ކުޅިވަރު
ރެއާލް ބަލިކޮށް ބާސެލޯނާއިން ކޮޕަ ޑެލް ރޭ ކާމިޔާބުކޮށްފި

ކޮޕަ ޑެލް ރޭ ތަށި ބާސެލޯނާއިން ކާމިޔާބުކުރުން، ފޮޓޯ: ގެޓީއިމޭޖަސް
އިތުރު ވަގުތުގައި ޖޫލްސް ކުންޑޭ ކާމިޔާބުކުރި ގޯލާއެކު، ސެވިއްޔާގައި ކުޅުނު ކޮޕަ ޑެލް ރޭ ފައިނަލް ބާސެލޯނާއިން ކާމިޔާބުކޮށްފިއެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ރެއާލް މެޑްރިޑާއި ބާސެލޯނާގެ ކުރިމަތިލުން 2-2 އިން އެއްވަރުވެފައިވުމުން، ނަތީޖާއެއް ނެރުމަށް އިތުރު ވަގުތުގެ ދެ ހާފު ކުޅެން ޖެހުނެވެ. އެގޮތުން ދެވަނަ ހާފު ނިމެން ހަތަރު މިނެޓަށް ވެފައިވަނިކޮށް ރެއާލްގެ ހާފު ތެރެއިން ބާސެލޯނާގެ ޑިފެންޑަރު ކުންޑޭ ބޯޅަ ހޯދުމަށްފަހު، ޑީ-އޭރިއާ ތެރެއިން ފޮނުވާލި ބޯޅަ ގޮސް ވަނީ ވާތް ފަރާތުން ތިރީ ކަނަށެވެ.
މެޗުގެ ފުރަތަމަ ހާފުގައި ވެސް މޮޅަށް ކުޅެފައިވަނީ ބާސެލޯނާއިންނެވެ. އަދި އެ ޓީމުން މި ހާފުގައި ގިނަ ހަމަލާތަކެއް ވެސް އުފެއްދިއެވެ. އެގޮތުން މެޗުގެ 28 ވަނަ މިނެޓުގައި ރެއާލްގެ ގޯލު ކުރިމައްޗަށް ތިރިތިރިން ޔަމާލް ހުރަސްކޮށްދިން ބޯޅަ، ޕެނަލްޓީ އޭރިއާ ބޭރުގައި ހުރެފައި ޕެޑްރީ ފޮނުވާލީ ގޯލުގެ މަތީ ކަނަށެވެ.
ދެވަނަ ހާފުގައި ކީލިއަން އެމްބައްޕޭ ކުޅެން ނިކުތުމާއެކު ރެއާލްއިން ކުޅުން ރަގަޅުކުރިއެވެ. އަދި އެމްބައްޕޭއަށް ކުރި ފައުލަކަށް ޑީ-އޭރިއާގެ ބޭރުން ލިބުނު ހިލޭ ޖެހުން އޭނާ ކާމިޔާބުކުރީ ތިރީ ކަނަށް ފޮނުވާލުމަށްފަހުއެވެ. އޭގެ 7 މިނެޓު ފަހުން ރެއާލްއިން މެޗުގައި ކުރި ހޯދިއެވެ. ރެއާލްއަށް ލިބުނު ކޯނަރެއްގައި މި ގޯލު ކާމިޔާބުކުރީ އޮރޭލިއަން ޗޯމޭނީއެވެ.
ނަމަވެސް މެޗު ނިމެން 6 މިނެޓަށް ވެފައިވަނިކޮށް، ބާސެލޯނާގެ ހާފު ތެރެއިން ޔަމާލް ވައްޓާލި ދުރު ބޯޅައެއް ހޯދައި، ކީޕަރު ތިއާބަތު ކޯޓްވާ ކައިރިން ނައްޓާލުމަށްފަހު މެޗުގެ ނަތީޖާ ހަމަހަމަކޮށްދިނީ ފެރަން ޓޮރޭސްއެވެ.
މި ގޯލާއެކު އިތުރު ވަގުތު ކުޅެން ޖެހުމުން، ކުންޑޭ މި ސީޒަނުގައި ކާމިޔާބުކުރި އޭނާގެ 4 ވަނަ ގޯލާއެކު ބާސެލޯނާއިން މެޗު ކާމިޔާބުކުރިއެވެ.
މި މެޗުގެ ކުރިން ރެއާލްއިން ވަނީ ރެފްރީންނަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. އަދި ކުންޑޭގެ ގޯލަށް ފަހު، މި މައްސަލަ ހޫނުވެ ރުޑީގާ އާއި ވަޒްކޭޒްއަށް ރެފްރީ ވަނީ ރަތްކާޑު ދައްކާފައެވެ.
މެޗުގެ ކުރިން ރެއާލްގެ ޓީވީއިން ވެސް ވަނީ ރޭގެ މެޗުގައި ރެފްރީއަކަށް ހަމަޖައްސާފައިހުރި ރިކާޑޯ ޑި ބާރގަސް ބެންގޮއެޒެއާއަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. އަދި މި ފާޑިކިއުންތަކާ ގުޅިގެން ރެފްރީއަށް ކުރި އަސަރު އޭނާ ވަނީ ޙިއްސާކޮށްފައެވެ.