ޚަބަރު
ވޭމަންޑޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ އަމަލީ މަސައްކަތް ފަށައިފި
މި މަޝްރޫއުގެ ތެރެއިން. ފޮޓޯ: އާރްޑީސީ
ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ދަށުން ތ. ވޭމަންޑޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ އަމަލީ މަސައްކަތް ފަށާފައިވާ ކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)އިން ވިދާޅުވެއްޖެއެވެ.
23 އޮގަސްޓުގައި މި މަޝްރޫއުގެ އަމަލީ މަސައްކަތް އެ ކުންފުނިން ފަށާފައިވާއިރު، ވޭމަންޑޫ މަގުހެދުމުގެ މަޝްރޫޢު އާރްޑީސީއާ ހަވާލުކޮށްފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ތ. އަތޮޅުގެ ރަށްތަކަށް މިދިޔަ ސެޕްޓެމްބަރު މަހު ކުރެއްވި ދަތުރުފުޅުގެ ތެރެއިން، އެ ރަށަށް ވަޑައިގެން ރަށު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި ޖަލްސާގައެވެ.
ވޭމަންޑޫ މަގުހެދުމުގެ އެއްބަސްވުމުގައި އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ. ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން، އާރްޑީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ނަޘީމްއެވެ.
ވޭމަންޑޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއުގެ ތެރެއިން އެ ރަށުގެ މުހިންމު 7 މަގެއްގެ މަސައްކަތް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރޭގައި ހިމެނެނީ މުހިންމު އިދާރާތައް ހުންނަ މަގުތަކާއި އާންމު ދަތުރުފަތުރަށް ގިނައިން ބޭނުންކުރާ މަގުތަކެވެ. މި މަޝްރޫއުގެ ދަށުން އެއްކޮށް 3.99 ކިލޯމީޓަރުގެ ދިގުމިނުގެ މަގު ހެދުމަށް ވަނީ ކަނޑައެޅިފައެވެ.
ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ދަށުން ތ. ވޭމަންޑޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ އަމަލީ މަސައްކަތް ވަނީ ފެށިފައި.#TeamRDC pic.twitter.com/VMiXuqmAEs
— Road Development Corporation Ltd (@rdcmaldives) August 23, 2026
މި މަޝްރޫއަށް ދައުލަތުގެ ބަޖެޓުން 86.7 މިލިޔަން ރުފިޔާ ހޭދަކުރުމަށް ހަމަޖެހިފައިވާއިރު، މަސައްކަތް ނިންމުމަށް ހަވާލުކޮށްފައިވަނީ، 2 އަހަރުގެ މުއްދަތެކެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަގުތައް ޒަމާނީ ފެންވަރަށް ހެދުމުގެ މަޝްރޫއުތައް ސަރުކާރުން ދަނީ އާރްޑީސީއާ ހަވާލުކުރަމުންނެވެ. އަދި މި މަގުތައް ތަރައްގީކުރެވިގެންދާނީ އެ ރަށެއްގެ ރައްޔިތުންގެ އެދުމާއި އެއްގޮތަށް ކަމުގައި ސަރުކާރުން ވަނީ ހާމަކުރައްވާފައެވެ.
މި މަސައްކަތް އެއްކޮށް ނިމުމުން، ފެންވަރު ރަނގަޅު ޒަމާނީ މަގުތަކެއް ވޭމަންޑޫގެ ރައްޔިތުންނަށް ލިބި، އޭގެ ލުއިފަސޭހަކަން ލިބިގެންދާނެ ކަމަށް ސަރުކާރުން ދެކެއެވެ.