ޚަބަރު
މާންދޫ ބެންޑުގައި ހިނގި އެކްސިޑެންޓެއްގައި މާބައިދޫ ޒުވާނަކު ނިޔާވެއްޖެ

މާންދޫގެ މަގެއް ފޮޓޯ:އިންޓަނެޓް
ލ. މާންދޫ ބެންޑު ސަރަހައްދުގައި މިއަދު ފަތިހު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ލ. މާބައިދޫ އަށް ނިސްބަތްވާ 35 އަހަރުގެ ޒުވާނެއް ކަމުގައިވާ އިބްރާހިމް ނައުޒަމް ވަނީ ނިޔާވެފައެވެ.
ގަމު ކައުންސިލުގެ ރައީސް އަހުމަދު ޒަކީ މައުލޫމާތު ދެއްވި ގޮތުގައި، މި ހާދިސާގައި ނިޔާވި ޒުވާނާއަކީ މާންދޫ ބޯޓުގައި ކައްޕިއެއްގެ ގޮތުގައި ވަޒީފާ އަދާކުރަމުން އައި ފަރާތެކެވެ. އެކްސިޑެންޓް ހިނގާފައިވަނީ ސައިކަލް ކޮންޓްރޯލް ނުވެ، މާންދޫ ބެންޑުގެ ބެޑު ފާރުގައި ޖެހުމުގެ ސަބަބުންނެވެ.
އެކްސިޑެންޓް ވުމާ ގުޅިގެން އިބްރާހިމް ނައުޒަމް ވަނީ ގަމު ރީޖަނަލް ހޮސްޕިޓަލަށް ގެންދެވިފައެވެ. ނަމަވެސް، ސައިކަލުން ވެއްޓުމުގެ ސަބަބުން ބޮލަށް ލިބުނު ސީރިއަސް އަނިޔާތަކާ ގުޅިގެން މިއަދު ހެނދުނު އޭނާ ވަނީ ނިޔާވެފައެވެ. މި ހާދިސާއާ ގުޅޭ ގޮތުން ގަމު ރީޖަނަލް ހޮސްޕިޓަލުގެ ބަހެއް އަދި ވަނީ ނުލިބިއެވެ.
މާންދޫ ބެންޑް ސަރަހައްދަކީ މީގެ ކުރިންވެސް ގިނަ އެކްސިޑެންޓުތަކާއި ހިތާމަވެރި ހާދިސާތައް ހިނގާފައިވާ ސަރަހައްދެއްކަން ފާހަގަކުރެވެއެވެ. މި ސަރަހައްދުގައި ހިނގާ މިފަދަ ހާދިސާތައް މަދުކުރުމަށް އިތުރު ފިޔަވަޅުތަކެއް އެޅުމަށް ގިނަ ފަރާތްތަކުން ގޮވާލަމުންދާކަން ފާހަގަކުރެވެއެވެ.
މިއަދު ހުޅުމާލޭގައިވެސް ސައިކަލެއް ކޮންޓްރޯލް ނުކުރެވި ވެއްޓިގެން ހިނގި އެކްސިޑެންޓެއްގައި 29 އަހަރުގެ ދިވެހި ފިރިހެނަކަށް ސީރިއަސް އަނިޔާތަކެއް ލިބި، މިވަގުތު އައިޖީއެމްއެޗްގައި ފަރުވާ ދެމުންދާކަން ވެސް ފާހަގަކުރެވެއެވެ.