Ads by Aqeeqa Maldives

ޚަބަރު

ފުރާޅު މައްޗަށް ވެއްޓިފައި އޮތް ޒުވާނާގެ މައްސަލަ ތަޙުޤީޤު ކުރުމުގައި އެއްވެސް ތަފާތެއް ނުކުރަން: ސީޕީ

ފުރާޅު މައްޗަށް ވެއްޓިފައި އޮތް ޒުވާނާގެ މައްސަލަ ތަޙުޤީޤު ކުރުމުގައި އެއްވެސް ތަފާތެއް ނުކުރަން: ސީޕީ

ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު (ވ) މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވަނީ. -- ފޮޓޯ: ފަޔާޒް މޫސާ

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

24 އޭޕްރީލު 2025، 01:01

24 އޭޕްރީލު 2025، 01:01

މިދިޔަ ހުކުރު ދުވަހު ހ. ފެންޓަނޯއީގެއާ އިންވެގެން ހުރި ގޭގެ ފުރާޅު މައްޗަށް ވެއްޓިފައި އޮތް ޒުވާނާގެ މައްސަލަ ތަޙުޤީޤު ކުރުމުގައި މޯލްޑިވްސް ޕޮލިސް ސާރވިސަސްއަށް ހުށަހެޅޭ އެހެން މައްސަލަތަކެކޭ އެއްގޮތަށް އެއްވެސް ތަފާތުކުރުމެއް ނެތި ކުރިޔަށްދާކަމަށް، ކޮމިޝަނަރ އޮފް ޕޮލިސް (ސީޕީ) ޢަލީ ޝުޖާއު ވިދާޅުވެއްޖެއެވެ.

އެ ހާދިސާގެ ރިޕޯޓު ހުކުރު ދުވަހުގެ ހެނދުނު 7:30 ހާއިރު ފުލުހުންނަށް ލިބުމާ ގުޅިގެން، ފުލުހުންގެ އިދާރާއިން ޢަމަލުކުރެއްވި ގޮތް، ސީޕީ ވަނީ މިއަދު އިސްކަންދަރު ކޮށީގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ހިއްސާކުރައްވާފައެވެ.

އެގޮތުން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ އެހީތެރިކަމާއެކު، ވެއްޓިފައި އޮތް ޒުވާނާ، އޭގެ ގާތްގަނޑަކަށް 30 މިނެޓު ފަހުން ހޮށްޕިޓަލަށް ގެންދެވުނުކަމަށް ސީޕީ ވިދާޅުވިއެވެ. އެއީ ގާތްގަނޑަކަށް 8:00 ހާއިރެވެ. އަދި ހޮސްޕިޓަލަށް ގެންދިއުމަށްފަހު އެ ޒުވާނާގެ ޝަހުސު ދެނެގަތުމުގެ މަސައްކަތް ފެށުނެވެ.

ފުލުހުންގެ އަތުގައި ހުރި ވަސީލަތްތައް ބޭނުންކޮށް، އެ ޒުވާނާއަކީ ކާކުކަން ދެނެގަތުމަށް ވަގުތު ހޭދަވިއެވެ. ނަމަވެސް، އެއީ ކާކުކަން ދެނެގަނެވުނު ހިސާބުން، އެ ޒުވާނާގެ އާއިލާއަށް އެ ހާދިސާގެ މަޢުލޫމާތު ފުލުހުން ވަނީ ޙިއްސާކޮށްފައެވެ. 

އެއަށްފަހު ފުލުހުން ދެން ކުރިޔަށް ގެންދިޔައީ އެ ހާދިސާ ހިނގި ގޮތް ދެނެގަތުމުގެ މަސައްކަތެވެ. އެގޮތުން ހާދިސާ ހިނގިތަނަށް ގޮސް، އެ ތަނަށް މީހަކު ވެއްޓޭނީ ކޮން އިމާރާތަކުންތޯ ބެލުމަށް ފުލުހުން މަސައްކަތް ފެށިކަމަށް ސީޕީ ވަނީ ވިދާޅުވެފައެވެ. އަދި ފުލުހުންގެ އެސެސްމެންޓަށްފަހު، އެ ޒުވާނާ ވެއްޓުނު ގޭގެ ވެރިފަރާތައް ގުޅައި، މައްސަލައާ ގުޅުންހުރި ވީޑިއޯ ފޫޓޭޖު ހޯދުމުގެ މަސައްކަތްކުރިއެވެ. 

ވީޑިއޯ ފޫޓޭޖުތައް ބެލިބެލުމުން، އަންހެން މީހާ ވެއްޓުނު ގޭގައި، ބުރާސްފަތި ދުވަހުގެރޭ އިތުރު ފިރިހެނަކު އުޅުނުކަން އެނގުނުކަމަށް ސީޕީ ވިދާޅުވިއެވެ. އެ ގޭގައި އެ އަންހެނާއާއެކު އުޅެފައިވަނީ ގ. އެރިޔަދޫ، އުމުރުން 21 އަހަރުގެ ރައުދު އަޙުމަދު ޒިލާލުކަން ފުލުހުންގެ ތަޙުޤީޤަށް އެނގުނެވެ. 

