ޚަބަރު
ބޮޑެތި އަދަދުތަކުން ސަރުކާރަށް ފައިސާ ދޭންވެފައި ހުރި ކުންފުނިތަކަށް މަޝްރޫޢުތައް ނުދޭން ފާސްކޮށްފި

ސަރުކާރުގެ ޕީއެސްއައިޕީ ޕްރޮޖެކްޓެއްގެ ތެރެއިން ---
ބޮޑެތި އަދަދުތަކުން ސަރުކާރަށް ފައިސާ ދޭންވެފައި ހުރި ކުންފުނިތަކަށް އިތުރު މަޝްރޫޢުތައް ނުދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ތަޅުމުން މިއަދު ފާސްކޮށްފިއެވެ.
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އަށް އެކި ކުންފުނިތަކުން 1.4 ބިލިއަން ރުފިޔާ ދައްކަންވެފައި ހުރި މައްސަލައިގައި އަމަލު ކުރެވިދާނެ ގޮތްތައް ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގައި މަޝްވަރާކުރުމަށްފަހު ނިންމީ، ސަރުކާރުގެ ކުންފުނިތަކަށް ބޮޑެތި އަދަދުތަކުން ފައިސާ ދައްކަންވެފައި ހުރި އެއްވެސް ކުންފުންޏަކަށް ސަރުކާރުން އާ މަޝްރޫއުތައް ހަވާލުނުކުރުމަށެވެ.
އަދި އެ ކޮމެޓީގެ ރިޕޯޓު ފާސްކުރުމަށް މަޖިލީހުގެ ތަޅުމުގައި މިއަދު ނެގި ވޯޓުގައި ބައިވެރިވި 71 މެންބަރުން ވަނީ މިކަމަށް ތާޢީދުކޮށްފައެވެ.
މާލިއްޔަތު ކޮމެޓީގެ ޖަލްސާގައި ސަރުކާރަށް ބޮޑެތި އަދަދުތަކުން ފައިސާ ދައްކަން ވެފައި ހުރި ކުންފުނިތަކާއި އެތަންތަނުގެ ސަބްސިޑަރީތަކުން އާ ބޮޑެތި ވިޔަފާރިތައް ފަށާ ފައިދާ ހޯދާތީ އެކަމާ މެދު ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.
އެގޮތުން، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ފާހަގަކުރެއްވި ގޮތުގައި ނަސަންދުރާ ތަރައްގީކުރި ކުންފުނި އެންޕީއެޗްއިން ހުޅުމާލޭގައި ހެދި އަކުއާ ވިޓާ ފްލެޓްތައް އަޅާފައިވާ ބިމަކަށް ކުލި ނުދައްކާ އޮތުމުން އެ ފައިސާ ދައްކާނޭ ގޮތަކަށް އެއްބަސް ވެވެން ދެން ނަސަންދުރަ ހިންގަން ހުއްދަ ދިނުން ރަނގަޅު ނޫންކަމަށެވެ. އަދި އެންޕީއެޗްއިން އެޗްޑީސީއަށް ދައްކަން ޖެހޭ ފައިސާ އާއި އެ ފައިސާ ނުދެއްކުމުން ޖޫރިމަނާ އަރާފައިވާ އަދަދު 244 މިލިއަން ރުފިޔާއަށް އަރާތީ، މިކަމުގައި ކަންބޮޑުވުން ފާޅުކޮށްފައި ވެއެވެ.
ބޮޑެތި އަދަދުތަކުން ފައިސާ ނުދައްކާ އަމިއްލަ ކުންފުނިތައް ސަރުކާރުގެ މަޝްރޫއުތަކުން ބާކީ ކުރަން މިއަދުގެ ކޮމިޓީއަށް ހުށަހެޅުއްވީ ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހު އެވެ. އެކަމަށް ތާއީދު ކުރެއްވީ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ސުޖާއުއެވެ.