ކުޅިވަރު
އެސްޓަން ވިލާ ބަލިކޮށް ނުވަ އަހަރު ފަހުން ކްރިސްޓަލް ޕެލެސް އަނެއްކާ ވެސް އެފްއޭ ކަޕް ފައިނަލަށް

އެފްއޭ ކަޕް ސެމީ ފައިނަލުގައި ގޯލު ކާމިޔާބުކުރުމަށްފަހު އިސްމައިލާ ސާރ އުފާފާޅުކުރަނީ، ފޮޓޯ: ގެޓީ އިމޭޖަސް
އިނގިރޭސި އެފްއޭ ކަޕްގެ ސެމީފައިނަލްގެ ފުރަތަމަ މެޗުގައި އެސްޓަން ވިލާ 3-0 އިން ބަލިކުރުމަށްފަހު ކްރިސްޓަލް ޕެލެސް ނުވަ އަހަރު ފަހުން އަނެއްކާ ވެސް މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފިއެވެ.
ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި އެސްޓަން ވިލާގެ ގޯލު ހުޅުވީ އެބެރެޗި އެޒޭ ފޮނުވާލި ބާރު ހަމަލާއަކުންނެވެ. ޕެނަލްޓީ އޭރިއާ ބޭރުން މެޗުގެ 31 ވަނަ މިނެޓުގައި އޭނާ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ.
ދެވަނަ ހާފުގައި އެ ޓީމަށް ލީޑު ފުޅާ ކުރުމަށް ޕެނަލްޓީއެއް ލިބުނެވެ. ނަމަވެސް މަޓޭޓާ ފޮނުވާލި ބޯޅަ ގޯލުގެ ތިން ދަނޑީގެ އެތެރެއަށް އަމާޒުވެފައެއް ނުވެއެވެ.
ނަމަވެސް އޭގެ 5 މިނެޓު ފަހުން އިސްމައިލާރ ސާރ ވަނީ އެ މެޗުގައި އޭނާގެ ފުރަތަމަ ގޯލު ކާމިޔާބުކޮށް، ޕެލެސްގެ ލީޑު ފުޅާކޮށްފައެވެ. އެސްޓަން ވިލާގެ ހާފުގެ މެދަށް ވުރެ އެ ޓީމުގެ ގޯލާ ކައިރިން ތިރިތިރިން ސާރ ފޮނުވާލި ބޯޅަ ގޮސް ވަނީ ގޯލުގެ ތިރީކަނަށެވެ.
އެއަށްފަހު މެޗުގެ އިތުރު ވަގުތުގައި، އެސްޓަން ވިލާގެ ޑިފެންޑަރެއްގެ އަތުން އެޒޭ ބޯޅަ ހޯދުމަށްފަހު ސާރއަށް ފޮނުވާލި ތުރޫ ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލުމަށްފަހު ޕެލެސްއިން ބޮޑު ތަފާތަކުން އެސްޓަން ވިލާ ބަލިކުރިއެވެ.
މި ނަތީޖާއާއެކު މި އަންނަ މަހުގެ 17 ވަނަ ދުވަހު ކުޅޭ ފައިނަލުގައި ޕެލެސް ބައްދަލުކުރަން ޖެހޭނީ މެންޗެސްޓަރ ސިޓީ އާއި ނޮޓިންހަމް ފޮރެސްޓް ކުޅޭ ދެވަނަ ސެމީ ފައިނަލް ކާމިޔާބުކުރާ ޓީމަކާއެވެ.
ކްރިސްޓަލް ޕެލެސްއަށް މީގެ ކުރިން އެފްއޭ ކަޕް ކާމިޔާބު ކުރެވިފައެއް ނުވެއެވެ. ނަމަވެސް ދެ ފަހަރަކު ވަނީ ފައިނަލް ގައި ކުޅެފައެވެ. އެއީ 1990 ގަ އާއި 2016 ގައެވެ. މި ދެ ފަހަރު ވެސް އެ ޓީމު ބަލިވީ މެންޗެސްޓަރ ޔުނައިޓެޑުގެ އަތުންނެވެ.