ޚަބަރު
ރާއްޖޭގެ ފުރަތަމަ ފަސްތަރީގެ ސިޓީ ހޮޓާ : ބާސެލޯ ނަސަންދުރާ މާލެ ރަސްމީކޮށް ހުޅުވައިފި

"ބާސެލޯ ނަސަންދުރާ މާލެ"
މާލޭގައި އަލަށް ތަރައްޤީކޮށްފައިވާ ފަސްތަރީގެ ސިޓީ ހޮޓަލެއް ކަމަށްވާ "ބާސެލޯ ނަސަންދުރާ މާލެ" މިއަދު ރަސްމީކޮށް ހުޅުވައިފިއެވެ. ކުރީގެ ނަސަންދުރާ ޕެލަސް ހުރި ބިމުގައި 2015 ވަނަ އަހަރުން ފެށިގެން ތަރައްޤީކުރަން ފެށި މި ހޮޓަލަކީ ސްޕެއިންގެ މަޝްހޫރު ހޮޓެލް ބްރޭންޑެއް ކަމަށްވާ "ބާސެލޯ" އިން ހިންގާ ހޮޓަލެކެވެ.
ހޮޓަލުގެ ރަސްމީ ސޯޝަލް މީޑިއާ ޕޭޖުތަކުގައި ބުނެފައިވާ ގޮތުގައި މިއީ މާލެއަށް ލިބިގެންދިޔަ އާ ލޭންޑްމާކެކެވެ. އަދި މިއީ ރާއްޖޭގައި ހުޅުވި އެންމެ ފުރަތަމަ ފަސްތަރީގެ ސިޓީ ހޮޓާ ކަމަށްވެސް ބުނެފައިވެއެވެ.
ނުވަދިހަ މިލިއަން ޑޮލަރު ހޭދަކޮށްގެން ތަރައްޤީކޮށްފައިވާ މި ހޮޓަލުގައި 126 ކޮޓަރި ހުރެއެވެ. މީގެ އިތުރުން 118 ސާވިސް އެޕާޓްމަންޓާއި، ސްވިމިންގ ޕޫލް، އަދި އެހެނިހެން ޒަމާނީ ޚިދުމަތްތައް ލިބޭގޮތަށް މި ތަން ވަނީ ތަރައްޤީކޮށްފައެވެ. މިހާރު މި ހޮޓަލަކީ މާލެ ސަރަހައްދުގައި ހުރި އެންމެ ބޮޑު އަދި އެންމެ ތަނަވަސް ހޮޓަލެވެ.
ނަސަންދުރާ ހުރި ބިމުގައި ހޮޓަލާއި އެޕާޓްމަންޓް ހެދުމުގެ މަޝްރޫޢު 2015 ވަނަ އަހަރު ފެށުނީ އޭރުގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައެވެ. މި މަޝްރޫޢު ހަވާލުކުރެވުނީ އެމަނިކުފާނުގެ ޅިޔަނު އެއްލައިދޫ މުހައްމަދު މަނިކުގެ މަސްލަހަތު އޮންނަ، އެންޕީއެޗް އިންވެސްޓްމަންޓާއެވެ. މި މަޝްރޫޢުގައި ލަންކާގެ އެލްއޯއެލްސީ ގްރޫޕްގެ ސަބްސިޑަރީ، "ބްރައުން އިންވެސްޓަމަންޓް ޕީއެލްސީ" އާއެކު ޖޮއިންޓް ވެންޗަރ އެއްބަސްވުމެއް ވެސް ހެދިފައިވެއެވެ.
2019 ވަނަ އަހަރު، މި ޖޮއިންޓް ވެންޗަރގައި ހިމެނޭ ބްރައުން އިންވެސްޓްމަންޓްގެ ބޮޑުފަރު ބީޗް ރިސޯޓްސް ލިމިޓެޑްގެ 33.33 ޕަސެންޓް ހިއްސާ ސްޕެއިންގެ ބާސެލޯ ހޮޓެލް ގްރޫޕަށް 30 މިލިއަން ޑޮލަރަށް ވިއްކާލުމުގެ އެއްބަސްވުމެއްގައި ސޮއިކުރެވުނެވެ.
ނަސަންދުރާ ތަރައްޤީކުރުމަށް ހަވާލުކުރެވުނު ގޮތާ ގުޅިގެން ޤާނޫނާ ޚިލާފު ޢަމަލުތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރެވި، އޭރުގެ ޓޫރިޒަމް މިނިސްޓަރު އަދި ފަހުން ނައިބު ރައީސްކަން ކުރެއްވި އަޙްމަދު އަދީބުގެ މައްޗަށް ދަޢުވާ އުފުލިފައިވާކަން ފާހަގަކޮށްލެވެއެވެ.
މި ހޮޓަލުގެ ކޮންސްޓްރަކްޝަންގެ މަސައްކަތް ކޮށްފައިވަނީ ޗައިނާގެ ޒޮންޝިއާން ކޮންސްޓްރަކްޝަންއިންނެވެ.