ޚަބަރު
މި އަހަރު ޖުމްލަ 24 ރަށެއްގައި އައު ހޮސްޕިޓަލް އެޅުމުގެ މަސައްކަތް ފަށާނެ: ވަޒީރު ނާޒިމް

ތިން ހޮސްޕިޓަލެއްގެ ޖާގަ އިތުރުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވަޒީރު ނާޒިމް، ފޮޓޯ: ނިޝާން ޢަލީ
މި އަހަރުގެ ތެރޭގައި ޖުމްލަ 24 ރަށެގައި އައު ހޮސްޕިޓަލް އެޅުމުގެ މަސައްކަތް ފަށާނެކަމަށް ސިއްޙީ ވަޒީރު އަބްދުﷲ ނާޒިމް އިބްރާޙިމް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ޓާރޝަރީ ފެންވަރަށް ދެ ހޮސްޕިޓަލެއް ތަރައްޤީކުރުމަށާއި އަދި އެއް ހޮސްޕިޓަލުގެ ޖާގައިގެ ދަތިކަން ޙައްލު ކުރުމަށް ދެ ކުންފުންޏަކާ މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު ސިއްޙީ ވުޒާރާގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަމުންނެވެ.
ވަޒީރު ވިދާޅުވީ، 24 ހޮސްޕިޓަލުގެ އިތުރުން 5 ސިއްޙީ މަރުކަޒެއް އަލުން އިމާރާތް ކުރުމުގެ މަސައްކަތާއި، ސިއްޙީ ޚިދުމަތްދޭ ތަންތަނުގެ ޖާގަ އިތުރު ކުރުމުގެ 60 މަޝްރޫއެއް ވެސް މި އަހަރުގެ ތެރޭގައި ފެށުމަށް މަސައްކަތް ކުރަމުން އަންނަކަމަށެވެ.
އެގޮތުން މި އަހަރުގެ މިހާތަނަށް 10 ހޮސްޕިޓަލެއްގެ މަސައްކަތާއި 10 ސިއްޙީ މަރުކަޒެއްގެ މަސައްކަތް ފަށާފައިވާކަމަށް ސިއްޙީ ވަޒީރު ވަނީ ވިދާޅުވެފައެވެ. މިއާއެކު މިވަގުތު 19 ހޮސްޕިޓަލާއި 15 ސިއްހީ މަރުކަޒުގެ އާ އިމާރާތް އަދި އެ ތަންތަނުގެ ޖާގަ އިތުރުކުރުމަށް 21 މަޝްރޫއެއް ކުރިޔަށްދެއެވެ.
އެހެންކަމުން، މި މަޝްރޫޢުތަކާއެކު ޖުމްލަ 90 ރަށެގައި ސިއްޙީ ޚިދުމަތް ފުޅާކުރުމުގެ އަމަލީ މަސައްކަތް މި އަހަރު ފެށިގެން ދާނެކަމަށް ވަޒީރު ނާޒިމް ވަނީ ވިދާޅުވެފައެވެ.
"ރައީސްގެ ވަރަށް މުހިއްމު ތަސައްވުރެއް އަތޮޅު ތެރޭގެ ސިއްހީ ހިދުމަތް ފުޅާކޮށް، ހާއްސަކޮށް ރީޖަނަލް ހޮސްޕިޓަލްތައް ޓާޝަރީ ލެވެލްއަށް ހިދުމަތްތައް ބަދަލުކުރުން. އެ ތަންތަނަށް ސަބް-ސްޕެޝަލިޓީގެ ހިދުމަތްތައް ތައާރަފްކުރަން އެބަޖެހޭ. އެގޮތުން ނެފްރޮލޮޖީ، ކާޑިއޮލޮޖީ، ކެތު ލެބު ފަދަ ހިދުމަތްތައް އަންނާނެ ގޮތަށް ޓާޝަރީ ފެންވަރަށް އެ ތަންތަން ތަރައްގީކުރެވިގެންދާނެ." މިނިސްޓަރު ނާޒިމް ވިދާޅުވިއެވެ.
ސިއްޙީ ދާއިރާގެ އުމްރާނީ މަސައްކަތްތަކާއެކު ޚިދުމަތްތައް ދިނުމަށް އިތުރަށް ބޭނުންވާ މުވައްޒަފުން ހޯދުމުގެ މަސައްކަތް ވެސް މިހާރު ފަށާފައިވާކަމަށް ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.
ސިއްޙީ ވިޒާރާގައި މިއަދު އޮތް ރަސްމިއްޔާތުގައި ހަވާލުކުރެވުނު މަސައްކަތްތަކުގެ ތެރޭގައި ހިމެނެނީ ޅ. ނައިފަރު ހޮސްޕިޓަލުގެ ޚިދުމަތްތައް ފުޅާ ކުރުމަށް ބޭނުން ޖާގަ އިތުރުކުރުމާއި، ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް އަދި ތިނަދޫ ސިޓީގައި ހުންނަ ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލް ޓާރޝަރީ ފެންވަރަށް އަޕްގްރޭޑު ކުރުމަށް ބޭނުންވާ ޖާގަ އިތުރު ކުރުމުގެ މަސައްކަތެވެ.