ވިޔަފާރި / ޚަބަރު

މި އަހަރަށް އަމާޒު ހިފާފައިވާ އަދަދުގެ 34 އިންސައްތަ ފަތުރުވެރިން މިހާތަނަށް ޒިޔާރަތްކޮށްފި

މި އަހަރަށް އަމާޒު ހިފާފައިވާ އަދަދުގެ 34 އިންސައްތަ ފަތުރުވެރިން މިހާތަނަށް ޒިޔާރަތްކޮށްފި

ރާއްޖޭގެ ރިޒޯޓަކަށް ފަތުރުވެރިން ފައިބަނީ، ފޮޓޯ: ޕީއެސްއެމް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

26 އޭޕްރީލު 2025، 01:32

26 އޭޕްރީލު 2025، 01:32

މި ހިނގާ 2025 ވަނަ އަހަރަށް ސަރުކާރުން އަމާޒު ހިފާފައިވާ އަދަދުގެ 34 އިންސައްތަ ފަތުރުވެރިން މިހާތަނަށް ދިވެހިރާއްޖެއަށް ޒިޔާރަތްކޮށްފިކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ. އެގޮތުން، އަހަރުގެ ފުރަތަމަ ކުއާޓާ ނިމި ދެވަނަ ކުއާޓާ މިހާރު ފަށާފައިވާއިރު މިހާތަނަށް 788،650 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ.

ފަތުރުވެރިކަމާބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން، މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ވެސް އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ މި މުއްދަތާ ހިސާބަށް 733،577 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މި އަހަރު އެ އަދަދު ވަނީ %7.5 އިންސައްތަ އިތުރުވެފައެވެ. 

އަހަރުގެ މިހާތަނަށް ކޮންމެ މަހަކު 2 ލައްކައަށް ވުރެ ގިނަ ފަތުރުވެރިން އަންނަނީ ރާއްޖެއަށް ޒިޔާރަތް ކުރަމުންނެވެ. އަދި މި މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް 156،232  ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. އެގޮތުން އެވަރެޖުކޮށް ދުވާލަކު 6،793 ފަތުރުވެރިން މިހާރު ރާއްޖެއަށް ޒިޔާރަތްކުރެއެވެ.

މި އަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައި ވަނީ ޗައިނާއިންނެވެ. އެ ޤައުމުން ވަނީ 85،469 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން އިނގިރޭސިވިލާރުން ޒިޔާރަތްކޮށްފައިވާއިރު، ތިން ވަނައަށް އެންމެ ގިނައީ ރަޝިއާއެވެ. އެގޮތުން އިނގިރޭސިވިލާތުން 84،723 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. އަދި ރަޝިއާއިން ޒިޔާރަތްކޮށްފައި ވަނީ 80،668 ފަތުރުވެރިންނެވެ.

ރާއްޖެ އައި ފަތުރުވެރިންގެ ތެރެއިން އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓްތަކުގައެވެ. އެއީ %70.2 މީހުންނެވެ. ގެސްޓްހައުސްތަކުގައި %24.2 މީހުން، ހޮޓެލްތަކުގައި %3 އަދި ސަފާރީތަކުގައި %2.5 މީހުން ޗުއްޓީހޭދަކޮށްފައިވާކަމަށް ފަތުރުވެރިކަމާބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައެވެ.

ސަރުކާރުގެ އަމާޒަކީ މި އަހަރު ރާއްޖެއަށް 2.3 މިލިއަން ފަތުރުވެރިން ގެނައުމެވެ. 

މި ލިޔުން ކިޔާލުމުން

Ads by MSS