ޚަބަރު
ސެންޓްރަލް ޖަލު ނިމެންދެން ހުޅުމާލޭގައި ވަގުތީ ޖަލެއް އެޅުމަށް ބިން ހަމަޖައްސައިފި

ހުޅުމާލެ ޖަލު ---
ސެންޓްރަލް ޖަލު ނިމެންދެން ހުޅުމާލޭގައި ވަގުތީ ޖަލެއް އެޅުމަށް، ހުޅުމާލޭ ޖަލާއި އިންވެގެން އޮތް ބިން ހަމަޖައްސައިފިއެވެ.
މިކަމާ ގުޅިގެން ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވީ، ސެންޓްރަލް ޖަލެއް އެޅެންދެން ވަގުތީ ޖަލެއް އެޅުން މުހިންމު ކަމަށެވެ. އަދި މިކަމާ ގުޅިގެން މާލެ ސިޓީ ކައުންސިލާއި، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީ އާއި ކަރެކްޝަނަލް ސާރވިސަސްއާއެކު މަޝްވަރާކުރައްވާފައިވާ ކަމަށާއި، މި މަޝްވަރާއަށްފަހު، ހުޅުމާލޭ ޖަލާ އިންވެގެން އޮތް ބިން ވަގުތީ ޖަލެއް އެޅުމަށް ކަރެކްޝަންސްއަށް ދިނުމަށް އެއްބަސްވުމަކަށް އާދެވިފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.
ސެންޓްރަލް ޖަލު އަޅާނިމި ހުރިހާ ޖަލެއް އެތަނަށް ބަދަލުވަންދެން ހުޅުމާލޭޖަލާއި އިންވެގެންއޮތް ބިން ކަރެކްޝަނަލް ސާރވިސްގެ ބޭނުމަށް ބޭނުންކުރަމުން ދިއުމަށް @MaleCitymv އާއި @hdcmaldives އަދި @CorrectionsMv އާއި އެކު މަޝްވްރާ ކުރެވިވަނީ އެއްބަސްވެވިފަ. ރައީސުލްޖުމްހޫރިއްޔާގެ…
— Minister of Homeland Security & Technology (@min_mohst) April 16, 2025
ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި ވަޒީރު ވިދާޅުވީ، މި ވަގުތީ ޖަލަކީ ޕްރީ ފެބްރިކޭޓްކޮށް ހަދާ ތަނެއް ކަމަށާއި، އެހެންކަމުން 8 މަސް ދުވަހުގެ ތެރޭގައި މިތަނުގެ މަސައްކަތް ނިމޭނެކަމަށް ލަފާކުރެވޭކަމަށެވެ.
ގައިދީން ބެލެހެއްޓުމުގެ ނިޒާމު ހަރުދަނާކުރުމަށް ސަރުކާރުގެ ވިސްނުމަކީ ސެންޓްރަލް ޖަލެއް އެޅުމެވެ. އެގޮތުން ވަކިވަކި ރަށްރަށުގައި ހުރި ޖަލުތައް އޭރުން ދޫކޮށްލެވޭނެއެވެ. އަދި މި ސެންޓްރަލް ޖަލު ޤާއިމްކުރުމުގެ މަސައްކަތް ކުރަމުން އަންނަނީ އުތުރު ތިލަފަޅުގައެވެ. މި މަސައްކަތަށް 3 އަހަރެއްހާ ދުވަސް ހޭދަވާނެކަމަށް ވަޒީރު އިޙުސާން ވަނީ ވިދާޅުވެފައެވެ.
ޖަލުތައް އެއްކޮށްލުމުން، ޚަރަދު ކުޑަކުރެވޭނެ ކަމަށްވެސް ސަރުކާރުން ހާމަކޮށްފައިވެއެވެ. އެގޮތުން މިހާރު ގައިދީއެއްގެ ބޮލަކަށް ޖެހޭ 27،000ރ. ގާތްގަނޑަކަށް 17،000ރ. އަށް ކުޑަކުރެވޭނެކަމަށް ސަރުކާރުން އަންދާޒާ ކުރެއެވެ.