ކުޅިވަރު
އެސޯސިއޭޝަން ޗެމްޕިއަންޝިޕް: މޮޅު އެތުލީޓުންގެ މަގާމު ޝައްމޫން އާއި ޒީކްއަށް

12 ވަނަ އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ އެންމެ މޮޅު އެތުލީޓުންގެ މަގާމު ހޯދި އެތުލީޓުން، ފޮޓޯ: އަތޫފް އަތީފް
އެތުލެޓިކްސް އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސްގެ 12 ވަނަ އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ އެންމެ މޮޅު އެތުލީޓުންގެ މަގާމު، ދިވެހި ސިފައިންގެ ކްލަބްގެ ހަސަން ޝައްމޫން އާއި ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަންގެ ޒީކް އަޝްރަފް ރަޝީދު ހޯދައިފިއެވެ.
މީގެ 9 އަހަރު ކުރިން، އެންމެ މޮޅު އެތުލީޓުގެ މަގާމު ހޯދި ޝައްމޫން ވަނީ ނިމިގެން ދިޔަ މުބާރާތުގައި ޝޮޓް ޕުޓް އާއި ޑިސްކަސް އުކުމުން ރަން މެޑަލް ހޯދައިފައެވެ. ޝޮޓް ފުޓް އިވެންޓުން އޭނާ ރަން މެޑަލް ހޯދީ 10.46 މީޓަރު ދުރަށް އެއްލައިގެނެވެ. އަދި ޑިސްކަސް އުކުމުގެ އިވެންޓު އޭނާ ކާމިޔާބުކުރީ 29.06 މީޓަރު ދުރަށް އެއްލައިގެނެވެ.
އެންމެ މޮޅު އަންހެން އެތުލީޓުގެ މަގާމު ހޯދި ޒީކް ވަނީ 1500 މީޓަރު ދުވުމާއި 800 މީޓަރު ދުވުމުން ރަން މެޑަލް ހޯދައިފައެވެ. އެ ގޮތުން، ޒީކް 800 މީޓަރު ދުވުން ކާމިޔާބުކުރީ، 2 މިނިޓް 23.94 ސިކުންތުންނެވެ. އަދި 1500 މީޓަރު އިވެންޓުގައި ޒީކް ވަނީ، 5 މިނިޓް، 15.29 ސިކުންތުން ނިންމައި، މީޓް ރެކޯޑެއް ހަދައިފައެވެ.
މިފަހަރުގެ މުބާރާތުގައި ސޯޅަ އަހަރުން ދަށުގެ އެންމެ މޮޅު ފިރިހެން އެތުލީޓަކަށް ހޮވުނީ އައްޑޫ އެތުލެޓިކްސްގެ މުހައްމަދު ޔޫނުސް ބިން ހުސެއިން ބިން އިބްރާހިމްއެވެ. އޭނާ ވަނީ ތިން އިވެންޓުން ރަން މެޑަލް ހޯދާފައެވެ. އެއީ 80 މީޓަރު ހާޑްލްސް، 400 މީޓަރު ދުވުން އަދި ޓްރިޕަލް ޖަމްޕުންނެވެ. މި ތިން އިވެންޓްގައި ވެސް އޭނާ ވަނީ މީޓް ރެކޯޑެއް ހަދައިފައެވެ.
ސޯޅަ އަހަރުން ދަށުގެ އެންމެ މޮޅު އަންހެން އެތުލީޓަކަށް ހޮވުނީ ޝަރީފް ސްޕޯޓްސްގެ އައިމިނަތު އައުހާ އަބްދުލް ރަހުމާންއެވެ. އައުހާ ވަނީ 100 މީޓަރާއި 200 މީޓަރު އިވެންޓުގެ އިތުރުން، ލޯންގް ޖަމްޕުން ރަން މެޑަލް ހޯދައިފަ އެވެ. މީގެ ތެރެއިން، 200 މީޓަރު ދުވުމާއި ލޯންގް ޖަމްޕަކީ މީޓް ރެކޯޑެކެވެ.
މި މުބާރާތުގައި އައްޑޫ އެތުލެޓިކްސްއިން ވަނީ ސޯޅަ އަހަރުން ދަށުގެ ފިރިހެން، އަދި ސޯޅަ އަހަރުން މަތީގެ އަންހެން ބައިން އެންމެ މޮޅު ޓީމުގެ މަޤާމު ހޯދާފައެވެ.
ސޯޅަ އަހަރުން ދަށުގެ އެންމެ މޮޅު އަންހެން ޓީމަކަށް ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަން ހޮވުނުއިރު، ސޯޅަ އަހަރުން މަތީގެ އެންމެ މޮޅު ޓީމަކަށް ހޮވުނީ ދިވެހި ސިފައިންގެ ކްލަބެވެ. މިއީ ސިފައިންގެ ކްލަބް މި މަގާމު ޖެހިޖެހިގެން ހޯދި 4 ވަނަ ފަހަރެވެ.
މި އަހަރުގެ އެސޯސިއޭޝަން ޗެމްޕިއަންޝިޕްގައި 26 މީޓް ރެކޯޑް ހެދުނުއިރު، އެއް ގައުމީ ރެކޯޑް މުގުރާލާފައިވެއެވެ. ގައުމީ ރެކޯޑު މުގުރާލީ ހައި ޖަމްޕުންނެވެ. ޔޫސުފް ނާއިކް ވަޖީހު އާކުރި މި ރެކޯޑަކީ ، 16 އަހަރު ވަންދެން ދެމި އޮތް އަހުމަދު ޒަބީރު (ޒަބީ)ގެ ރެކޯޑެކެވެ.