ދުނިޔެ / ޚަބަރު
އިޒްރާއިލް ޕާސްޕޯޓު މަނާކުރުމުން ހަމާސް ޖަމާޢަތުން މަރުޙަބާ ކިޔައިފި

ހަމާސްއިން ބޭއްވި ބައްދަލުވުމެއް
އިޒްރާއިލްގެ ޕާސްޕޯޓުގައި ރާއްޖެެއަށް އެތެރެވުން މަނާކުރުމުން ފަލަސްޠީނުގެ މިނިވަންކަމަށް ޖިހާދުކުރާ ހަމާސް ޖަމާޢަތުން އެކަން ފާހަގަކޮށް މަރުޙަބާ ކިޔައިފިއެވެ.
ހަމާސް ޖަމާާޢަތުން ބުނެފައިވަނީ ދިވެހިރާއްޖެއަށް އިޒްރާއިލްގެ ޕާސްޕޯޓުގައި ނުވަދެވޭނެ ގޮތައް ނިންމި ނިންމުން އެޖަމާޢަތުން ބަލައިގަންނަކަމަށެވެ.
އަދި ރާއްޖެއިން ފަސްޖެހުމެއްނެތި އެޅި މިފިޔަވަޅަކީ ރަނގަޅު މިސްރާބަކަށް ދިއުމަށް އެޅުނު ފިޔަވަޅެެއްކަމަށް ހަމާސްއިން ބުނެފައިވެއެވެ.
ހަމާސްއިން ވަނީ ރާއްޖެއިން އިޒްރާއިލާއި ދެކޮޅަށް އެޅި މިފިޔަވަޅު މިސާލެއް ކަމަށް ބަލައި އިޒްރާއިލުން ހިންގާ ޓެރަރިސްޓު ޢަމަލުތައް ހުއްޓުވުމަށް އިޒްރާއިލް އެކަހެރި ކުރުމުގެ މަސައްކަތުގައި ބައިވެރިވުމަށެވެ.
އިއްޔެ ރައްޔިތުންގެ މަޖިލީހުން އިޒްރާއިލްގެ ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެނުވެވޭނެ ގޮތަށް އިމިގްރޭޝަންގެ ޤަވާއިދަށް ގެނައި އިސްލާޙް ފާސްކުރުމާއި އެކު ރައީސް ޑރ މުޙައްމަދު މުޢިއްޒު ވަނީ އެބިލް ތަސްދީޤްކުރައްވައިފައެވެ.
ރައީސް ޑރ މުޢިއްޒު އެބިލް ތަސްދީޤް ކުރެއެއްވުމާއި އެކު އިޒްރޭލު ޕާސްޕޯޓާއެކު އެހެން ޤައުމުތަކުގެ ޕާސްޕޯޓު އޮންނަ ނުވަތަ ޑުއަލް ސިޓިޒެންޝިޕް އޮންނަ މީހުންނަށް ރާއްޖެ އެތެރެވުމުގެ ފުރުސަތު ލިބިގެންދާނެއެވެ. ނަމަވެސް ހަމައެކަނި އިޒްރާއިލްގެ ޕާސްޕޯޓު އޮންނަ ނަމަ ރާއްޖެއަށް އެތެރެއެއް ނުވެވޭނެއެވެ.
ރާއްޖެއަށް އިޒްރާއިލް ޕާސްޕޯޓުގައި ނުވަދެވޭނެހެން އެޕާސްޕޯޓު މަނާކުރުމުގެ ބޭނުމަކީ އިޒްރާއީލުން ފަލަސްޠީނުގެ ދަރިފަސްކޮޅު ނައްތައިލުމަށް ހިންގަމުންދާ ލާއިންސާނީ ޢަމަލުތަކާއި ގަތުލުއާންމާ ދެކޮޅަށް ދިވެހިރާއްޖެއިން ފިޔަވަޅުއެޅުމުގެ ގޮތުން، ދިވެހިރާއްޖެއަށް އިސްރާއީލުގެ ޕާސްޕޯޓުގައި އިސްރާއީލުގެ ރައްޔިތުން އެތެރެވުން މަނާކުރުމެވެ.