Ads by Aqeeqa Maldives

ޚަބަރު

ސަރުކާރުން ހުށައަޅާފައިވާ އައު ޤާނޫނުތަކާއެކު ކުރިއަށް އޮތް އަހަރަކީ ތަފާތު ފެންނާނެ އަހަރެއް: ދާޚިލީ ވަޒީރު

ސަރުކާރުން ހުށައަޅާފައިވާ އައު ޤާނޫނުތަކާއެކު ކުރިއަށް އޮތް އަހަރަކީ ތަފާތު ފެންނާނެ އަހަރެއް: ދާޚިލީ ވަޒީރު

ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރު ޢަލީ އިޙްސާން

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

24 އޭޕްރީލު 2025، 10:20

24 އޭޕްރީލު 2025، 10:20

ދިވެހި ފުލުހުންގެ ޚިދުމަތަށް 92 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވުނު ރަސްމީ ޖަލްސާގައި ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެފައިވަނީ، ސަރުކާރުން ހުށަހަޅުއްވާފައިވާ އައު ޤާނޫނުތައް ފާސްވެ، އެ ޤާނޫނުތަކުން ލިބޭ ބާރުތަކާއެކު ކުރިއަށް އޮތް އަހަރަކީ ތަފާތު ފެންނާނެ އަހަރަކަށް ވެގެންދާނެ ކަމަށެވެ.

ވަޒީރު އިޙްސާން ވިދާޅުވި ގޮތުގައި ރާއްޖޭގެ މުޅި އިގްތިސާދު ބިނާވެފައި އޮތީ ޤައުމުގެ ހަމަޖެހުމުގެ މައްޗަށް ކަމަށާއި، ފުލުހުންނަކީ އެ ސަލާމަތާއި ރައްކާތެރިކަމާއި ހަމަޖެހުން ގާއިމްކުރުމުގެ ޒިންމާއާ ހަވާލުވެފައިވާ އިސް އިދާރާއެވެ. އެހެންނަމަވެސް، ފާއިތުވި އަހަރުތަކުގައި މަސްތުވާތަކެތީގެ ވަބާގައި ޒުވާނުން ޖެހި، ކުށްކުރާ ގްރޫޕްތައް އުފެދި، މުޖުތަމައުގެ ހަމަޖެހުން ގެއްލިފައިވާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން، މުޖުތަމައުގައި ހުރި މައްސަލަތަކަށް ދާއިމީ ހައްލެއް ގެނައުމަށް އިސްކަން ދެއްވާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. މިގޮތުން، ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ދާޚިލީ ސަލާމަތާ ގުޅުންހުރި ހުރިހާ އިދާރާއެއް އެއް ފުރާޅެއްގެ ދަށަށް ގެނެސް، ފުލުހުން އިސްވެ ތިބޭގޮތަށް ޚާއްސަ ޓާސްކް ފޯސްތަކެއް އެކުލަވާލައްވާފައިވާ ކަމަށާއި، މުޖުތަމައުގައި މޫލާފައި ހުރި މައްސަލަތައް މުލުން ލުހެލުމަށް ބޭނުންވާ ޚާއްސަ ޤާނޫނުތައް ރައީސްގެ ސީދާ ބެއްލެވުމުގެ ދަށުން ޑްރާފްޓް ކުރެވި މަޖިލީހަށް ފޮނުވާފައިވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، ފުލުހުންގެ ޚިދުމަތަކީ ރައްޔިތުންނާ ގާތުން، އޯގާތެރިކަމާއި ހިނިތުންވުމާއެކު ދެވޭ ޚިދުމަތަކަށް ހެދުމަކީ ވަޒީރެއްގެ ހައިސިއްޔަތުން މިއަހަރު އެންމެ އިސްކަން ދޭނެ ކަންތައް ކަމަށެވެ. އަދި ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ފުލުހުންގެ ތަހުގީގުތައް އަވަސްކޮށް، ރައްޔިތުން އެދޭ، އަދި އެބަދަލު އިޙްސާސް ކުރެވޭފަދަ ހެޔޮ ބަދަލެއް ގެނައުމަކީ އަމާޒު ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ރޭވިގެން ހިންގާ ކުށްތައް ކުރާ ގްރޫޕްތައް ހުއްޓުވުމަށާއި މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ވަނީ މަޖިލީހަށް ބިލުތަކެއް ހުށަހަޅުއްވާފައިވާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. މި ބިލުތައް ފާސްވުމުން، ކުރިއަށް އޮތް އަހަރަކީ ފުލުހުންގެ ޚިދުމަތް ރައްޔިތުންނަށް އެންމެ އެދެވޭގޮތެއްގައި ނަތީޖާ ފެންނަގޮތަށް ލިބިގެންދާނެ އަހަރެއް ކަމަށް ވަޒީރު އުންމީދު ކުރައްވާ ކަމަށް ވިދާޅުވިއެވެ.

                    

މި ލިޔުން ކިޔާލުމުން

Ads by MSS