ކުޅިވަރު
ސެންޗަރީއަކާއެކު އުމުރުން 14 އަހަރުގެ ސޫރްޔަވަންޝީ އިންޑިއާގެ ތާރީޙުގެ ތެރެއަށް

ވައިބަވް ސޫރްޔަވަންޝީ، ފޮޓޯ: އައިޕީއެލް
އިންޑިއަން ޕްރިމިއަރ ލީގު (އައިޕީއެލް)ގައި ރާޖަސްތާން ރޯޔަލްސްއިން ގުޖަރާތު ޓައިޓެންސްގެ މައްޗަށް ބޮޑު ކުރިއެރުމެއް ހޯދި މެޗުގައި، އުމުރުން އެންމެ 14 އަހަރުގެ ވައިބަވް ސޫރްޔަވަންޝީ ސެންޗަރީއެއް ހަދައި، އިންޑިއާގެ ކްރިކެޓުގެ ތާރީޙުން ޖާގަ ހޯދައިފިއެވެ.
އެގޮތުން އޭނާއަކީ މިހާރު ފިރިހެނުންގެ ޓީ20 ކްރިކެޓުގައި ސެންޗަރީއެއް ހެދި އެންމެ ހަގު ކުޅުންތެރިޔާއެވެ. މި ހިސާބުން އަދި ނިމުނީކީ ނޫނެވެ. ސޫރްޔަވަންޝީ ވަނީ އައިޕީއެލްގެ މުޅި ތާރީހުގައި ވެސް ދެވަނައަށް އެންމެ އަވަސް ސެންޗަރީއެއް ހެދި ކުޅުންތެރިޔާގެ މަގާމު ހޯދާފައެވެ. އަދި އޭނާއަކީ އިންޑިއާއަށް ނިސްބަތްވާ ކުޅުންތެރިންގެ ތެރެއިން އެންމެ އަވަސް ސެންޗަރީއެއް ހެދި ކުޅުންތެރިޔާއެވެ.
މުޅި އައިޕީއެލްއަށް ބަލާއިރު، މި ލިސްޓުގެ ކުރީގައި އުޅެނީ ޖެމެއިކާގެ ކްރިސް ގޭލްއެވެ. އޭނާ ވަނީ 2013 ވަނަ އަހަރު 30 ބޯޅައިން ސެންޗަރީއެއް ހަދާފައެވެ. ސޫރްޔަވަންޝީ ސެންޗަރީ ހެދީ 35 ބޯޅައިންނެވެ.
މިދިޔަ މަހު 14 އަހަރު ފުރުނު، ވައަތުން ކުޅޭ ސޫރްޔަވަންޝީ ވަނީ ގުޖަރާތު ޓައިޓެންސްއާ ދެކޮޅަށް ކުޅުނު މި ތާރީޙީ މެޗުގައި ހަތަރަކަށް 7 ފަހަރު ޖަހާފައެވެ. އަދި 11 ފަހަރު ހަޔަކަށް ޖަހާ، 38 ބޯޅައިން އޭނާ ވަނީ 101 ލަނޑު ހަދާފައެވެ. މި މެޗުން ރާޖަސްތާން ރޯޔަލްސް މޮޅުވީ 8 ވިކެޓުންނެވެ.
މިދިޔަ އަހަރު ރާޖަސްތާން ރޯޔަލްސްއަށް ސޫރްޔަވަންޝީ ގެނައީ 103،789 ޕައުންޑު (1.1 ކްރޯ ރުޕީސް) އަށެވެ. އަދި އޭނާ ވަނީ އައިޕީއެލްގައި މިހާތަނަށް ކުޅުނު އެންމެ ހަގު ކުޅުންތެރިޔާގެ އިތުރުން، އެ ލީގުގައި ހަޔަކަށްޖެހި އެންމެ ހަގު ކުޅުންތެރިޔާގެ ރެކޯޑު ވެސް ހަދާފައެވެ.
އައިޕީއެލްގައި ރޭ ގުޖުރާތު އަތުން މޮޅުވެ، ރާޖަސްތާނުން މި ވަނީ އެ ޓީމުގެ ބަލިވުމުގެ ސިލްސިލާ އަށް ނިމުމެއް ގެނެސްފަ އެވެ. ދިހަ ޓީމު ވާދަކުރާ އައިޕީއެލްގައި، ރާޖަސްތާން އޮތީ އަށް ވަނައިގައެވެ.