Ads by Ministry of Arts, Culture and Heritage

ޚަބަރު

ޚިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމަށް މަސައްކަތްކުރި މުވައްޒަފުންގެ އަގު ވަޒަންކޮށްފި

ޚިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމަށް މަސައްކަތްކުރި މުވައްޒަފުންގެ އަގު ވަޒަންކޮށްފި

މުވައްޒަފުންގެ އަގު ވަޒަންކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: ސްޓެލްކޯ

farudhun logo

ފަރުދުން

15 ނޮވެމްބަރު 2026، 09:49

15 ނޮވެމްބަރު 2026، 09:49

ފެނަކަ ކޯޕަރޭޝަންގެ ޚިދުމަތްތައް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) ގެ ދަށަށް ބަދަލުކުރުމުގެ މަރުޙަލާގައި މަސައްކަތް ކުރި މުވައްޒަފުންގެ އަގުވަޒަން ކުރުމަށްޓަކައި ޚާއްޞަ ހަފްލާއެއް މިއަދު ބާއްވައިފިއެވެ.

މި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޑރ. އަޒުވަރު ވިދާޅުވީ، ސެޕްޓެމްބަރ 30 އިން ނޮވެމްބަރ 06 އަށް ކުންފުނީގެ ވަރަށް ގިނަ އަދަދެއްގެ މުވައްޒަފުން ކުރި ބުރަ މަސައްކަތުން، މި ބަދަލު ކަނޑައެޅިފައިވާ ތާރީޚަށް ނިންމާލެވިފައިވާ ކަމަށެވެ. އަދި މިއީ ތާރީޚީ ގޮތުން ނުހަނު މުހިންމު މަސައްކަތެއްކަން ފާހަގަކުރައްވައި، މުވައްޒަފުން ކޮށްދެއްވި އަގުހުރި ޚިދުމަތަށް އެމަނިކުފާނު ވަނީ ޝުކުރު އަދާކުރައްވާފައެވެ.

އެމްޑީ އިތުރަށް ވިދާޅުވީ، މި ބަދަލާއެކު ރާއްޖޭގެ ޔުޓިލިޓީ ދާއިރާގައި މުޅި ރާއްޖެއަށް ޚިދުމަތް ފޯރުކޮށްދިނުމުގައި ސްޓެލްކޯގެ ދައުރާއި ޒިންމާ ކުރިއަށްވުރެ ބޮޑުވެގެން ގޮސްފައިވާ ކަމަށެވެ. އަދި އިތުބާރު ހުރި ޚިދުމަތެއް ލިބޭ ތަނެއްގެ ގޮތުގައި ސްޓެލްކޯގެ ބްރޭންޑް މިހާރުވެސް ދަމަހައްޓާފައިވާކަން ފާހަގަކުރައްވައި، ފެނަކައިގެ އިންވެސްޓްމަންޓްތަކާއެކު ރާއްޖޭގެ އެންމެ ބޮޑެތި ކުންފުނިތަކުގެ ތެރޭގައި ހިމެނިގެން ކުރިއަށްދާއިރު، ސަރުކާރާއި ރައްޔިތުން ކުރާ އުންމީދުތައް ޙަޤީޤަތަކަށް ހެދުމުގެ ބޮޑު ޒިންމާއެއް އެބައޮތް ކަމަށް ވިދާޅުވިއެވެ.

މި ޒިންމާއަކީ އަޅުގަނޑުމެން ހުރިހާ އެންމެންގެ ކޮނޑުގައި އެޅިފައި އޮތް ޒިންމާއެއް. އެކަމަށްޓަކައި އަޅުގަނޑުމެން އެންމެން ގުޅިގެން މަސައްކަތްކުރަންޖެހޭ.

ޑރ. އަޒުވަރު ވިދާޅުވިއެވެ.

މީގެއިތުރުން، ކުންފުނީގެ އިސް ސަފުގައި ތިއްބެވި ބޭފުޅުން ސްޓްރެޓީޖިކަލީ މަސައްކަތް ކުރެއްވުމަށާއި، ސްޓެލްކޯއަކީ ހަރުދަނާ އުސޫލުތަކެއްގެ ތެރެއިން ހިނގާ ތަނެއްކަން ހުރިހާ މުވައްޒަފުންނަށް އިހުސާސްވާންޖެހޭނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ޚިދުމަތްތަކާ ހަވާލުވުމަށްފަހު ދެން އޮތް އެންމެ ބޮޑު މަސައްކަތަކީ ރައްޔިތުން އެދޭފަދަ ފެންވަރެއްގައި ޚިދުމަތް ފޯރުކޮށްދިނުން ކަމަށް ފާހަގަކުރެއްވިއެވެ.

މުވައްޒަފުންގެ އަގު ވަޒަންކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: ސްޓެލްކޯ

މި ލަނޑުދަނޑިތައް ހާސިލުކުރުމަށްޓަކައި ބޮޑެތި އާބާދީތަކުގެ ޚިދުމަތްތައް ތަރައްޤީކުރުމަށް ބޮޑެތި އިންވެސްޓްމަންޓްތަކެއް ކުރުމަށް ރޭވިފައިވާކަން އެމްޑީ ހާމަކުރެއްވިއެވެ. އެގޮތުން، އަދިވެސް ގިނަ ރަށްރަށުގައި އިންޖީނުގެތައް ހުރީ ރަށުގެ މެދުތެރޭގައި، އާންމުން ދިރިއުޅޭ ސަރަޙައްދުތަކުގައި ކަމަށްވުމުން، ދުމާއި އަޑުގެ އުނދަގޫ ރައްޔިތުންނަށް ފޯރަމުންދާ ކަމަށް ވިދާޅުވިއެވެ. އަދި ސަރުކާރުގެ އަމާޒަކީ ވީ އެންމެ އަވަހަކަށް އެ އިންޖީނުގެތައް މީހުން ދިރިއުޅޭ ސަރަޙައްދާ ދުރަށް ބަދަލުކުރުން ކަމަށާއި، އަންނަ އަހަރުގެ ނޮވެމްބަރު މަހާ ހަމައަށް މި މަސައްކަތުގެ ބޮޑުބައެއް ނިންމުމަށް އަމާޒު ހިފާފައިވާ ކަމަށް ވިދާޅުވިއެވެ.

މި ބުރަ މަސައްކަތް ކާމިޔާބު ކުރުމަށްޓަކައި ހުރިހާ މުވައްޒަފުންގެ ފުރިހަމަ އެއްބާރުލުމާއި ކޮމިޓްމަންޓަށް ޑރ. އަޒުވަރު އެދިވަޑައިގެންނެވިއެވެ. އަދި ރައްޔިތުންނަށް ލިބޭ އަސާސީ ޚިދުމަތްތަކުގެ ފެންވަރު މަތިކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ޚިދުމަތް ދިނުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވި މި މުހިންމު ނިންމެވުމަށް އެމަނިކުފާނު ވަނީ ޚާއްޞަ ޝުކުރެއް އަދާކުރައްވާފައެވެ.

Ads by Ministry of Arts, Culture and Heritage

Ads by Ministry of Arts, Culture and Heritage

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450