ޚަބަރު
ޔުމްނުގެ މައްސަލަ ތަޙުޤީޤު ކުރުމަށް ޙާއްސަ ކޮމިޝަނެއް ރައީސް އުފައްދަވައިފި

ޔުމްނުގެ މައްސަލަ ތަޙުޤީޤު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި ކޮމިޝަނުގެ މެންބަރުން---
މި މަހުގެ 18 ވަނަ ދުވަހު ހ. ފެންޓަނޯއީގެއިން ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް ވެއްޓިފައި އޮއްވާ ފެނުނު، ގ. ރަނައުރާގެ އާގެ، ހައްވާ ޔުމްނު ރަޝީދު (21 އ)ގެ މައްސަލަ ތަޙުޤީޤު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ޙާއްސަ ކޮމިޝަނެއް ރޭ އުފައްދަވައިފިއެވެ.
"2025 އެޕްރީލް 18 ވަނަ ދުވަހު މާލޭގައި ހިނގި ހާދިސާ ތަޙުޤީޤުކުރާ، ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ ކޮމިޝަން" ގެ ނަމުގައި މި އުފައްދަވާފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ގ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިޚުތިޔާރުގެ ދަށުންނެވެ.
މި ކޮމިޝަން އުފެއްދުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ނެރުއްވި ބަޔާނުގައި ވިދާޅުވީ، އެ ކޮމިޝަން އުފެއްދުމުގެ މަޤުސަދަކީ 2025 އެޕްރީލު 18 ވަނަ ދުވަހު މާލޭގެ ގެއެއްގެ ފުރާޅުމަތީގައި ދިވެހި ޒުވާނަކު ވެއްޓިފައި އޮއްވައި ފެނުނު މައްސަލަ ބަލައި، އެ މައްސަލައާ ގުޅިގެން މިނިވަން، މުސްތަޤިއްލު އަދި އިތުބާރު ހިފޭ ތަޙުޤީޤެއްކޮށް، އެ ހާދިސާގެ ޙަޤީޤަތް ހޯދައި، އެ ހާދިސާއާ ގުޅިގެން ކަމާބެހޭ މުއައްސަސާތަކުން މިހައިތަނަށް ކޮށްފައިވާ މަސައްކަތްތަކީ ކޮބައިކަން ބެލުމަށާއި، އެ މައްސަލައާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅައި، އެ މައްސަލައިގައި ކަންހިނގައިފައިވާ ގޮތުގެ ތަޙުޤީޤެއް އިންސާފުވެރިކަމާއި ޢަދުލުވެރިކަމާއެކީ ކުރުން ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ޙާއްސަ ކޮމިޝަނަށް އައްޔަން ކުރެއްވީ ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރާއި ކަށީގެ ހާއްސަ ޑޮކްޓަރު މުޙައްމަދު ހަބީބު އަދި ކުރީގެ ވައިސް ޗީފް އޮފް ޑިފެންސް ފޯސް އަޙުމަދު މުޙައްމަދެވެ. އަދި މި ކޮމިޝަނުގެ ރައީސްގެ ގޮތުގައި ކަނޑައެޅުއްވީ ޑރ. މުހައްމަދު މުނައްވަރެވެ.
ރައީސުލްޖުމްހޫރިއްޔާގެ ޤަރާރުގައި ފާހަގަކުރައްވާފައިވާ ގޮތުގައި މި ކޮމިޝަނަށް ވަނީ ބޮޑެތި ބާރުތަކެއް ދީފައެވެ. އޭގެ ތެރޭގައި ހިމެނެނީ:
- ކޮމިޝަނުގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައްޔާއި ކޮމިޝަނުން ކުރިޔަށްގެންދާ ތަޙުޤީޤުތަކަށް ދައުލަތުގެ އެންމެހައި މުއައްސަސާތަކާއި އެހެނިހެން ފަރާތްތަކުގެ އެހީތެރިކަން ހޯދުން؛
