Ads by Aqeeqa Maldives

ޚަބަރު

ފުރާޅު މައްޗަށް ވެއްޓިފަ އޮތް އަންހެން މީހާ މަސްތުވާ ތަކެއްޗަށް ޕޮޒިޓިވް: ފުލުހުން

ފުރާޅު މައްޗަށް ވެއްޓިފަ އޮތް އަންހެން މީހާ މަސްތުވާ ތަކެއްޗަށް ޕޮޒިޓިވް: ފުލުހުން

ފުލުހުން މަގުމަތީގައި ހަރަކާތްތެރި ވަނީ، ފައިލް ފޮޓޯ

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

23 އޭޕްރީލު 2025، 07:14

23 އޭޕްރީލު 2025، 07:14

ހެންވޭރު ގެއެއްގެ ފުރާޅު މައްޗަށް ވެއްޓިފައިއޮއްވާ ފެނުނު އަންހެން މީހާ މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ. 

މި މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ މި މަހުގެ 18 ވަނަ ދުވަހުގެ ހެނދުނު 07:23 ހާއިރެވެ. އަދި މި ޒުވާނާ ފުރާޅުން ނެގުމުގައި ފުލުހުން ވަނީ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ އެހީތެރިކަން ހޯދާފައެވެ. އެއަށްފަހު އެ ޒުވާނާއަށް މިހާރު އަންނަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. 

މި މައްސަލައާ ގުޅޭ ތަފްސީލް މީޑިއާތަކާ ޙިއްސާކުރަމުން ފުލުހުން ވިދާޅުވީ، ތުޙުމަތު ކުރެވޭ ގޮތުގައި 21 އަހަރުގެ މި ޒުވާނާ ވެއްޓުނީ އަމިއްލައަށެވެ. އަދި ވެއްޓުނުއިރު އޭނާ ހުރީ މަސްތުގެ ހާލަތުގައިކަމަށް ޓެސްޓުތަކުން ހާމަވާކަމަށް ފުލުހުން ވަނީ ހާމަކޮށްފައިވެއެވެ. ނަމަވެސް އޭނާ ޕޮޒިޓިވްވީ ކޮން ބާވަތެއްގެ މުސްތުވާ އެއްޗަކަށްކަމެއް ޔަޤީން ވާނީ ފުރިހަމަ ރިޕޯޓު ލިބުމުންކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ. 

މި މައްސަލައާ ގުޅޭ ސީސީޓީވީ ފޫޓެޖުތަކަށް ބަލާއިރު، ވެއްޓުނު އަންހެން މީހާ އާއި ފިރިހެނަކު، އެ ކުއްޖާ ވެއްޓުނު ގޭގެ ސިޑިމަތީގައި ހަރަކާތްތެރިވާތަން ފެނެއެވެ. އަދި އެ ޒުވާނާ ވެއްޓުނީ އެ ގޭގެ 9 ވަނަ ފަންގިފިލާގައިއިން ފެންލައިޓަކުން، ފަތިހު 4:52 ހާއިރުކަމަށް ބެލެވޭ ކަމުގައި ފުލުހުން ވަނީ ހާމަކޮށްފައެވެ. 

މި ހާދިސާ ހިނުމުގެ ކުރިން، އެ ރޭގެ 12:30 ހާއިރު، މާލޭގެ މެދުތެރޭގައި ހުންނަ ގެއަަކަށް މި ދެ މީހުންނާއި އިތުރު 6 މީހަކު ގޮސްފައިވާކަމަށް ވެއެވެ. އޭގެ ތެރޭގައި ހިމެނެނީ 3 އަންހެނުންނާއި 5 ފިރިހެނުންނެވެ. މި މީހުން އެ ގެއިން ނިކުމެފައިވަނީ މެންދަމުން އަލިވެ 03:40 ހާއިރުކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.

އަދި އޭގެ ފަހުން، ވެއްޓުނު އަންހެން މީހާ އާއި އިތުރު 3 ފިރިހެނަކު އަމީނީ މަގުގައި ހުރި ގެޔަކަށް ވަދެފައިވާކަން ތަހުޤީގަށް އެނގިފައިވާކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ. ނަމަވެސް އޭގެ 10 ވަރަކަށް މިނެޓު ފަހުން އެ ގެއިން ނިކުތީ ވެއްޓުނު އަންހެން ކުއްޖާ އާއި އިތުރު ދެ ފިރިހެނެކެވެ. އަދި އެ މި ތިން މީހުން ހެންވޭރުގެ އެހެން ގެއަކަށް ފަތިހު 4:00 އާއި 4:30 އާއި ދެމެދު ވަދެފައިވާކަން އެނގިފައިވާކަމަށް ފުލުހުން ބުނެއެވެ. 

އަދި އޭގެ ފަހުން އަންހެން މީހާ ވެއްޓުނު ގެއަށް ގޮސް ވަދެފައިވަނީ އެ އަންހެން މީހާ އާއި އެއް ފިރިހެނަކުކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ. އުމުރުން 21 އަހަރުގެ އެ ފިރިހެން މީހާ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނެބިސް އަށް ޕޮޒިޓިވް ވެފައިވާކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ. 

މި މީހުން އިތުރު ދެ ގެއެއްގައި ހަރަކާތްތެރިވި ގޮތް ބަލަމުންދާކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ. ނަމަވެސް އެ ކަމުގެ ތަފްސީލު ދެއްވާފައެއް ނުވެއެވެ. 

މީގެ އިތުރުން، މި ހާދިސާގައި ސިޔާސީ އެއްވެސް ފަރާތެއް ނުހިމެނޭކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ. 

މި މައްސަލައާ ގުޅޭ އެއްވެސް މައުލޫމާތެއް އެނގޭނަމަ އެކަން ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS