ކުޅިވަރު
ޗެމްޕިއަންސް ލީގު: ޕީއެސްޖީއަށް ފައިނަލަށް ދެވޭނީ ތާރީޙު ބަދަލުކޮށްގެން

މިކޭލް އާޓޭޓާ (ކ) އަދި ލުއިޒް އެންރީކޭ (ވ) ---
ޔޫއެފާ ޗެމްޕިއަންސް ލީގުގެ ސެމީ-ފައިނަލުގެ މެޗުތައް މިރޭ ފަށާއިރު، މި މުބާރާތް ކާމިޔާބު ކުރުމުގެ ހުވަފެން ދެކެމުން އަންނަ ފްރާންސްގެ ޗެމްޕިއަން، ޕެރިސް ސެއިންޓް-ޖަމެއިން (ޕީއެސްޖީ) މި ސީޒަނުގައި ފައިނަލުން ޖާގަ ހޯދުމަށް ވެސް ޖެހެނީ ތާރީޙު ބަދަލުކުރާށެވެ.
ޤަތަރު ސްޕޯޓްސް އިންވެސްޓްމެންޓުން 2011 ގައި ޕީއެސްޖީ ގަތްފަހުން، ފައިސާއިން ކުރަންޖެހޭ ކަންކަން ކުރުމަކީ އެ ކްލަބަށް މާއުނދަގޫ ކަމެއް ނޫނެވެ. އަދި ފައިސާއަށް ގަނެވޭ އެއްޗެއްނަމަ، އެ ކްލަބުން މިހާރު ޗެމްޕިއަންސް ލީގުގެ ތަށި ވެސް އުފުލާލީހެވެ. ނަމަވެސް އެ ކްލަބަށް މިހާތަނަށް މުބާރާތުގެ ފައިނަލް ވެސް ކުޅެލެވުނީ އެންމެ ފަހަރަކުއެވެ.
މިރޭ އާސެނަލްއާ ދެކޮޅަށް އެމިރޭޓްސް ސްޓޭޑިއަމްގައި ނިކުންނައިރު ޕީއެސްޖީއަށް އޮތް ނަފްސާނީ އެންމެ ބޮޑު ބިރުވެރިކަމަކީ، މިހާތަނަށް އެ ކްލަބަށް އާސެނަލް ބަލިކުރެވިފައި ނުވުމެވެ. އެގޮތުން ވާދަވެރި މެޗުތަކުގައި މިހާތަނަށް މި ދެ ކްލަބުން ފަސްފަހަރު ބައްދަލުކޮށްފައިވާއިރު، އޭގެ ތެރެއިން ތިން މެޗު އެއްވަރުވެ، އަނެއް ދެމެޗު ކާމިޔާބުކޮށްފައި ވަނީ އާސެނަލްއެވެ. އަދި އޭގެ ތެރެއިން 1993-94 ސީޒަނުގެ ކަޕް ވިނާސް ކަޕްގައި މި ދެ ޓީމު ބައްދަލުކުރިއިރު އާސެނަލްގެ ދަނޑުގައި ކުޅުނު މެޗު އެ ޓީމުން 1-0 އިން ކާމިޔާބުކުރިއިރު، ފްރާންސްގައި ކުޅުނު މެޗު ވަނީ 1-1 އިން އެއްވަރުވެފައެވެ.
އޭގެފަހުން 2016-17 ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި މި ދެ ޓީމު ކުޅުނު ދެ މެޗު ވެސް ވީ އެއްވަރެވެ. އެގޮތުން ފްރާންސްގައި ކުޅުނު މެޗު 1-1 އިން އެއްވަރުވިއިރު، އިންގްލެންޑުގައި ކުޅުނު މެޗު އެއްވަރުވީ 2-2 އިންނެވެ.
އަދި އެންމެ ފަހުން މި ދެ ޓީމު ބައްދަލުކުރީ މި ސީޒަންގެ ލީގު ފޭސްގައެވެ. އެމިރޭޓްސްގައި ކުޅުނު އެ މެޗުން އާސެނަލް ކުރި ހޯދީ 2-0 އިންނެވެ. އެއީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހެވެ.
އެ މެޗަށް ފަހު ވާހަކަ ދައްކަމުން ޕީއެސްޖީގެ ކޯޗު، ލުއިޒް އެންރީކޭ ބުނެފައި ވަނީ، ފުރަތަމަ މިނެޓުން ފެށިގެން ވެސް އާސެނަލް ގިނަ ހަމަލާތައް އުފެއްދި ކަމަށާއި، އެ މެޗުގައި އެ ކްލަބަށް ހާލަތު ބަދަލު ނުކުރެވުނު ކަމަށެވެ. ނަމަވެސް ޒުވާން ސްކޮޑަކާއެކު އޭގެ ފަހުން އިނގިރޭސި ދެ ކްލަބެއް ބަލިކޮށްފައިވާއިރު، ސެމީގައި އާސެނަލް ބަލިކުރުމުގެ ޤާބިލްކަން ކުޅުންތެރިންގެ ކިބައިގާ އެބަހުރިކަމަށް އެންރީކޭ ވަނީ ބުނެފައެވެ. ޕީއެސްޖީ ސެމީއަށް ދަތުރުކުރީ ގަދަ-16އިން ލިވަޕޫލް އަދި ކުއާޓާ ފައިނަލުން އެސްޓަން ވިލާ ކަޓުވާލުމަށްފަހުއެވެ.
މިރޭގެ މެޗަށް ނިކުންނައިރު އާސެނަލްއަށް އޮތް އެންމެ ބޮޑު ހިތްހަމަޖެހުމަކީ، ބޮޑު އެގްރިގޭޓް ސްކޯރއަކުން ރެއާލް މެޑްރިޑު ބަލިކުރެވުމުން ލިބިފައިއޮތް އިތުބާރެވެ. އާސެނަލްއިން ވަނީ އަމިއްލަ ދަނޑުގައި 3-0 އިން ރެއާލް ބަލިކުރުމަށްފަހު، ސްޕެއިންގައި ކުޅުނު މެޗުން ވެސް ރެއާލް ބަލިކޮށްފައެވެ. އެ މެޗުން އާސެނަލް މޮޅުވީ 2-1 އިންނެވެ.
ކުއާޓާ ފައިނަލުގެ ދެވަނަ ލެގުގެ ކާމިޔާބީއަށްފަހު ވާހަކަ ދައްކަމުން އާސެނަލްގެ ކޯޗު މިކޭލް އާޓޭޓާ ބުނީ، އެ ރެއަކީ އޭނާއަށް ވަރަށް ޙާއްސަ ރެއެއް ކަމަށާއި، އެއީ ޗެމްޕިއަންސް ލީގުގެ އެންމެ ކާމިޔާބު ކްލަބު ދެ ލެގުން ވެސް ބަލިކުރެވުމުން ކަމަށެވެ.