ކުޅިވަރު
ސާފް ޗެމްޕިއަންޝިޕް އަންނަ އަހަރަށް ފަސްކޮށްފި

2021 ގައި ރާއްޖެ އާއި ސްރީލަންކާ ބައްދަލުކުރި މެޗަށްފަހު ދިވެހި ކުޅުންތެރިން ފޮޓޮއަކަށް ހުއްޓިގެން، ފޮޓޯ: އިމޭޖަސް.އެމްވީ
މި އަހަރުގެ ޖޫން މަހަށް ސްރީލަންކާގައި ބޭއްވުމަށް ތާވަލުކުރި ސާފް ޗެމްޕިއަންޝިޕް އަންނަ އަހަރަށް ފަސްކޮށްފިއެވެ.
"ފަރުދުން" އަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި އަންނަ ޖޫން މަހުގެ 22 އިން ޖުލައި 5 އަށް ކުރިޔަށް ގެންދިއުމަށް ނިންމި މުބާރާތް މިއަންނަ އަހަރަށް ފަސްކުރީ، ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (ސާފް)ގެ މާކެޓިން ޕާޓްނަރު، ޖަރުމަނުގެ ސްޕޯޓްސް މާކެޓިން އޭޖެންސީ "ސްޕޯޓްސްފައިވް"، ހޯމް އެންޑް އަވޭ އުސޫލުން މުބާރާތް ކުރިޔަށް ގެންދަން ބޭނުންވެފައި، މި އަހަރު އެގޮތަށް ބޭއްވެން ނެތުމުންނެވެ.
މި އަހަރުގެ މުބާރާތް ބޭއްވުަމަށް ވެސް ފުރަތަމަ ނިންމީ ހޯމް އެންޑް އަވޭ އުސޫލުންނެވެ. ނަމަވެސް އެގޮތަށް ބާއްވާނަމަ މުބާރާތުގެ މުއްދަތު ދެ މަހެއްހާ ދުވަހަށް ދިގުލައި ގޮސް، ޚަރަދުތައް ވެސް ބޮޑުވާނެތީ ފަހުން ނިންމީ ސެންޓްރަލައިޒްކޮށް ބާއްވައި، ސްރީލަންކާއަށް ހޯސްޓިން ފުރުސަތު ދޭށެވެ.
ބަނގުލަދޭޝްގެ ނޫހަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ސްޕޯޓްސްފައިވްއިން ބޭނުންވީ ސެންޓްރަލައިޒްކޮށް މުބާރާތް ކުޅޭނަމަ އިންޑިއާ ނުވަތަ ބަންގްލަދޭޝްގައި މުބާރާތް ބޭއްވުމަށެވެ. އެއީ ސްޕޮންސަރުން ހޯދުމަށް ފަސޭހައަކަށް ކަމަށް ބެލެވެއެވެ.
ސާފްއަކީ މުބާރާތް ބޭއްވޭނެ މާލީ ޤާބިލުކަން ނެތް ފެޑެރޭޝަނެއް ކަމުން، މުބާރާތް ބާއްވާ ޤައުމު ކަނޑައެޅުމުގައި އަބަދުވެސް ސާފްގެ މާކެޓިން އެޖެންސީގެ ނުފޫޒު އޮވެއެވެ. މި އަހަރު ބާއްވަން ތާވަލުކުރި މުބާރާތް ފަސްކުރަން ޖެހުނު ސަބަބަކީ ވެސް އެއީއެވެ.
ސާފް ޗެމްޕިއަންޝިޕް މި އަހަރު ބޭއްވޭގޮތް ނުވުމުން އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަން (އޭއެފްސީ) އާއި ސާފް އަދި ލަންކާ ފުޓްބޯޅަ ފެޑެރޭޝަން ގުޅިގެން އިތުރު މުބާރާތެއް ބާއްވަން އުޅޭކަމުގެ ޚަބަރުތަކެއް ވެސް ވަނީ ފެތުރިފައެވެ. ނަމަވެސް މިކަމުގެ އިތުރު ތަފްސީލެއް އަދި ނުލިބެއެވެ.