ޚަބަރު
އިޒްރޭލު ޕާސްޕޯޓު މަނާކުރިޔަސް ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު މަދެއް ނުވޭ: ވަޒީރު

އިސްރޭލުން ފަތުރުވެރިންގެ މެދުގައި ރާއްޖެ މަގުބޫލުވެފައި އޮތީ ސާރފް ކުރުމަށް ރަގަޅު މަންޒިލެއްގެ ގޮތުގައި، ފޮޓޯ: ހޮޓެލިއާރ މޯލްޑިވްސް
އިޒްރޭލު ޕާސްޕޯޓު މަނާކުރިޔަސް ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު މަދުނުވާކަމުގައި ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް ވިދާޅުވެއްޖެއެވެ.
މިދިޔަ ހަފްތާގެ ބުދަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، ކޮންމެ ދުވަހަކުވެސް ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު މޮނިޓަރކުރަމުންދާ ކަމަށާއި، ނަމަވެސް ފަތުރުވެރިން ރާއްޖެ އަންނަ އަދަދަށް ބަދަލެއް އައިސްފައިނުވާ ކަމަށެވެ.
އަޅުގަނޑުމެން ކޮންމެ ދުވަހަކުވެސް މޮނިޓަރ ކުރަމުން މިދަނީ ކޮބާތޯ ރާއްޖެ އަންނަ ޓުވަރިސްޓުންގެ އަދަދަކީ، އެއްވެސް ކަހަލަ ޑިކްލައިނެއް އޮވޭތޯ. އެހެންމަ އެގޮތަށް ބަލަމުންދާއިރު މި ދެންނެވި މޭޖަރ އިމްޕެކްޓެއް ޓުވަރިޒަމްއަށް ނުވަތަ ރާއްޖެއަށް އަންނަ ފަތުރުވެރިންނަށް މަދުވެ އެކަހަލަ ކަމެއް ނެތް.
ވަޒީރު ޠާރިޤު އިބްރާހީމް ވިދާޅުވިއެވެ.
އިސްރާއީލުގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާވީ މި މަހުގެ 15 ވަނަ ދުވަހުން ފެށިގެނެވެ. އެއީ ރައްޔިތުންގެ މަޖިލީހުން އިމިގްރޭޝަންގެ ޤާނޫނަށް ގެނައި އިސްލާހާ ގުޅިގެންނެވެ. އަދި ހަމަ އެ ދުވަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުވަނީ އެ ބިލު ތަސްދީޤުކުރައްވާފައެވެ.
ވަޒީރު ވިދާޅުވީ، ރާއްޖޭގެ މި ނިންމުމާ ދެކޮޅަށް، އެއްވެސް ބަޔަކު މާސް ކެމްޕެއިނެއް ކުރާކަން ފާހަގަކުރެވިފައި ނުވާކަމަށެވެ. ނަމަވެސް މި ނިންމުމާ ގުޅިގެން ތަޢުރީފުގެ ބަސްތައް ލިބެމުންދާކަމަށެވެ.
މިވަގުތު އަޅުގަނޑުމެންނަށް އަދިއެއް އެއްވެސް ކަހަލަ ގޮތަކަށް އޭގެ މާސް ކެމްޕެއިނެއް ރާއްޖެ ނާންނަން ވަކި ބަޔަކު ކުރާކަމެއް އިނގިފައެއް ނުވޭ. އެހެންނަމަވެސް ބައެއް މީޑިއާއަކުގަ އެބަހުރި ލިޔެފަ ރާއްޖެއަށް ގެއްލުން ވާނެޔޭ ނުވަތަ ވެދާނެޔޭ. އެހެންނަމަވެސް އެއާ އެއްކޮށް މި ދެންނެވި ޕޮޒިޓިވް ނިއުސްތައްވެސް އެބަހުރި ބައިވަރު.
ވަޒީރު ޠާރިޤު އިބްރާހީމް ވިދާޅުވިއެވެ.
ރާއްޖެއަށް އިޒްރޭލު މީހުން އައުން މަނާކުރުމަށް ނިންމީ، އެ ޤައުމުން ފަލަސްތީނުގައި ހިންގަމުންދާ ލާއިންސާނީ ޢަމަލުތަކާ ގުޅިގެންނެވެ. ފަލަސްތީނުގައި ޔަހޫދީން ދެމުންގެންދާ ހަމަލާތަކާ ގުޅިގެން އެންމެ ގިނައިން ޝަހީދުވެފައި ވަނީ އަންހެނުންނާ ކުޑަކުދިންނެވެ. އަދި ޣައްޒާގެ ހުރިހާ ސަރަޙައްދެއްގައިވާ އިމާރާތްތައް ސުންނާފަތި ކޮށް ބިމާ ހަމަކޮށްފައިވާއިރު އެތައް ހާސް ބައެއްގެ ގެދޮރު ވަނީ ގެއްލިފައެވެ.