ކުޅިވަރު

ގިނަ ދުވަސްތަކަކަށްފަހު ވޮލީގެ ޖޫނިއަރ ސްކޮޑުތައް އެކުލަވާލަނީ

ގިނަ ދުވަސްތަކަކަށްފަހު ވޮލީގެ ޖޫނިއަރ ސްކޮޑުތައް އެކުލަވާލަނީ

އީރާނުގެ ކުރީގެ ގައުމީ ކޯޗު އަލީ ޕޫރް އަރުޖީ އާއި ވީއޭއެމްގެ ރައީސް މުޙައްމަދު ލަތީފް، ފޮޓޯ: ޕީއެސްއެމް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

23 އޭޕްރީލު 2025، 07:48

23 އޭޕްރީލު 2025، 07:48

ގިނަ ދުވަސްތަކަކަށްފަހު ވޮލީބޯޅައިގެ ޤައުމީ ޖޫނިއަރ ސްކޮޑުތައް އެކުލަވާލުމަށް މަސައްކަތް ފަށާފައިވާކަމަށް ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) ގެ ރައީސް މުޙައްމަދު ލަތީފް ވިދާޅުވެއްޖެއެވެ. އެގޮތުން 12 އަހަރާއި 23 އަހަރާ ދެމެދުގެ ސްކޮޑުތައް އެކުލަވާލައި އެ ޓީމުތަކަށް ތަމްރީނުތައް ދޭން ފަށާނެކަމަށް ލަތީފް ވަނީ ވިދާޅުވެފައެވެ.

ވީއޭއެމްއިން 23 އަހަރުން ދަށުގެ ޤައުމީ ވޮލީ ސްކޮޑެއް އެކުލަވާލުމަށް މި މަހުގެ 17 އިން 19 އަށް ވަނީ ޓްރައިއައުޓްތަކެއް ކުރިޔަށް ގެންގޮސްފައެވެ. މި ޓްރައިއައުޓްތަކުގައި ރާއްޖޭގެ އެކި ރަށްރަށުން ކުޅުންތެރިން ބައިވެރިކޮށްފައި ވެއެވެ. 

ޕީއެސްއެމްއަށް ދިން އިންޓަވިއުއެއްގައި ވީއޭއެމްގެ ރައީސް ލަތީފް ވިދާޅުވީ، ޤައުމީ ޖޫނިއަރ ޓީމުތަކެއް ނެތުމުން ސީނިއާރ ވޮލީޓީމާ ދެމެދު ބޮޑު ފަރަގެއް އޮތް ކަމަށެވެ. އަދި މިހާރު ފަށާފައި އެވަނީ އެ ފަރަގު ކުޑަކުރުމުގެ މަސައްކަތްކަމުގައި އޭނާ ވިދާޅުވިއެވެ.

އަޅުގަނޑުމެންގެ ޖޫނިއަރ ޓީމެއް ނެތްތާ ވަރަށް ދުވަސްވެއްޖެ. އަޅުގަނޑުމެންގެ ޖޫނިއަރ ސްކޮޑެއް ނެތުމުގެ ސަބަބުން ވަރަށް ބޮޑު ގެޕެއް ސީނިއަރ ޓީމާ ދޭތެރޭގައި އެބައޮތް. އެ ގެޕް ކުޑަކުރުމަށްޓަކައި މި ޕްރޮގްރާމުގެ ތެރެއިން ފެށިގެންދާނެ 12 އަހަރުން ފެށިގެން 23 އަހަރާއި ދޭތެރޭގެ އުމުރުފުރާތަކުގެ ގައުމީ ސްކޮޑެއް އެކުލަވާލުން. އަޅުގަނޑުމެން ދާނީ މަޑުމަޑުން ކުރިއަށްގެންދަމުން. މީ އެންމެ ފުރަތަމަ 23 އަހަރުން ދަށުން ފެށިގެން މިދަނީ.

ލަތީފް ވިދާޅުވިއެވެ.

މީގެ އިތުރުން، ކުރިޔަށް އޮތް ދެތިން މަސް ތެރޭގައި 12 އަހަރުން ފެށިގެން ގޮސް 23 އަހަރާ ދޭތެރޭގެ އުމުރުފުރާތަކުގެ ޓީމުތައް އެކުލަވާލުމުގެ މަސައްކަތް ވެސް ކުރިޔަށްދާނެކަމަށް ލަތީފް ވަނީ ވިދާޅުވެފައެވެ.

ހަމައެއާއެކު، ވޮލީބޯޅައިން ރާއްޖެއަށް މެޑައްޔެއް ހޯދުމުގެ ދުރުރާސްތާ އަޒުމުގައި ބޭރުގެ ކޯޗަކާއެކު ޙާއްސަ ޕްރޮގްރާމެއް ފަށާފައިވާއިރު، އިންޑިއަން އޯޝަން އައިލެންޑް ގޭމްސް، އައިއޯއައިޖީގައި މެޑެއްޔެއް ހޯދުމަކީ އަމާޒެއް ކަމުގައި ލަތީފް ވަނީ ވިދާޅުވެފައެވެ. 

ރާއްޖޭގެ 23 އަހަރުން ދަށުގެ ފިރިހެން ގައުމީ ޓީމު އެކުލަވާލުމަށް ގެނެސްފައިވަނީ ދުނިޔޭގެ ވޮލީބޯޅައިގެ މައި އިދާރާ އެފްއައިވީބީގެ މަޝްހޫރު އަދި މި ސަރަހައްދުގައި ފާހަގަކޮށްލެވޭ ކާމިޔާބީތައް ހޯދައިދީފައިވާ އީރާނުގެ ކުރީގެ ގައުމީ ކޯޗު އަލީ ޕޫރް އަރުޖީއެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS