Ads by Aqeeqa Maldives

ޚަބަރު

ގެއްލުނު ސަޕްލައި ދޯނި ލ. އަތޮޅުގެ ތެރެއިން ހޯދައިފި

ގެއްލުނު ސަޕްލައި ދޯނި ލ. އަތޮޅުގެ ތެރެއިން ހޯދައިފި

ގެއްލުނު "ބްރިލިއަންޓް ކެރިއަރ" ދޯނި، ފޮޓޯ: އެމްއެންޑީއެފް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

29 އޭޕްރީލު 2025، 08:57

29 އޭޕްރީލު 2025، 08:57

ގދ. ގައްދޫއިން ހުޅުމާލެއަށް ދަތުރު ކުރަމުން ދިޔަ "ބްރިލިއަންޓް ކެރިއަރ" ނަމަކަށް ކިޔާ ސަޕްލައި ދޯންޏެއް ގެއްލިގެން ހޯދަމުން ދަނިކޮށް، ލ. އަތޮޅުގެ ތެރެއިން އެ ދޯނި ފެނިއްޖެއެވެ. އެ ދޯނި ހޯދާފައި ވަނީ  އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ތާޑް ސްކޮޑްރަންއިންނެވެ.

އެ ދޯނި ގެއްލިގެން އުޅޭކަމަށް ގައްދޫ ޕޮލިސް ސްޓޭޝަނަށް ރިޕޯޓުކޮށްފައިވަނީ އިއްޔެ ހަވީރު 6:00 ހާއިރެވެ. އަދި މި މަޢުލޫމާތު އެމް.އެން.ޑީ.އެފް ގެ ސަދަން ރީޖަން ކޮމާންޑަށް ފޯރުކޮށްދިނުމާއެކު، ދޯނި ހޯދުމުގެ މަސައްކަތް ވަނީ ފަށާފައެވެ.

މި ހާދިސާއާ ގުޅިގެން މިއަދު ހެނދުނު ފުލުހުން ހާމަކުރީ، ދޯނި ފެނުނުއިރު ދޯނީގެ އިންޖީނު ވަނީ ހުއްޓިފައި ކަމަށެވެ. އަދި އޭގައި ތިބި ފަސް މީހުންގެ ހާލު ވެސް ރަގަޅުކަމަށް އެމްއެންޑީއެފް ކޯސްޓްގާޑާ ހަވާލާދީ ފުލުހުންވަނީ ހާމަކޮށްފައެވެ.

އެމްއެމްޑީއެފްއިން ހާމަކޮށްފައިވާ ގޮތުގައި ދޯނި ފެނުނީ ރޭ ފަތިހު 04:00 ހާއިރު، ގއ.ވިލިގިނލީގެ އިރުއުތުރުން 48 މޭލު ބޭރުގައި އޮއްވައެވެ.  އަދި ދޯނީގެ ވެރިފަރާތާ ގުޅިގެން ކައިރި ރަށެއްގެ ބަދަރަށް އެ ދޯނި ގެންދިއުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށް ވެސް އެމްއެންޑީއެފްއިން ވަނީ ހާމަކޮށްފައެވެ.

މި ދޯންޏަކީ 2025 އޭޕްރިލް 27 ވަނަ ދުވަހުގެ ރޭ 8:00 އެހައިކަންހާއިރު ގދ. ގައްދޫއިން ހުޅުމާލެއަށް ދަތުރުކުރަމުންއައި ދޯންޏެކެވެ. އަދި ދޯނި ގައްދޫއިން ފުރިއިރު ދޯނީގައި ތިބީ ދެ ދިވެހިންނާއި ތިން ބިދޭސީންނެވެ. 

މީގެ އިތުރުން ދިވެހި ފުލުހުންގެ ޚިދުމަތުން ކުރިން ހާމަކޮށްފައިވާ ގޮތުގައި، އެ ދޯނި ގެއްލިގެން އުޅޭ ކަމުގެ ރިޕޯޓު ލިބުނުއިރު، ދޯންޏާއި އެންމެ ފަހުން ގުޅިފައިވަނީ އޭޕްރިލް 28 ވަނަ ދުވަހުގެ ދަންވަރު 2:40 ގައެވެ. އަދި އެއިރު ހުވަދޫ ކަނޑަށް ނުކުތްތާ މާ ގިނަ އިރު ތަކެއް ނުވާ ކަމަށް ކެޕްޓަން ވިދާޅުވެފައިވާކަމަށް ވެއެވެ. 

މި ލިޔުން ކިޔާލުމުން

Ads by MSS