ޚަބަރު
ނޮވެމްބަރު 1ން ފެށިގެން ދުންފަތް މަނާކުރުމުގެ ބިލަށް އަމަލުކުރަން ފަށަނީ

"ރައްޔިތުންނާ އެކު" ޕޮޑްކާސްޓުގެ ހަތަރުވަނަ އެޕިސޯޑުގެ ތެރެއިން
ވަކި ޢުމުރުފުރާއަކުން ފެށިގެން އުފަންވެފައިވާ މީހުން ދުންފަތުގެ އިސްތިޢުމާލުކުރުން މަނާކުރުމުގެ ބިލަށް ނޮވެމްބަރު މަހުންފެށިގެން ޢަމަލުކުރަން ފަށްޓަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
"ރައްޔިތުންނާއެކު" ޕޮޑްކާސްޓް 4ވަނަ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ދުންފަތުގެ އިސްތިޢުމާލުކުރުން މަނާކުރުމުގެ ބިލު މި މަހުގައި ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާނެ ކަމަށެވެ. ދުންފަތުގެ އިސްތިޢުމާލުކުރުން މަނާ ކުރުމާއި ގުޅޭގޮތުން ޢާންމުންގެ ޚިޔާލު ހޯއްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަމިއްލަފުޅުު އެކައުންޓުން ވަނީ ޕޯލްއެއް ހުޅުވާލާފައެވެ. އަދި މި ޕޯލްއަށް ގިނަބަޔަކު ވޯޓު ދީފައިވާއިރު އެންމެ ގިނަ ބަޔަކު ވޯޓު ދީފައިވަނީ 2007ވަނަ އަހަރުގެ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން އުފަންވެފައިވާ އަދި އުފަންވާ ކުދިންނަށް ދުންފަތް އެއްކޮށް މަނާ ކުރުމަށެވެ. އެގޮތުން ވަޒީރުންގެ މަޖިލީހުގެ މަޝްވަރާއާއެކު ރައީސްމ ނިންމަވާފައިވަނީވެސް 2007ވަނަ އަހަރުގެ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން އުފަންވެފައިވާ އަދި އުފަންވާ ކުދިންނަށް ދުންފަތް އެއްކޮށް މަނާ ކުރުމަށެވެ.
ރައީސް ވިދާޅުވީ ދުޅަހެޔޮ ޖީލެއް ބިނާކޮށް ޒުވާނުން ދުންފަތާ ދުރުކުރުވުމަކީ އެމަނިކުފާނުގެ ވަރަށްބޮޑު އުންމީދެއް ކަމަށެވެ. އެގޮތުން ޖެނެރޭޝަނަލް ބޭން ނުވަތަ ވަކި ޢުމުރުފުރާއަކުން ފެށިގެން އުފަންވެފައިވާ މީހުން ދުންފަތުގެ އިސްތިޢުމާލުކުރުން މަނާކުރުމުގެ ސިޔާސަތު ޒުވާނުންނާއި ބެލެނިވެރިން ބަލައިގަނެ އެކަމަށް ފުރިހަމަ ތާޢީދު ކުރައްވާނެކަން ޔަޤީން ކުރައްވާކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ދުންފަތުގެ އިސްތިޢުމާލުކުރުން މަނާކުރުމުގެ ބިލު މިމަހު ރައްޔިތުންގެ މަޖިލީހަށް ހުށައެޅޭނެ ކަމަށެވެ. އެއާއެކު ބިލު ފާސްވެއްޖެނަމަ، އެ ޤާނޫނަށް ޢަމަލުކުރަން 6 މަސްދުވަހުގެ މުއްދަތެއް ލިބޭނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މި ބިލަށް ޢަމަލު ކުރުމަށް ރައީސް ނިންމަވާފައިވަނީ ނޮވެންބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ.