޯލު ކުރިމައްޗަށް ހުރަސްކޮށްލުމުން، މިކެލް މެރީނޯ ވަނީ އެ ބޯޅަ ބޮލުން ގޯލަށް ފޮނުވާލާފައެވެ. ނަމަވެސް ވީޑިއޯ އެސްޓެންޓް ރެފްރީ (ވީއޭއާރު) ނިންމީ ރައިސް އެ ބޯޅަ ހުރަސްކޮށްލި ވަގުތު މެރީނޯ އޮފްސައިޑުގައި ހުރި ކަމަށެވެ. 

ދެވަނަ ހާފުގައި އާސެނަލްގެ ލިއެންޑްރޯ ޓްރޮސާޑް ވެސް ނުރައްކާތެރި ހަމަލާއެއް ޕީއެސްޖީގެ ގޯލަށް ފޮނުވާލިއެވެ. ނަމަވެސް އޭނާ ވާތުފައިން ދުރުކަނަށް ފޮނުވާލި ބޯޅަ ދިޔައީ ދަނޑި ކައިރިން ބޭރަށެވެ. 

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޕީއެސްޖީގެ މެދުތެރެއިން ކުޅުނު ވިޓީނިއާއެވެ.

މި މުބާރާތުގެ ދެވަނަ ސެމީގެ ފުރަތަމަ ލެގު މިރޭ ކުޅޭނެއެވެ. ރާއްޖެ ގަޑިން މެންދަމު 12 ޖަހާއިރު ފެށުމަށް ހަމަޖެހިފައިވާ މި މެޗުގައި ބައްދަލުކުރާނީ ބާސެލޯނާ އާއި އިންޓަރ މިލާނެވެ. މި މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ ސްޕެއިންގައެވެ. 

މި ލިޔުން ކިޔާލުމުން

Ads by MSS