ޚަބަރު
ސްޓޫޑެންޓު ލޯނަށް އެޕްލައިކުރުމަށް ބޭނުންވާ އެމްކިއުއޭގެ ލިއުން ހޯދުމަށް ފަސޭހަ ގޮތެއް

އެމްއެންޔޫގެ ގްރެޖުއޭޝަނެއްގެ ތެރެއިން، ފޮޓޯ: ރައީސް އޮފީސް
ރާއްޖެ އާއި ރާއްޖެއިން ބޭރުން މަތީ ތަޢުލީމު ހާސިލްކުރުމަށް ސަރުކާރުން ދޫކުރާ ސްޓޫޑެންޓު ލޯނަށް އެޕްލައިކުރުމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) އިން ބޭނުންވާ ލިޔުން ހޯދުމަށް ފަސޭހަ ގޮތެއް މިހާރު ހަމަޖެހިފައިވާކަމަށް މިނިސްޓްރީ އޮފް ހަޔާރ އެޑިއުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑެވެލޮޕްމެންޓުން ހާމަކޮށްފިއެވެ.
އެ މިނިސްޓްރީން ސޯޝަލް މީޑިއާގައި ޙިއްސާކުރި ވީޑިއޯއެއްގައި ހާމަކޮށްފައިވާ ގޮތުގައި، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން މިއަދު ކުރިއަށް ގެންދާ “ވޯކް-އިން އެޕްލިކޭޝަން” ގައި މި ލިޔުން އެއް ގަޑިއިރުގެ ތެރޭގައި ދޫކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
އެގޮތުން މިކަމަށް ބޭނުންވާ ލިޔެކިއުންތައް ހިފައިގެން މިއަދު އެމްކިއުއޭއަށް ދުރުވުމުން މިކަން ހަމަޖެހިގެންދާނެކަމަށް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.
މީގެ އިތުރުން، ސްޓޫޑެންޓް ލޯނަށް ހުށަހެޅުމަށް ވަޑައިގަންނަވާއިރު ސެޓްފިކެޓްތަކުގެ ކޮޕީއާއެކު އަސްލު ގެންދާނަމަ، ސެޓްފިކެޓްތައް އެޓެސްޓުކުރަން ނުޖެހޭނެކަމަށް ވެސް ހަޔާރ އެޑިއުކޭޝަނުން ހާމަކުރެއެވެ.
މި އިންތިޒާމު ހަމަޖެހިފައިވަނީ މިއަދު މެންދުރުފަހު 2:00 އިން ފެށިގެން ހަވީރު 6:00 އާ ހަމައަށެވެ.
މިއަހަރުގެ ސްޓޫޑަންޓް ލޯނަށް ކުރިމަތިލާ ފަރާތްތަކަށް ހާއްސަކޮށްގެން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ކުރިއަށް ގެންދާ “ވޯކް-އިން އެޕްލިކޭޝަން” 26 އޭޕްރީލް ވާ ހޮނިހިރު ދުވަހުގެ 14:00 ން 18:00 ށް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައި. pic.twitter.com/qYjUPDIttk
— Min. of Higher Edu, Labour and Skills Development (@MoHEmv) April 24, 2025
މިއަހަރުގެ ސްޓޫޑެންޓު ލޯނަށް ހުށަހެޅުމުގެ ސުންގަޑިއަކީ 30 އެޕްރީލް 2025 އެވެ.
ސްޓޫޑެންޓް ލޯނުތަކަކީ އިސްލާމީ ހަމަތަކަށް ފެތޭ، "ޝަރީޢާ ކޮމްޕްލަޔަންޓް" ލޯނުތަކަކަށް ހެދުމަށް ލޯނާއެކު ހިމެނިފައިވާ %1 އެޑްމިނިސްޓްރޭޓިވް ފީ ގެ ގޮތުގައި ނަގަމުންދާ އަދަދު އެއްކޮށް އުނިކުރައްވަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ ނިންމަވާފައެވެ. އަދި، ލޯނުގެ ގޮތުގައި ދޫކުރާ ފައިސާގެ އިތުރުން އެއްވެސް މިންވަރެއް އިތުރަށް ނުނެގުމަށްވެސް ނިންމަވާފައިވެއެވެ.