ކުޅިވަރު
ޤައުމީ ވޮލީ ލީގު: ވެމްކޯއިން މާޔޫސްކަން ފިލުވާލީ ސީދާ ތިން ސެޓުން

ވެމްކޯ އާއި ޖީޖީ ސްޕޯޓްސް ބައްދަލުކުރި މެޗުގެ ތެރެއިން، ފޮޓޯ: ވީއޭއެމް
ޤައުމީ ވޮލީ ލީގު 2025 ގެ އަންހެން ޑިވިޝަނުގައި ލީގު އެންމެ ފަހުން ކާމިޔާބުކުރި ވެމްކޯއަށް، ފްލެކްސަރ ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅުނު މެޗު 3-1 ސެޓުން ގެއްލުމުން، އެ ޓީމުން ޖެހިގެން އައި މެޗު ކާމިޔާބުކޮށް އުއްމީދު އާކޮށްފިއެވެ.
އިއްޔެ ހަވީރު ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ވެމްކޯއާ ގުޑް ގޭމްސް އެކެޑަމީ (ޖީޖީ ސްޕޯޓްސް) އާ ބައްދަލުކުރި މެޗު ވެމްކޯއިން ކާމިޔާބުކުރީ ސީދާ 3 ސެޓުންނެވެ.
މި މެޗު ވެމްކޯއިން ފެށީ ވެސް ވަރަށް ވަރުގަދަކޮށެވެ. އެގޮތުން އެ ޓީމުން ވަނީ ފުރަތަމަ ސެޓު 25-15 ޕޮއިންޓުން ކާމިޔާބުކޮށްފައެވެ. އަދި ދެވަނަ ސެޓު 25-19 ޕޮއިންޓުން ކާމިޔާބުކުރިއިރު، ޖީޖީ ސްޕޯޓްސްއިން ވަނީ ފަހު ސެޓު ކާމިޔާބު ކުރެވޭތޯ ވަރަށް ގަދަޔަށް މަސައްކަތްކޮށްފައެވެ. ނަމަވެސް ފަހު ސެޓު ވެސް އެ ޓީމަށް ގެއްލުނިއެވެ. އެއީ 25-22 ޕޮއިންޓުންނެވެ.
މި ނަތީޖާއާއެކު ވެމްކޯއިން ވަނީ ޕޮލިސް ކްލަބާ ޕޮއިންޓުގެ ގޮތުން ހަމަހަމަކޮށްފައެވެ. ނަމަވެސް ޕޮލިސް ކްލަބަށް އެއް މެޗުގެ އެޑްވަންޓޭޖެއް އެބައޮތެވެ.
ޕޮލިސް ކްލަބުން ވަނީ މިހާތަނަށް އެ ޓީމު ކުޅުނު ދެ މެޗު ވެސް ކާމިޔާބުކޮށްފައެވެ. އެއީ ފުރަތަމަ މެޗުގައި 3-1 ސެޓުން ފްލެކްސަރ ސްޕޯޓްސް ކްލަބް ބަލިކޮށްގެންނާއި، ދެވަނަ މެޗުގައި ހަމަ 3-1 ސެޓުން، ސިޓީ ފްރެންޑްސް ކްލަބް ބަލިކޮށްގެންނެވެ.
ވެމްކޯއަށް ދެވަނަ މެޗު ގެއްލުނު ނަމަވެސް، އެ ޓީމުން ވަނީ ލީގުގައި ފުރަތަމަ ކުޅުނު މެޗު 3-1 ސެޓުން ކާމިޔާބުކޮށްފައެވެ.