ޚަބަރު
ޔޫތު އެޑްވައިޒަރީ ބޯޑުގެ ތިން މެމްބަރަކު އިސްތިއުފާ ދީފި

ރައީސް ޑރ މުޢިއްޒު އެކުލަވައިލެއްވި ޔޫތް އެޑްވައިޒަރީ ބޯޑު. ފޮޓޯ: ރައީސް އޮފީސް
ދިވެހި ޒުވާނުންގެ ލަފާދޭ ޤައުމީ ކޮމިޓީއިން ތިން މެމްބަރަކު އިސްތިއުފާ ދީފިއެވެ.
އެ ކޮމިޓީއިން އިސްތިއުފާ ދީފައިވަނީ އެކޮމިޓީގެ ތިން މެމްބަރުން ކަމަށްވާ އާމިނަތު ރަބާބް އިބްރާހިމް، ނިމާލް ހަމީދު އަދި ހުވައިނާ މުޙައްމަދު ނިމާލެވެ.
އިސްތިއުފާ ދިންކަން ހާމަކޮށް ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ރަބާބް ބުނެފައިވަނީ، އެ ބޯޑާއި އޭނާ ގުޅުނީ އެތްލީޓުންގެ ހައްގުގައި ވަކާލާތު ކުރުމަށް ކަމަށާއި ނަމަވެސް ތެދުވެރިކަމާއި އިންސާފު ނެތް ތަނެއްގައި އެކަން ނުކުރެވޭނެ ކަމަށެވެ. އަދި އެ ބޯޑުން އިސްތިއުފާ ދީފައިވާ ކަން ވެސް އޭނާގެ ޕޯސްޓުގައި ހާމަކޮށްފައިވެއެވެ.
މީގެއިތުރުން ހުވައިނާ އިންސްޓަގްރާމް ސްޓޯރީގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އެ ބޯޑުން އިއްޔެ އިސްތިފާދީފައިވާ ކަމަށެވެ. އަދި އޭނާ އަބަދުވެސް ތާއީދު ކުރާނީ އިންސާފަށް ކަމަށެވެ.
މިކޮމިޓީއިން ތިން މެންބަރުން ވަކިވެފައިވާއިރު އެ ބޯޑުގެ ރައީސްއަކަށް ހުރި ދާއޫދު އަހުމަދު ވަނީ ބުރާސްފަތި ދުވަހު އެ މަގާމުން ވަކިކޮށްފައެވެ.
ޔޫތް އެޑްވައިޒަރީ ބޯޑުގައި 15 މެންބަރުން ހިމެނެއެވެ. އެ ބޯޑުގެ މަގްސަދަކީ ސަރުކާރުގެ މެނިފެސްޓޯއާއި، މުހިންމު ސިޔާސަތުތައް ތަންފީޒުކުރުމުގައި، ޒުވާނުންގެ ހިޔާލާ މަޝްވަރާ ހޯދައި، މިފަދަ ކަންކަމުގައި ކުރިއަށްދާންވީ ގޮތްތަކާއި ގުޅޭގޮތުން ރައީސްއަށް ލަފާ އެރުވުމާއި، ތަފާތު އެކި ދާއިރާތަކުގައި ޒުވާނުންގެ ކުރިއެރުމަށް ހުރި ހުރަސްތަކާއި ގޮންޖެހުންތައް ދެނެގަނެ، އެކަންކަމާމެދު ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް، ގައުމީ ފެންވަރުގައާއި ސަރަހައްދީ ފެންވަރުގައި، ހައްލު ހޯދުމަށް، މަސައްކަތް ކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން ރައީސް ލަފާއެރުވުމެވެ.