ޚަބަރު
އެމް.އޭ.ސީ.އެލްގެ އެހާރާއި މިހާރުގެ ހުރިހާ ޚިދުމަތްތެރީންނަށް ޝުކުރު ދަންނަވައި، އުފާވެރި އަހަރީ ދުވަހަކަށް އެދެން : ރައީސް މުޢިއްޒު

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވެލާނާ އެއަރޕޯޓްގެ އައު ކާގޯ ޓަރމިނަލް ހުޅުއްވައިދެއްވުން ފޮޓޯ:ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މޫޙައްމަދު މުޢިއްޒު، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) ގެ 59 ވަނަ އަހަރީ ދުވަހުގެ ތަހުނިޔާ ފޮނުއްވައިފިއެވެ. މި ތަހުނިޔާގައި ރައީސް މުޢިއްޒު، އެމް.އޭ.ސީ.އެލްގެ 59 އަހަރުގެ ޤައުމީ ޚިދުމަތުގެ އަގު ވަޒަންކުރައްވައި، އެހާރާއި މިހާރުގެ ހުރިހާ ޚިދުމަތްތެރިންނަށް ޝުކުރު ދަންނަވައި، އުފާވެރި އަހަރީ ދުވަހަކަށް އެދިވަޑައިގެންފައިވެއެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) އަށް 59 އަހަރު ފުރުމާ ގުޅިގެން، މިއަދު ހެނދުނު އެމް.އޭ.ސީ.އެލްއިން ވަނީ ޚާއްޞަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ. މި ހަރަކާތްތައް ފެށުނީ ވީއައިއޭގައި ބޭއްވުނު ދިދަ ނެގުމުގެ ރަސްމިއްޔާތަކުންނެވެ. މި ރަސްމިއްޔާތުގައި އެމް.އޭ.ސީ.އެލްގެ އިސްވެރިންނާއި މުވައްޒަފުންގެ އިތުރުން ސްޓޭކްހޯލްޑަރުން ބައިވެރިވިއެވެ.
އެމް.އޭ.ސީ.އެލްއިން މި ދުވަހުގެ މުނާސަބަތުގައި 59 ފޫޓުގެ ކޭކެއް ފަޅާލުމުގެ އިތުރުން، އެކުވެރިކަމުގެ ހިނގާލުމެއްވެސް ކުރިއަށް ގެންދިޔައެވެ.
މިއަދު ހެނދުނު ބޭއްވުނު ރަސްމިއްޔާތުގައި އެމް.އޭ.ސީ.އެލްގެ މެނޭޖިންގ ޑިރެކްޓަރު އިބްރާހިމް ޝަރީފް ވިދާޅުވީ ކުރިއަށް އޮތް އަހަރަކީ ތަރައްޤީގެ ގޮތުން އެތައް ކުރިއެރުންތަކެއް ވީއައިއޭއަށް ލިބޭނެ އަހަރެއް ކަމަށެވެ. އަދި ކުންފުނިތަކާ ހަވާލުކޮށްގެން ކުރެވޭ މަސައްކަތްތަކުން ނިންމާނީ ހަމައެކަނި ފެސިލިޓީތައް ކަމަށާއި، އެތަންތަން ހިންގައި ޤައުމަށް އޭގެ ފައިދާ ހޯދައިދެނީ މުވައްޒަފުންގެ ބުރަ މަސައްކަތުންކަން ފާހަގަކުރެއްވިއެވެ.
59 އަހަރުގެ ޤައުމީ ޚިދުމަތުގެ އަގު ވަޒަންކޮށް، އެމް.އޭ.ސީ.އެލްގެ އެހާރާއި މިހާރުގެ ހުރިހާ ޚިދުމަތްތެރީންނަށް ޝުކުރު ދަންނަވައި، އުފާވެރި އަހަރީ ދުވަހަކަށް އެދެން pic.twitter.com/xNeVZLhcjJ
— Dr Mohamed Muizzu (@MMuizzu) April 12, 2025
މީގެ އިތުރުން އެއަރޕޯޓުގެ ތަރައްޤީއަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޢިއްޒު އިސްކަން ދެއްވާކަން ފާހަގަކުރައްވައި އެމަނިކުފާނަށް ޝުކުރު ދަންނަވާކަމުގައި ޝަރީފް ވިދާޅުވިއެވެ.