ކުޅިވަރު
އެތުލެޓިކްސްގެ އެސޯސިއޭޝަން ޗެމްޕިއަންޝިޕް މާދަމާ ފަށަނީ

2024ގައި އެތުލެޓިކްސް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ ސީނިއާ ބައިގެ އެންމެ މޮޅު އެތުލީޓުންގެ މަގާމް ހޯދި ސާއިދު އާއި ފަސޫހާ، ފޮޓޯ: ގާފު
އެތުލެޓިކްސް އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސްގެ އެސޯސިއޭޝަން ޗެމްޕިއަންޝިޕް މާދަމާ ފެށުމަށް އަންނަނީ ތައްޔާރުވެއްޖެއެވެ.
މާލޭ ކުޅިވަރު އެކުވެނީގެ ސިންތެޓިކް ޓްރެކުގައި ކުރިޔަށްގެންދިއުމަށް ނިންމާފައިވާ މި މުބާރާތުގައި ޖުމްލަ 250 އެތުލީޓުން ވާދަކުރާނެއެވެ. މިއީ އެ އެސޯސިއޭޝަނުން މި އަހަރު ބާއްވާ ފުރަތަމަ މުބާރާތެވެ.
މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނު 7:00ގައެވެ. އަދި ފުރަތަމަ އިވެންޓެއްގެ ގޮތުގައި އޮންނާނީ 16 އަހަރުން މަތީގެ ފިރިހެނުން ކެޓަގަރީގެ 5000 މީޓަރު ދުވުމާއި 16 އަހަރުން ދަށުގެ ފިރިހެން ކެޓެގަރީގެ އުސްފުއްމުމެވެ.
މީގެ އިތުރުން، އަންހެން ކެޓަގަރީއިން ފުރަތަމަ އޮންނާނީ 16 އަހަރުން ދަށުގެ ޝޯޓްޕުޓް އަދި 5000 މީޓަރު ދުވުމެވެ.
އެތުލެޓިކްސް އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސްއިން މި އަހަރު 11 މުބާރާތެއް ބޭއްވުމަށް ކަނޑައަޅާފައިވެއެވެ. އަދި ހަމައެއާއެކު ބައިނަލްއަޤްވާމީ 11 މުބާރާތެއްގައި ވެސް އެތުލީޓުން ވާދަކުރާނެކަމަށް އެ އެސޯސިއޭޝަނުން ވަނީ ހާމަކޮށްފައެވެ.
މި އަހަރުގެ މިހާތަނަށް ރާއްޖޭން ވަނީ ބައިނަލްއަގްވާމީ ދެ މުބާރާތެއްގައި ބައިވެރިވެފައެވެ. އެގޮތުން ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ، ހަސަން ސާއިދު ވަނީ ޗައިނާގެ ނަންޖިންގައި މި މަހު ކުރިއަށްދިޔަ ވޯލްޑް އެތުލެޓިކްސް އިންޑޯ ޗެމްޕިއަންޝިޕުގައި ވާދަކޮށްފައެވެ. އަދި ރާއްޖޭގެ 5 އެތުލީޓުން ވަނީ އޭޕްރީލް މަހު ސައުދީ އަރަބިއްޔާގައި ކުރިޔަށްދިޔަ 18 އަހަރުން ދަށުގެ އޭޝިއަން އެތުލެޓިކްސް ޗެމްޕިއަންޝިޕުގައި ވާދަކޮށްފައެވެ.
އެ އެސޯސިއޭޝަންގެ މި އަހަރުގެ ބަޖެޓަށް 9 މިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ. އަދި މި އަހަރު އެންމެ އިސްކަމެއް ދޭނީ ވޯލްޑް އެތުލެޓިކްސް އާއި ކުޅިވަރާ ބެހޭ ވުޒާރާއާ ގުޅިގެން މާލެ އާއި ހުޅުމާލޭގައި އޮންނަ ސިންތެޓިކް ޓްރެކުތަކުގެ ތެރެއިން އެއް ޓްރެކް ނަމަވެސް މަރާމާތުކޮށް، ސިންތެޓިކް ސާފޭސް ރަނގަޅުކުރުމަށް ކަމަށް ޕީއެސްއެމްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި އެތުލެޓިކްސް އެސޯސިއޭޝަންގެ ނައިބު ރައީސް އަޙްމަދު އަޒީލް ވަނީ ވިދާޅުވެފައެވެ.