މިކަން އެނގުމާއެކު ރައުދު އަޙުމަދު ޒިލާލު ހޯދާ، ހާދިސާގެ މަޢުލޫމާތު އޭނާގެ ފުށުން ހޯދުމަށް ފުލުހުން ވަނީ މަސައްކަތް ފަށާފައެވެ. އަދި ކޯޓު އަމުރެއްގެ ދަށުން، ރައުދު އަޙުމަދު ޒިލާލު ދިރިއުޅޭ ތަން ބަލާފާސްކޮށް، އޭނާގެ ފޯނު ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމަށްފަހު، އޭނާ ފުރުން މަނާކޮށްފައިވެއެވެ. 

ރައުދު އަޙުމަދު ޒިލާލު ފުލުހުންގެ ތަޙުޤީޤަށް ދިން މަޢުލޫމާތުން، އޭނާ އާއި އިތުރު ހަތް މީހަކު ހަމަ އެރޭ މާލޭގެ އެހެން ދެ ގެއެއްގައި އުޅުނުކަން ފުލުހުންނަށް އެނގުނެވެ. އެގޮތުން އެއް ގެއަކީ މއ. މާންދޫގޭ ދެކުނުގެއެވެ. ރައުދު އަޙުމަދު ޒިލާލު އާއި ވެއްޓިފައި އޮތް ޒުވާނާއާއެކު، އެރޭގެ ގާތްގަނޑަކަށް 12:00 އިން ފެށިގެން ފަތިހު 4 ޖެހުމާ ހަމައަށް އެ މީހުން އުޅުނެވެ. މި މަޢުލޫމާތުގެ ސައްޙަކަން ދެނެގަތުމަށް، އެ ގެ ހިމެނޭ ސަރަޙައްދުގެ ގޭގޭގެ ސީސީޓީވީ ފޫޓޭޖު ހޯދާ، މި މީހުންނަކީ ކޮންބައެއްކަން ދެނެގަތުމުގެ މަސައްކަތް ކުރެވުނުކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ. 

އެގޮތުން ފުލުހުންގެ ތަޙުޤީޤުގެ އެންމެ އަދާހަމަ މަޢުލޫމާތު ޙިއްސާ ކުރައްވަމުން ސީޕީ ވިދާޅުވީ، މި އެންމެންގެ ބަޔާންތައް ރެއާ ހަމައަށް ނަގާނިމިފައިވާކަމަށެވެ. ނަމަވެސް މި ހުރިހާ އެންމެން ފުލުހުންގެ ހައްޔަރަށް މިހާތަނަށް ގެންގޮސްފައި ނުވަނީ، އެ ހާދިސާ ހިނގި ވަގުތު ރައުދު އަޙުމަދު ޒިޔާދުގެ އިތުރުން، މީގެ ތެރެއިން އެހެން މީހަކު އެ އިމާރާތުގައި ނެތުމުންނެވެ. 

އަޅުގަނޑު ދޭނެ ޔަޤީން ކަމަކީ، މި މައްސަލައަކީ މޯލްޑިވްސް ޕޮލިސް ސާރވިސްއިން އެއްވެސް އެއްޗެއް ފޮރުވާފަ ބާއްވާނެ މައްސަލައެއް ނޫން. މި މައްސަލައިގައި، ވަކިގޮތަކަށް، އަޅުގަނޑުމެންގެ ތެރޭގައި ތަރުތީބު ކުރެވިފައިވާ އިޖުރާޢަތްތަކާ ޚިލާފަށް ކަމެއް ނުކުރާނެކަން، އަދި ހަމައެއާއެކު، މި މައްސަލަ ޙައްލުކުރުމަށްޓަކައި ކުރަން ޖެހުނު ކޮންމެ މަސައްކަތެއް، ނުވަތަ މި ތަޙުޤީޤުގައި އަޅުގަނޑުމެން ހޯދަން ޖެހުނު ކޮންމެ މަޢުލޫމާތެއް ހޯދުމަށްޓަކައި، ރާއްޖެއިން ބޭރުގެ އެހީތެރިކަން ހޯދަން ޖެހުނު ކަމުގައި ވިޔަސް، އަޅުގަނޑުމެން އެކަމެއް ކުރާނަމޭ.

ކޮމިޝަނަރ އޮފް ޕޮލިސް، ޢަލީ ޝުޖާއު ވިދާޅުވިއެވެ.

މި މައްސަލައިގައި ފުލުހުންނަށް ލިބުނު ވީޑިއޯ ފޫޓޭޖުތައް ވެސް މިއަދު ވަނީ ނޫސްވެރިންނަށް ދައްކާލާފައެވެ. އަދި މިއީ ފުލުހުންގެ އިދާރާއިން ކުރަން ބޭނުންނުވާ ކަމަކަށް ވީނަމަވެސް، މިއީ ރައްޔިތުންނަށް ހަޤީޤަތް ހާމަކުރުމުގެ މަޤުސަދުގައި ކުރުމަށް ނިންމި ކަމެއްކަމަށް ސީޕީ ވަނީ ވިދާޅުވެފައެވެ. 

މި ލިޔުން ކިޔާލުމުން

Ads by MSS