ކުޅިވަރު
ޓޮޓެންހަމް ބަލިކުރުމަށްފަހު ލިވަޕޫލުން ޕްރިމިއަރ ލީގު ޔަގީންކޮށްފި

މެޗަށްފަހު ލިވަޕޫލްގެ ކުޅުންތެރިން އުފާފާޅުކުރަނީ، ފޮޓޯ: ގެޓީ އިމޭޖަސް
ޓޮޓެންހަމް ހޮޓްސްޕާރ 5-1 އިން ބަލިކުރުމަށްފަހު، ހަތަރު މެޗު ބާކީއޮއްވައި ލިވަޕޫލުން ޕްރިމިއަރ ލީގު ޔަގީންކޮށްފިއެވެ. މި މެޗަށް ނިކުތްއިރު ލީގު ޔަގީން ކުރުމަށް އެ ކްލަބަށް ބޭނުންވެފައި އޮތީ އެންމެ ޕޮއިންޓެކެވެ.
މި ތައްޓާއެކު، ޕްރިމިއަރ ލީގު އެންމެ ގިނަ ފަހަރު ކާމިޔާބުކޮށްފައިވާ މެންޗެސްޓަރ ޔުނައިޓެޑާއި ލިވަޕޫލުން އަރާ ހަމަކުރާނެއެވެ. ޔުނައިޓެޑުން ވަނީ ލީގު ތަށި 20 ފަހަރު ކާމިޔާބުކޮށްފައެވެ.
މި ކާމިޔާބާއެކު، ދެބަސްވުމެއް ނެތި އިނގިރޭސިވިލާތާއި މުޅި ޔޫރަޕްގައި ވެސް އެންމެ ކާމިޔާބު އިނގިރޭސި ކްލަބަކީ ލިވަޕޫލްއެވެ. އެ ކްލަބުން ވަނީ 6 ފަހަރު ޗެމްޕިއަންސް ލީގު ވެސް ކާމިޔާބުކޮށްފައެވެ. ދެން އެންމެ ގިނައިން ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައިވާ އިނގިރޭސި ކްލަބަކީ ޔުނައިޓެޑެވެ. ނަމަވެސް އެ ޓީމަށް އެ މުބާރާތް ކާމިޔާބު ކުރެވުނީ ތިން ފަހަރެވެ.
ލިވަޕޫލްގެ އެންފީލްޑްގައި ރޭ ކުޅުނު މި މެޗުގައި ފުރަތަމަ ލީޑު ނެގީ ސްޕާސްއިންނެވެ. މެޗުގެ 12 ވަނަ މިނެޓުގައި އެ ޓީމަށް ލީޑު ނަގައިދިނީ ލިވަޕޫލަށް ކުރިން ކުޅެފައިވާ ޑޮމިނިކް ސޮލަންކީއެވެ. އެ ގޯލާއެކު ލިވަޕޫލުގެ އިންތިޒާރު ދިގުލާދާނެކަމަށް ހީވިނަމަވެސް، ކުޑަ ހިނދުކޮޅެއްގެ ތެރޭގައި އެކަން ބަދަލުވެގެން ދިޔައެވެ.
ސޮލަންކީ ގޯލު ކާމިޔާބުކުރިތާ ހަތަރު މިނެޓު ފަހުން ލުއިސް ދިއާޒް ވަނީ ލިވަޕޫލަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދީފައެވެ. ޑޮމިނިކް ސޮބޯޒްލައި ގޯލުގެ ކުރިމައްޗަށް ހުރަސްކޮށްދިން ބޯޅަ ދިއާޒް ގޯލުގެ ތެރެއަށް ފޮނުވާލީ ސްލައިޑް ކޮށްލުމަފަހުއެވެ.
އެއަށްފަހު މެޗުގެ 24 ވަނަ މިނެޓުގައި އެލެކްސިސް މެކަލިސްޓަރ ވަނީ ޕެނަލްޓީ އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއަކާއެކު ލިވަޕޫލަށް ލީޑު ނަގައިދީފައެވެ. އަދި ހާފު ނިމުމުގެ ކުރިން ކޯޑީ ގަކްޕޯ ކާމިޔާބުކުރި ގޯލާއެކު ލިވަޕޫލުން އެ ޓީމުގެ ލީޑު ފުޅާކުރިއެވެ.
ލިވަޕޫލްގެ މި ޙާއްސަ މެޗުގައި މުޙައްމަދު ސަލާޙް ވެސް ގޯލެއް ކާމިޔާބުކުރިއެވެ. ދެވަނަ ހާފުގައި ކާމިޔާބުކުރި މި ގޯލަށްފަހު، އޭނާ އުފާފާޅުކޮށްފައިވަނީ ލިވަޕޫލްގެ ސަޕޯޓަރުންނާއެކުއެވެ.
ލިވަޕޫލްގެ ފަހު ގޯލަކީ ސްޕާސްގެ ފުލްބެކް ޑެސްޓިނީ އުޑޯގީ އަތުން ބައިކޮޅަށް ވަތް ގޯލެކެވެ.
މެޗު ނިމުމާއެކު ލިވަޕޫލްގެ ކުޅުންތެރިންނާ ސަޕޯޓަރުން ވަނީ ކުލަ ގަދަކޮށް އުފާފާޅުކުރަން ފަށާފައެވެ. އެ ކްލަބުން އެންމެ ފަހުން ލީގު ކާމިޔާބުކުރިއިރު، ކޮވިޑުގެ ވަބާގެ ސަބަބުން އަޅާފައި އޮތް ފިޔަވަޅުތަކާ ގުޅިގެން، ސަޕޯޓަރުންނާއެކު ލީގުގެ ކާމިޔާބީ ރަގަޅަށް ފާހަގަ ކުރެވިފައެއް ނުވެއެވެ. ނަމަވެސް ލިވަޕޫލްގެ މަގުތަކުގައި މިހާރު ވެސް އުފާފާޅުކުރުމުގެ ކަންކަން ކުރިޔަށްދާއިރު، ލީގު ތަށި އުފުލާލުމަށްފަހު މިކަންކަން އިތުރަށް ވަރުގަދަވެގެން ދާނެކަމަށް ބެލެވެއެވެ.