ޚަބަރު
ޔުމްނުއާ އެއްކޮށް އެރޭ އުޅުނު އެންމެން ފުރުން މަނާކޮށްފި

ޔުމްނުއާ އެއްކޮށް އޭނާ ވެއްޓުނުރޭ އުޅުނު އެންމެންގެ ޕާސްޕޯޓު ވަނީ ހިފަހައްޓާފައި ---
މިދިޔަ ހުކުރު ދުވަހު ހ. ފެންޓަނޯއީގެއާ އިންވެގެން ހުރި ގޭގެ ފުރާޅު މައްޗަށް ވެއްޓިފައި އޮތް، ގ. ރަނައުރާގެ އާގެ، ހައްވާ ޔުމްނާ ރަޝީދު (21 އ) އާ އެކު އެރޭ އުޅުނު އެންމެން ފުރުން މަނާކޮށްފިއެވެ.
އިސްކަންދަރު ކޮށީގައި ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަނަރ އޮފް ޕޮލިސް (ސީޕީ) ޢަލީ ޝުޖާއު ވިދާޅުވީ، ރެއާ ހަމައަށް މި އެންމެންގެ ބަޔާން ނަގާ ނިމިފައިވާކަމަށެވެ.
މި މައްސަލައިގައި ފުލުހުން އާންމުކުރި ވީޑިއޯއިން ޔުމްނުއާއެކީ ފެންނަ ރައުދު އަޙުމަދު ޒިލާލުގެ އިތުރުން 6 މީހަކު ހިމެނެއެވެ. މި 8 މީހުން ވަނީ މއ. މާންދޫގޭ ދެކުނުގޭގައި ބުރާސްފަތި ދުވަހުގެރޭގެ ގާތްގަނޑަކަށް 12:00 އިން ފެށިގެން ފަތިހު 4 ޖެހުމާ ހަމައަށް އުޅެފައެވެ. ފުލުހުން މިކަން ޔަޤީންކުރީ، އެ ގެ ހިމެނޭ ސަރަޙައްދުގައި ހިމެނޭ ގެތަކުގެ ސީސީޓީވީ ފޫޓޭޖުން ބެލުމަށްފަހުއެވެ.
މި މައްސަލައާ ގުޅިގެން ފުރުން މަނާކުރި ފަރާތްތަކަކީ:
- ރައުދު އަހުމަދު ޒިލާލް، ގ. އެރިއަދޫ
- އާއިޝަތު ލަޔާލީ އިގުބާލު، ގ. ނޯތުބްރީޒް
- އިޒުދިޔާން މުހައްމަދު މައުމޫން، މއ. މާންދޫގެދެކުނުގެ
- ޔޫސުފް އަހުމަދު އަކްރަމް، މއ. މާންދޫގޭދެކުނުގެ
- ޔޫސުފް ޔައްސާރު އަބްދުލްޣަފޫރު، ހ. މީނާޒު
- އާމިނަތު ޖުނެއިނާ ޖަމްޝީދު، މ. ތިލަފަޅު
- ހުސެއިން ހަމީސް އަލީ، ނ. ވެލިދޫ، އަހި
- އިޖާޖާ ޖާއިޒް، ގދ. ފަރެސްމާތޮޑާ، މާތޮޑާއަވަށް، އޭޕްރީލް
މި މައްސަލައާ ގުޅިގެން ޑެޕިއުޓީ ޕޮލިސް ކޮމިޝަނާރ އިސްމާއިލް ނަވީން ވިދާޅުވީ، ޔުމްނު ވެއްޓުނު ކުޑަ ދޮރު ނުވަތަ ފެންލައިޓް ކުޑަކަމުން އެ ތަނުން އޭނާ އަމިއްލައަށް ވެއްޓިދާނެ ކަމަށް ބައެއް މީހުން ސުވާލު އުފައްދަމުންދާތީ، އެ ސީން ރިކޮންސްޓްރަކްޓް ކޮށްގެން އެކަން އަލުން ބަލަމުންދާ ކަމަށެވެ. އަދި ތަހުޤީޤަށް ބޭނުންވާ ފޮރެންސިކް ސާމްޕަލް ފެންލައިޓްގެ އެލުމިނިއަމް ފްރޭމުން ހޯދާނެ ކަމަށްވެސް ވިދާޅުވިއެވެ.
ފުލުހުން ހާމަކޮށްފައިވާ އިތުރު މަޢުލޫމާތަށް ބަލާއިރު، މި މައްސަލައިގައި ހިމެނޭ 8 މީހުންގެ ތެރެއިން ދެ މީހެއްގެ ކުށުގެ ރެކޯޑު އޮވެއެވެ. އެގޮތުން ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީގެ މަޤާމުން މިއަދު ވަކިކުރި އިޒްދިޔާންގެ މަސްތުވާތަކެޓީގެ މައްސަލަތަކެއް 2015 ވަނަ އަހަރާއި 2017 ވަނަ އަހަރާއި ދެމެދު އޮތެވެ. އަދި ޔޫސުފް އަހުމަދު އަކްރަމް ވެސް 2017 ވަނަ އަހަރު ހަމަނުޖެހުން ހިންގަފާނެ ކަމުގެ ތުހުމަތުގައި ހުއްޓުވައި ސުވާލުކޮށްފައިވެއެވެ.
ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު ވިދާޅުވީ އެ މީހުން އެރޭ ވަދެފައިވާ ގެތައް ފާސްކުރަން ކޯޓު އަމުރު މިހާރު ލިބިފައިވާ ކަމަށެވެ.
ފުލުހުންގެ މި ތަޙުޤީޤު އެހެން މައްސަލަތަކެކޭ އެއްގޮތަށް އެއްވެސް ތަފާތުކުރުމެއް ނެތި ކުރިޔަށްދާކަމަށް ވެސް މި ބައްދަލުވުމުގައި ސީޕީ ވަނީ ވިދާޅުވެފައެވެ.