ދުނިޔެ

އައި.ސީ.ޖޭ އިން ފަލަސްތީނު ސަރަހައްދުގައި އިޒްރާއީލުގެ އިންސާނީ ޒިންމާތަކާ ގުޅޭ އަޑުއެހުންތައް ފަށައިފި

އައި.ސީ.ޖޭ އިން ފަލަސްތީނު ސަރަހައްދުގައި އިޒްރާއީލުގެ އިންސާނީ ޒިންމާތަކާ ގުޅޭ އަޑުއެހުންތައް ފަށައިފި

އައިސީޖޭގެ އަޑުއެހުން ފެށިގެން ކުރިއަށްދަނީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

28 އޭޕްރީލު 2025، 02:39

28 އޭޕްރީލު 2025، 02:39

އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައި.ސީ.ޖޭ) އިން ފަލަސްޠީނުގެ ސަރަހައްދުގައި އިޒްރާއީލުގެ އިންސާނީ ޒިންމާތަކާއި ގުޅޭ އަޑުއެހުންތައް މިއަދު ދަ ހޭގްގައި ފަށައިފިއެވެ.

މި އަޑުއެހުންތައް ބޭއްވެނީ އ.ދ.ގެ ޖެނެރަލް އެސެމްބްލީގެ އެދުމުގެ މަތިން ކަމަށްވާއިރު، ކުރިއަށް އޮތް ފަސް ދުވަހުގެ ތެރޭގައި، އެމެރިކާ، ޗައިނާ، ފްރާންސް، ރަޝިއާ އަދި ސަޢުދީޢަރަބިއްޔާ ހިމެނޭ ގޮތަށް 38 ޤައުމަކުން 15 ފަނޑިޔާރުންގެ ޕެނަލަށް މުޚާތަބުކުރާނެއެވެ. މީގެ އިތުރުން ލީގް އޮފް އެރަބް ސްޓޭޓްސް، އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން އަދި އެފްރިކަން ޔޫނިއަން އިންވެސް ހުށަހެޅުންތައް ހުށަހަޅާނެއެވެ.

މި އަޑުއެހުމުގެ މައިގަނޑު ބޭނުމަކީ އިޒްރާއީލުން އ.ދ.ގެ ޗާޓަރުގައި ސޮއިކޮށްފައިވާ ޤައުމެއްގެ ހައިސިއްޔަތުން، އ.ދ.ގެ މުއައްސަސާއަކަށް ލިބިދޭ އިމްތިޔާޒުތައް ނިގުޅައިގަތުމުގައި ޤާނޫނާ ޚިލާފަށް ޢަމަލުކޮށްފައިވޭތޯ ބެލުމެވެ. ޚާއްޞަކޮށް، ފަލަސްތީނު ރެފިއުޖީންނާ ބެހޭ އ.ދ.ގެ އޭޖެންސީ (ޔޫ.އެން.އާރް.ޑަބްލިޔޫ.އޭ) އާމެދު އިޒްރާއީލުން ޢަމަލުކުރާ ގޮތް އިންސާނިއްޔަތުކަމުގެ ޒިންމާތަކާ އެއްގޮތްވޭތޯ ބެލުމަށެވެ.

ފާއިތުވި އަހަރުގެ އޮކްޓޯބަރުގައި އިޒްރާއީލުގެ ކްނެސެޓުން ފާސްކުރި ދެ ބިލުގައި، ޔޫ.އެން.އާރް.ޑަބްލިޔޫ.އޭ އިން "ހަމާސް ޓެރަރިސްޓުން" ފޮރުވާކަމަށް ބުނެ، އެ ޖަމްޢިއްޔާއާއެކު އެއްވެސް ގުޅުމެއް ނުބޭއްވުމަށާއި، އޭޖެންސީގެ ބައިނަލްއަޤްވާމީ މުވައްޒަފުންނަށް ވީސާ ދޫކުރުން ހުއްޓާލުމަށް އަންގާފައިވެއެވެ. މިކަމުގެ ސަބަބުން ބަނޑުޖެހިފައިވާ ޣައްޒާއަށް ކާބޯތަކެއްޗާއި އެހީ ފޯރުކޮށްދިނުމަށް ވަރަށް ބޮޑު ހުރަސްތަކެއް ކުރިމަތިވެފައިވެއެވެ.

އަޑުއެހުންތައް ނިމުމަށްފަހު، ފަނޑިޔާރުން މިކަމާމެދު ނިންމާ ގޮތެއް އެނގުމަށް އިތުރު ހަފްތާތަކެއް ހޭދަވެދާނެ ކަމަށް ބެލެވެއެވެ. އިޒްރާއީލަށް ތާއީދުކުރާ ޤައުމުތަކުގެ ތެރެއިން އެމެރިކާ އަދި ހަންގޭރީ ވާހަކަދައްކާނީ ބުދަ ދުވަހުއެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS