ޚަބަރު
ދެކުނު އޭޝިއާގެ ޓޫރިޒަމް ކޮމިޝަންގެ ޗެއަރކަމަށް ރާއްޖެ

ދުނިޔޭގެ ފަތުރުވެރިކަމާއި ބެހޭ ޖަމްޢިއްޔާގެ ބައްދަލުވުން، ފޮޓޯ: ފަތުރުވެރިކަމާ ބެހޭ ވުޒާރާ

ފަރުދުން
17 އޭޕްރީލު 2025، 12:09
17 އޭޕްރީލު 2025، 12:09
އ.ދގެ ޓޫރިޒަމް ކޮމިޝަން ފޮރ ސައުތު އޭޝިއާގެ 2025-2027 ޗެއަރކަމަށް ރާއްޖެ އައްޔަންކޮށްފިއެވެ.
މި މަޤާމަށް ރާއްޖެ އައްޔަންކުރީ ދުނިޔޭގެ ފަތުރުވެރިކަމާއި ބެހޭ ޖަމްޢިއްޔާގެ އިރުމަތީ އޭޝިއާ އަދި ޕެސިފިކް ސަރަހައްދާއި، ދެކުނު އޭޝިއާ ސަރަހައްދުގެ 37 ވަނަ ޖޮއިންޓް މީޓިންގް އަދި 60 ވަނަ ޓޫރިޒަމް ކޮމިޝަން ފޮރ ސައުތު އޭޝިއާ ބައްދަލުވުމުގައެވެ.
އެގޮތުން އިންޑޮނޭޝިއާގެ ވެރިރަށް ޖަކާޓާގައި އަންގާރަ ދުވަހާއި ބުދަ ދުވަހު ކުރިޔަށް ދިޔަ މި ބައްދަލުވުންތަކުގެ ތެރެއިން، 37 ވަނަ ޖޮއިންޓް މީޓިންގެ ކޯ-ޗެއަރ ކަމާއި 60 ވަނަ ސީއެސްއޭ ބައްދަލުވުމުގެ ޗެއަރކަން ރާއްޖެއިން ވަނީ ކޮށްފައެވެ.
މި ބައްދަލުވުމުގައި ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޑރ. އަބްދުﷲ ނިޔާޒު ވަނީ ދިވެހިރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް ކުރެވެމުންދާ މަސައްކަތްތައް ޙިއްސާކުރައްވާފައެވެ.
އަދި މީހުން ދިރިއުޅޭ ރަށްތަކުގައި ފަތުރުވެރިކަން ތަރައްގީކޮށް، މި ސިނާޢަތުގެ ފައިދާ ރަށުގެ އިޤްތިޞާދަށާއި ރައްޔިތުންނަށް ފޯރުކޮށްދީ، ފަތުރުވެރިންނަށް ރާއްޖޭގެ ސަގާފަތާއި ތަރިކަ ތަޖުރިބާކުރުމުގެ ފުރުސަތު ފަހިކުރުމަށް ކުރެވެމުންދާ މަސައްކަތްތައް އޭނާ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ފަތުރުވެރިކަމުގެ ސިނާޢަތުގައި ތިމާވެށި ރައްކާތެރިކޮށް ހިމާޔަތްކުރުމަށް ކުރަމުންދާ މަސައްކަތްތަކަށްވެސް ސްޓޭޓް މިނިސްޓަރ ޑރ. ނިޔާޒު ވަނީ އަލިއަޅުވާލައްވާފައެވެ.