ކުޅިވަރު
ޕެލެސްއިން އާސެނަލް ހިފެހެއްޓުމުން، މެންޗެސްޓާގެ ރެކޯޑާ ހަމަކުރަން ލިވަޕޫލަށް ބާކީ އެއް ޕޮއިންޓު

ޕެލެސްގެ ގޯލަށް ޓްރޮސާރޑް ބޯޅަ ފޮނުވާލަނީ، ފޮޓޯ: ގެޓީއިމޭޖަސް
އިންގްލިޝް ޕްރިމިއަރ ލީގުގައި ދެކުނު ލަންޑަނަށް ނިސްބަތްވާ ކްރިސްޓަލް ޕެލެސްއިން އުތުރު ލަންޑަނަށް ނިސްބަތްވާ އާސެނަލް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވުމުން، ފަސް އަހަރު ތެރޭގައި ދެވަނަ ތަށި އުފުލާލުމަށް ލިވަޕޫލް ތައްޔާރުވެއްޖެއެވެ.
މި ނަތީޖާއާ ގުޅިގެން މި އަންނަ އާދިއްތަ ދުވަހު ލިވަޕޫލް އާއި ޓޮޓެންހަމް ބައްދަލުކުރާ މެޗު އެއްވަރުވި ނަމަވެސް، އާސެނަލްއަށް ވުރެ 12 ޕޮއިންޓު ކުރީގައި އޮތް ލިވަޕޫލްއަށް ތަށި ޔަގީންވާނެއެވެ. އަދި އެއީ ލިވަޕޫލްގެ 20 ވަނަ ލީގު ތަށި ކަމުން، މެންޗެސްޓަރ ޔުނައިޓެޑުގެ ރެކޯޑާ ވެސް ލިވަޕޫލް ހަމަކުރާނެއެވެ.
އެމިރޭޓްސްގައި ރޭ ކުޅުނު މެޗަށް ދެ ޓީމުން ވެސް ނިކުތީ މުހިންމު ގިނަ ކުޅުންތެރިންތަކެއް ނުލައެވެ. އެއީ އާސެނަލްއަށް ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލް މެޗު އަދި ޕެލެސްއަށް އެފްއޭ ކަޕްގެ ސެމީފައިނަލް މެޗު ކުރިމަތީގައި އޮތުމުންނެވެ.
ރޭގެ މެޗުގައި ފުރަތަމަ ލީޑު ނެގީ އާސެނަލްއެވެ. މެޗުގެ ވަރަށް ކުރީކޮޅު ލިބުނު ހިލޭޖެހުމެއް ޕެނަލްޓީ އޭރިއާ ތެރެއަށް މާޓިން އޮޑެގާރޑް ހުރަސްކޮށްލުމުން، އެ ބޯޅަ ބޮލުން ގޯލަށް ފޮނުވާލައި އާސެނަލްއަށް މެޗުގެ ތިން ވަނަ މިނެޓުގައި ލީޑު ނަގައިދިނީ އެންމެ ފަހަތަށް ކުޅުނު ޖެކޮބް ކިވިއޯއެވެ.
މެޗުގައި ރަގަޅު އެޓޭކިން ކުޅުމެއް ކުޅެމުން ދިޔަ ޕެލެސްއިން ނަތީޖާ ހަމަހަމަކުރީ ކޯނަރަކުންނެވެ. އެ ޓީމުގެ އެޑަމް ވާރޓޮން ކޯނަރު ނަގައިދިނީ އާސެނަލްގެ ޑީ-އޭރިއާ ތެރޭގައި ހުރި އެބެރިޗެ އެޒޭއަށެވެ. އަދި އޭނާ ކުރިއަށް ޖެހިލުމަށްފަހު ފޮނުވާލި ވޮލީ، ބިމުގައި ޖެހުމަށްފަހު ގޮސް ވާތްފަރާތުގެ ދަނޑީގައި ޖެހިފައި ވަނީ ގޯލުގެ ތެރެއަށެވެ.
ނަމަވެސް ހާފު ނިމުމުގެ ކުރިން އާސެނަލްއިން އަނބުރާ ލީޑު ހޯދިއެވެ. ޖުރިއެން ޓީމްބަރ ދިން ރަގަޅު ބޯޅައެއްގެ ބޭނުންހިފައި، ގޯލުގެ ތިރީކަނަށް ބޯޅަ ފޮނުވާލުމަށްފަހު މި ގޯލު ކާމިޔާބުކޮށްދިނީ ލެއާންޑްރޯ ޓްރޮސަޑްއެވެ.
ދެވަނަ ހާފުގައި މެޗުގެ ނަތީޖާ ހަމަހަމަ ކުރުމަށް ޕެލެސްއިން ވަރަށް ބޮޑަށް މަސައްކަތްކުރިތަން ފެނުނެވެ. އެގޮތުން ޖަސްޓިން ޑެވެނީ އާއި އިސްމައިލާ ސާރ ފޮނުވާލި ހަމަލާތައް ފާހަގަކޮށްލެވެއެވެ. އެ ދެ ކުޅުންތެރިންނަށް ލިބުނު ފުރުސަތުތައް ގޯލަކަށް ބަދަލުނުކުރެވުނީ ބޮލުން ރަގަޅަށް ބޯލައިގައި ޖަހާނުލެވުމުންނެވެ.
ޕެލެސްއިން ނަތީޖާ ހަމަހަމަކުރީ މެޗު ނިމެން 7 މިނެޓަށް ވެފައިވަނިކޮށް ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ޖީން-ފިލިޕް މަޓޭޓާއެވެ. އާސެނަލްގެ ފަހަތުން ސަލީބާގެ ފަރުވާ ކުޑަކަމުން ގެއްލުނު ބޯޅަ، ގާތްގަނޑަކަށް ހާފުގެ މެދެއްހާ ހިސާބުން ކީޕަރުގެ ބޯމަތިން ގޯލަށް ފޮނުވާލައި މަޓޭޓާ މެޗުގެ ނަތީޖާ ހަމަހަމަކުރިއެވެ.
މި ނަތީޖާއާއެކު ޕެލެސް އޮތީ 45 ޕޮއިންޓާއެކު ލީގުގެ 12 ވަނައިގައެވެ.