ޚަބަރު
ގއ. ދާންދޫގައި ޑްރައިވިންގ ލައިސަންސް ޓްރެކެއް ހުޅުވައިފި

ގއ. ދާންދޫގައި ޑްރައިވިންގ ލައިސަންސް ޓްރެކް ހުޅުވުން ފޮޓޯ:ދަތުރު ފަތުރާއި ބެހޭ ވުޒާރާ
ގއ. ދާންދޫގައި ޑްރައިވިންގ ލައިސަންސް ޓްރެކެއް ހުޅުވައިފިއެވެ. މި ޓްރެކް ހުޅުވުމާއެކު، ގއ. ދާންދޫއިން ިން 'އޭ' ކެޓަގަރީގެ ޑްރައިވިންގ ލައިސަންސް ދޫކުރުމުގެ ޚިދުމަތް ފޯރުކޮށްދެވޭނެކަމަށް ދަތުރުފަތުރާ މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން މިއަދު ހާާމަކުރެއްވިއެވެ.
މި އައު ލައިސަންސް ޓްރެކް ހުޅުވުމުގެ މައިގަނޑު މަޤްޞަދަކީ އެ ސަރަޙައްދުގެ ރައްޔިތުންނަށް ލައިސަންސް ހޯދުމަށްޓަކައި ކައިރި އެހެން ރަށްރަށަށް އަދި މާލެ އައުމުގެ ބުރަ ލުއިކޮށްދިނުމެވެ. މިއީ ސަރުކާރުން ލާމަރުކަޒީ އުސޫލުން ޚިދުމަތްތައް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އެޅުނު މުހިންމު ފިޔަވަޅެއްކަމަށް ވުޒާރާއިން ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޑްރައިވިންގ ލައިސަންސް ޓްރެކްތައް ޤާއިމުކުރުމުގެ މަޝްރޫޢުއަކީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށްވެސް ފަސޭހަކަމާއެކު ޑްރައިވިންގ ލައިސަންސް ހޯދުމުގެ ފުރުޞަތު ފަހިކޮށްދިނުމަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢުއެކެވެ. މި މަޝްރޫޢުގެ ދަށުން ގއ. ދާންދޫގައި ޓްރެކް ހުޅުވުމަކީ މުހިންމު ފިޔަވަޅެއްކަމަށް ވުޒާރާއިން ދެކެއެވެ.
ގއ.ދާންދޫގައި ޑްރައިވިންގ ލައިސަންސް ޓްރެކް ހުޅުވުމުގެ ރަސްމިއްޔާތު: މި އައު ލައިސަންސް ޓްރެކްއާއިއެކު، ގއ.ދާންދޫއިން 'އޭ' ކެޓަގަރީގެ ޑްރައިވިންގ ލައިސަންސް (ލައިސަންސް ކާޑު) ދޫކުރުމުގެ ޚިދުމަތް ފޯރުކޮށްދެވޭނެއެވެ. pic.twitter.com/szydeD34pX
— Ministry of Transport and Civil Aviation (@MoTCAmv) April 13, 2025
ރާއްޖޭގައި ލައިސަންސް ދޫކުރުމުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމަށްޓަކައި އަޅަމުންދާ މިފަދަ ފިޔަވަޅުތަކަކީ ރާއްޖޭގެ މަގުތަކުގެ ރައްކާތެރިކަން އިތުރުކުރުމަށާއި، ލައިސަންސް ދޫކުރުމުގެ ނިޒާމަށް ރައްޔިތުންގެ އިތުބާރު އިތުރުކުރުމަށް އެޅޭ މުހިންމު ފިޔަވަޅުތަކެކެވެ. އަދި މިފަދަ އައު ފިޔަވަޅުތަކުގެ ސަބަބުން ރާއްޖޭގައި ލައިސަންސް ދޫކުރުމުގެ ނިޒާމު އިތުރަށް ހަރުދަނާވެ، ރައްޔިތުންނަށް ލުއިފަސޭހަވާނެކަމަށްވެސް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ވިދާޅުވެފައިވެއެވެ.