ޚަބަރު
ރޭޑިއޯ ގްރާފަރުން ތަމްރީނުކުރުމަށް ރާއްޖޭގައި ހިންގި ފުރަތަމަ ކޯސް 23 ދަރިވަރަކު ފުރިހަމަކޮށްފި

ރޭޑިއޯ ގްރާފަރުން ތަމްރީނުކުރުމަށް ހިންގި ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު، ފޮޓޯ: އެސްޓީއޯ
ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އާއި ޖީއީ ހެލްތު ކެއާރ ގުޅިގެން ރޭޑިއޯ ގްރާފަރުން ތަމްރީނުކުރުމަށް ރާއްޖޭގައި ހިންގި ފުރަތަމަ ކޯސް 23 ދަރިވަރަކު ފުރިހަމަކޮށްފިއެވެ.
2022 ވަނަ އަހަރު ފެށި މި ކޯހަކީ ޑިޕްލޮމާ ފެންވަރުގެ ކޯހެކެވެ. އަދި 25 ދަރިވަރަކު މި ކޯސް ފެށި ނަމަވެސް، ކޯސް ފުރިހަމަ ކުރެވުނީ 23 ދަރިވަރުންނަށެވެ.
މި ދަރިވަރުންގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ރޭ ވިލާ ކޮލެޖުގައި ބާއްވާފައިވާއިރު، އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ސިއްޙީ ވަޒީރު އަބްދުﷲ ނާޒިމް އިބްރާޙިމްއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، ކުރިޔަށް އޮތް ތަނުގައި ޤައުމީ ޔުނިވާރސިޓީއާ ގުޅިގެން މި ކޯސް ކުރިޔަށް ގެންދިއުމަށް ނިންމާފައިވާކަމަށެވެ. މީގެ އިތުރުން، ކޯސް ފުރިހަމަ ކުރި ދަރިވަރުން މަސައްކަތުގެ މާޙައުލުގައި އެކުވެރިކަމާއެކު މަސައްކަތް ކުރުމަށް ވަޒީރު އިލްތިމާސްކުރެއްވިއެވެ.
Honored to have the Minister of Health H.E Mr. Abdulla Nazim Ibrahim as the Chief Guest at today’s graduation ceremony for the first ever locally trained radiographers in the Maldives. A proud leap forward for healthcare in the maldives. pic.twitter.com/p1BQg0fTkm
— STO (@stoplc) April 23, 2025
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރ ޝިމާދު އިބްރާހީމް ވިދާޅުވީ، މި ކޯހަކީ މި ދާއިރާއަށް ރާއްޖޭގައި މީހުން ބޭނުންވާކަން އެނގިގެން ފެށި ކޯހެއް ކަމަށެވެ. އަދި ސިއްޙީ ދާއިރާއަށް ޚިދުމަތް ކުރުމަށް އެ ކުންފުނިން އިސްކަންދެއްވާކަން ޝިމާދު ފާހަގަކުރެއްވިއެވެ.
ކޯހުން އެންމެ މަތީ މާކްސް ހާސިލްކުރީ މަރިޔަމް ޔުމްނާ އާއި އާމިނަތު އީމާންއެވެ. މި ދެ ދަރިވަރުންނަށް ސެޓްފިކެޓާއި ޓްރޮފީ ހަވާލުކޮށްދެއްވީ ޞިއްޙީ ވަޒީރު ނާޒިމެވެ.
ޑިޕްލޮމާ އިން ރޭޑިއޯގްރަފީ ކޯހަކީ 2 އަހަރުގެ ތިއަރީއާއި 6 މަސްދުވަހުގެ ޢަމަލީ ތަޖުރިބާ ހިމެނޭ ކޯހެކެވެ. މި ކޯހުގެ ދަރިވަރުންނަށް ކްލިނިކަލް ތަމްރީނާއި އިންޓަރންޝިޕް ފުރިހަމަކުރުމުގެ ފުރުސަތު ދެމުން އަންނަނީ މާލޭގެ އެންމެ ބޮޑު ފަސް ހޮސްޕިޓަލް ކަމުގައިވާ އައިޖީއެމްއެޗް، އޭޑީކޭ، ސެނަހިޔާ ، ޓްރީޓޮޕް އަދި ހުޅުމާލެ ހޮސްޕިޓަލްއެވެ.