ކުޅިވަރު / ޚަބަރު

ނޭޝަނަލް ފުޓްސަލް އެރީނާގެ އަމަލީ މަސައްކަތް ފަށައިފި

ނޭޝަނަލް ފުޓްސަލް އެރީނާގެ އަމަލީ މަސައްކަތް ފަށައިފި

ނޭޝަނަލް ފުޓްސަލް އެރީނާގެ ބިންގާ އެޅުން / ފޮޓޯ: ކުޅިވަރާ ބެހޭ ވުޒާރާ

farudhun logo

ފަރުދުން

15 ނޮވެމްބަރު 2026، 10:32

15 ނޮވެމްބަރު 2026، 10:32

ދިވެހިރާއްޖޭގައި ބައިނަލްއަޤްވާމީ ފެންވަރުގެ ފުޓްސަލް ވަސީލަތްތައް ޤާއިމުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫޢުގެ ދަށުން، "ނޭޝަނަލް ފުޓްސަލް އެރީނާ" ގެ ޢަމަލީ މަސައްކަތް މިއަދު ރަސްމީކޮށް ފަށައިފިއެވެ. މި މަޝްރޫޢަކީ ރާއްޖޭގެ ކުޅިވަރުގެ ދާއިރާ ތަރައްޤީކޮށް، ޒުވާނުންނަށް ފުރުޞަތުތައް ފަހިކޮށްދިނުމުގެ ގޮތުން ހުޅުމާލޭގެ ތިންވަނަ ފިޔަވަހީގައި ކުރިއަށްގެންދާ ބޮޑު މަޝްރޫޢެކެވެ.

މި އެރީނާ ޢިމާރާތްކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ލިއޯ ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑާއެވެ. އެ ކުންފުންޏާ މި މަސައްކަތް ހަވާލުކޮށްފައިވަނީ 720 ދުވަހުގެ ތެރޭގައި އެއްކޮށް ނިންމާލާ ގޮތަށެވެ. ފުޓްސަލްއަށް ޚާއްޞަ މި ކޮމްޕްލެކްސް އެޅުމަށްޓަކައި ބިން ހަމަޖެއްސުމުގެ ގޮތުން މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަނާއި، މިނިސްޓްރީ އޮފް ފިނޭންސް އަދި އެޗްޑީސީން އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިދިޔަ އަހަރުގެ ފެބުރުވަރީ މަހުގެ 24 ވަނަ ދުވަހުއެވެ.

މި މަލްޓި-ލެވެލް އިންޑޯ އެރީނާއަކީ ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) ގެ މިންގަނޑުތަކަށް ފެތޭގޮތަށް ފަރުމާކޮށްފައިވާ، އުސްމިނުގައި 21 މީޓަރު ހުންނަ ޒަމާނީ ބިނާއެކެވެ. މި ކޮމްޕްލެކްސްގެ ގްރައުންޑް ފްލޯގައި ރަސްމީ އެއް މެޗު ކޯޓުގެ އިތުރުން ފަރިތަކުރުންތަކަށް ޚާއްޞަ 4 ޕްރެކްޓިސް ކޯޓު ހިމެނެއެވެ.

މި ހުރިހާ ކޯޓުތަކެއްގައިވެސް އެޅުމަށް ހަމަޖެހިފައިވަނީ ޝޮކް އެބްޒޯބްކުރާ ބައިނަލްއަޤްވާމީ ފެންވަރުގެ ކުޝަންޑް ވައިނައިލް ސްޕޯޓްސް ފްލޯރިންގެވެ. މިއީ އަލި ރިފްލެކްޓްވުން ކުޑަކޮށްދީ، ކުޅުމުގެ ތެރޭގައި ކުޅުންތެރިންނަށް ލިބިދާނެ އަނިޔާތަކުން ރައްކާތެރިކޮށްދޭ ފަދަ މޮޅު ފަންވަރެއްގެ ފްލޯރިންގެކެވެ.

މީގެއިތުރުން، މައި މެޗު ކޯޓަކީ އެއްފަހަރާ 900 މީހުންނަށް ކުޅިވަރު ބަލަން ތިބެވޭނެ ސްޕެކްޓޭޓަރ ސްޓޭންޑަކާއި، ޓިކެޓް ކައުންޓަރުތަކާއި، ކާބޯތަކެތި ލިބޭނެ ކޮންސެޝަން ސްޓޭންޑްތަކާއެކު ތަރައްޤީކުރާ ތަނެކެވެ. އަދި ޢިމާރާތުގެ ދެވަނަ ފަންގިފިލާގައި ޚާއްޞަ ވީ.އައި.ޕީ ލައުންޖަކާއި، 8 ކޯޕަރޭޓް ބޮކްސް ހިމެނޭނެއެވެ.

މި އެރީނާ ފަރުމާކޮށްފައިވަނީ ކުޅުންތެރިންނާއި އޮފިޝަލުން ވަދެނިކުތުމަށް ވަކި ޚާއްޞަ ދޮރުތަކެއް ހުންނަ ގޮތަށެވެ. އެގޮތުން ޓީމުތަކުގެ ލޮކަރ ރޫމްތަކާއި، ފެންވަރާ ތަންތަނާއި، ކިޓް ރޫމްތަކާއި، ޕްލޭޔަރސް ލައުންޖެއް މިތަނުގައި ހުންނާނެއެވެ. އަދި މީގެ އިތުރުން މެޑިކަލް އެންޑް ޑޯޕިންގ ކޮންޓްރޯލް ރޫމަކާއި، އެކި ބޭނުންތަކަށް ބޭނުންކުރެވޭ މަލްޓިޕަރޕަސް ޓްރެއިނިންގ ހޯލަކާއި އިދާރީ އޮފީސްތައްވެސް މި ކޮމްޕްލެކްސްގައި ޤާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި އެރީނާ ނިމުމުން، ރާއްޖޭގައި ބައިނަލްއަޤްވާމީ ފުޓްސަލް މުބާރާތްތައް ބޭއްވުމުގެ މަގުފަހިވެ، ދިވެހި ފުޓްސަލް ކުޅުންތެރިންނަށް ފެންވަރު ރަނގަޅު މާޙައުލެއްގައި ތަމްރީނުވުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450