- ކޮމިޝަނުގެ މަސައްކަތްތައް ކުރިޔަށް ގެންދިޔުމުގައްޔާއި ތަޙުޤީޤުތަކުގައި އެހީތެރިވުމަށް ރާއްޖެއިން ބޭރުގެ ކަމާބެހޭ ފަރާތްތައް ގެނައުމާއި، ރާއްޖެއިން ބޭރުގެ ޚަބީރުންގެ އެހީތެރިކަން ހޯދުން؛
- ކޮމިޝަނުގެ މަސްއޫލިއްޔަތު އަދާކުރުމުގެ ގޮތުން، ޤާނޫނު ނަންބަރު 2016/12 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގައި ބަޔާންކުރާ، ޤާނޫނު ތަންފީޒުކުރާ އިދާރާއެއްގެ ބާރު ބޭނުންކުރުން؛
- ހައްޔަރު އަމުރާއި، ޖިނާއީ ތަޙުޤީޤުތަކާ ގުޅޭ އެންމެހައި ކޯޓު އަމުރުތަކަށް ކޯޓުގައި އެދުން؛
- ހާޒިރުކުރަންޖެހޭކަމަށް ކޮމިޝަނަށް ފެންނަ ކޮންމެ ފަރާތެއް ކޮމިޝަނަށް ހާޒިރުކޮށްގެން ސުވާލުކުރުމާއި، މައްސަލައާ ގުޅިގެން ބޭނުންވާ ކޮންމެ ލިޔުމެއް ނުވަތަ އެނޫން ވެސް ހެކި ހޯދުމާއި، އެކިއެކި ފަރާތްތަކުގައި ހުންނަ އެފަދަ ތަކެތި ހުށަހެޅުމަށް އެންގުން؛
- ކޮމިޝަނުން ބަލާ މައްސަލައަކާ ގުޅޭގޮތުން ކޮމިޝަން ނޫން އެހެން ފަރާތަކުން އެއްވެސް ތަޙުޤީޤެއް ކޮށްފައި ވާ ނަމަ، އެ ތަޙުޤީޤަކުން ނުވަތަ އެނޫންވެސް ގޮތަކުން ހޯދައިފައިވާ ހޯދުންތަކާއި، އެ ފަރާތެއްގެ ބެލުމުގެ ދަށުގައި ހުރި ލިޔެކިޔުންތަކާއި، ހެއްކާއި، ޤަރީނާތަކާއި، އެނޫން ވެސް މަޢުލޫމާތު ހޯދުން.
- މި މައްސަލައާ ގުޅިގެން، ޔުމްނުއާއެކު އެންމެ ފަހުން އުޅުނު ގ. އެރިޔަދޫ، ރައުދު އަހްމަދު ޒިލާލް ހައްޔަރުކޮށް، އޭނާގެ ބަންދަށް މިހާރު ވަނީ ފަސް ދުވަސް ޖަހައިފައެވެ. އަދި އެ ހާދިސާ ހިނގުމުގެ ކުރިން އެންމެ ފަހުން ޔުމްނުއާ އެކު އުޅުނު އިތުރު 8 މީހެއްގެ ފޯނު ވެސް ހިފަހައްޓައި އެ އެންމެން ވަނީ ރާއްޖެއިން ފުރުން މަނާކޮށްފައެވެ.
މި މައްސަލައިގެ ތަޙުޤީޤު ކުރިޔަށްދާގޮތާމެދު ސުވާލު އުފައްދައި، އެ ކަމުގެ އަޑު ގަދަވެފައިވަނިކޮށް ކޮމިޝަނާރ އޮފް ޕޮލިސްގެ މަޤާމުގައި ހުންނެވި ޢަލީ ޝުޖާއު ވަނީ ރޭ އިސްތިއުފާ ދެއްވާފައެވެ.
މި ތަޙުޤީޤު ހިންގުމުގައި ފުލުހުން ޢަމަލުކުރަމުންދާ ގޮތް ބެލުމަށް ޕްރޮސެކިއުޓާ ޖެނެރަލް އައްބާސް ޝަރީފު ވެސް ރޭ އަމުރު ކުރައްވާފައި ވެއެވެ. ޕްރޮސެކިއުޓާރ ޖެނެރަލްގެ އޮފީހުން ރޭ ނެރުނު ބަޔާނެއްގައިވަނީ، އެ މައްސަލައިގައި ފުލުހުންގެ އެއްވެސް އޮފިސަރަކު ޤާނޫނަކާ ނުވަތަ އިޖުރައާތަކާ ހިލާފަށް އަމަލު ކުރިތޯ ބެލުމަށާއި އަދި ފުލުހެއްގެ އިޙުމާލެއް ފާހަގަވެއްޖެ ނަމަ އެކަމަށް ފިޔަވަޅު އެޅުމަށެވެ.
އަދި ޔުމްނުއާއެކީ އޭނާ ވެއްޓުނު ރޭ އުޅުނު މީހުންގެ ކުޑަކަމުދާ ތަކެތި ނަގަން އުޅުމުން އެކަމަށް ދެކޮޅު ހެދި މައްސަލަ ބެލުމަށް ވެސް ޕީޖީ އޮފީހުން ނެރުނު ބަޔާނުގައި ވަނީ އަމުރުކޮށްފައެވެ. އެކަމަށް އިންކާރު ކުރުމަކީ މަސްތުވާތަކެއްޗާބެހޭ ގާނޫނުގެ ދަށުން އެއް އަހަރުގެ ޖަލު ހުކުމް އަންނަ ކުށެކެވެ.