ކުޅިވަރު

އިންޓާރ ބަލިކުރުމަށްފަހު އޭސީ މިލާން ކޮޕާ އިޓާލިއާގެ ފައިނަލަށް

އިންޓާރ ބަލިކުރުމަށްފަހު އޭސީ މިލާން ކޮޕާ އިޓާލިއާގެ ފައިނަލަށް

ގޯލު ކާމިޔާބުކުރުމަށްފަހު ޖޮވިޗް އުފާފާޅުކުރަނީ، ފޮޓޯ: ގެޓީއިމޭޖަސް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

24 އޭޕްރީލު 2025، 07:32

24 އޭޕްރީލު 2025، 07:32

އިންޓާރ މިލާން ބަލިކުރުމަށްފަހު ވާދަވެރި އޭސީ މިލާނުން ކޮޕާ އިޓާލިއާގެ ފައިނަލަށް ދަތުރުކޮށްފިއެވެ.

ސެމީފައިނަލްގެ ފުރަތަމަ ލެގުގައި މި މަހުގެ ކުރީކޮޅު މި ދެ ޓީމުން ބައްދަލުކޮށްފައިވާއިރު، އެ މެޗު ވަނީ 1-1 އިން އެއްވަރުވެފައެވެ. 

މެޗުގައި މިލާނަށް ލީޑު ނަގައިދިނީ ކުރިން ރެއާލް މެޑްރިޑަށް ކުޅުނު ލޫކާ ޖޮވިޗްއެވެ. ފުރަތަމަ ހާފު ނިމެން ނުވަ މިނެޓަށްވެފައި ވަނިކޮށް އިންޓާރގެ ގޯލު ކުރިމައްޗަށް ހުރަސްކޮށްލި ބޯޅަ ގޯލުގެ ތެރެއަށް ޖޮވިޗް ފޮނުވާލީ ބޮލުންނެވެ.

މިލާނުގެ ލީޑު ފުޅާކޮށްދިނީ ވެސް ޖޮވިޗްއެވެ. އެއީ އެ ޓީމަށް ލިބުނު ކޯނަރެއްގައި ބޯޅަ ގޯލު އޭރިއާ ތެރެއަށް ވެއްޓުނު ވަގުތު ބޫޓުގެ ކޮޅުން ގޯލުގެ ތެރެއަށް ފޮނުވާލައިގެނެވެ. 

އަދި މިލާންގެ ފަހު ގޯލު މެޗު ނިމެން 5 މިނެޓަށް ވެފައިވަނިކޮށް ޓިޖަނީ ރެންޑާރަސް ކާމިޔާބުކުރުމުގެ ކުރިން، އެ ޓީމުގެ ގޯލުކީޕަރު، މައިކް މެއިނަން ވަނީ ސްޓެފަން ޑި ރިޖްގެ ނުރައްކާތެރި ހަމަލާއެއް ހުޝިޔާރުކަމާއެކު ދިފާއުކޮށްފައެވެ. 

އޭސީ މިލާންއަށް މިއީ މި ސީޒަނުގައި ހޯދެން އޮތް ހަމައެކަނި ތައްޓެވެ. އެ ޓީމަށް ލީގުގައި ރަގަޅު ނަތީޖާތަކެއް ނެރެވެމުން ނުދާއިރު، އަންނަ އަހަރުގެ ޗެމްޕިއަންސް ލީގަށް ކޮލިފައިނުވާނެކަން ވެސް މިހާރު ވަނީ ޔަގީންވެފައެވެ. 

އަނެއްކޮޅުން، މި ނަތީޖާއާ ގުޅިގެން ސީޒަނުގެ ބޮޑު ތިން ތަށި ކާމިޔާބު ކުރުމަށް އިންޓާރއިން ކުރަމުން އަންނަ މަސައްކަތަށް ހުރަސްއެޅުނީއެވެ. ލީގުގެ އެއްވަނައިގައި އެ ޓީމު އޮތްއިރު، ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުން ވެސް އިންޓާރ ވަނީ ޖާގަ ހޯދާފައެވެ. 

މި މުބާރާތުގެ ދެވަނަ ސެމީގެ ދެވަނަ ލެގަށް ބޮލޯނާ އާއި އެމްޕޯލީ މިރޭ ނިކުންނައިރު، ބޮލޯނާއިން ވަނީ ފުރަތަމަ ލެގު 3-0 އިން ކާމިޔާބުކޮށްފައެވެ. 

މި ލިޔުން ކިޔާލުމުން

Ads by MSS